Roadha Mihaaru
މިންގަނޑަށް ނުފެތޭ ޓިކްޓޮކް އަމިއްލައަށް ޑިލީޓްވަނީ!

މިންގަނޑަށް ނުފެތޭ ނަމަ ޓިކްޓޮކް ވީޑިއޯ އަމިއްލައަށް ޑިލީޓްވާ ގޮތް ހަދަނީ

11 ޖުލައި 2021

ކުރު ވީޑިއޯތައް އަޕްލޯޑްކުރަން މަޝްހޫރު އެޕް، ޓިކްޓޮކަށް ލާ ކޮންޓެންޓްތަކޔގެ ތެރެއިން މިންގަނޑަށް ނުފެތޭ އެއްޗެހި އަމިއްލައަށް ޑިލީޓްވާ ގޮތް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރު ވީޑިއޯތައް އަޕްލޯޑްކުރަން މަޝްހޫރު އެޕް، ޓިކްޓޮކަށް ލާ ކޮންޓެންޓްތަކޔގެ ތެރެއިން މިންގަނޑަށް ނުފެތޭ އެއްޗެހި އަމިއްލައަށް ޑިލީޓްވާ ގޮތް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ބުނެފި އެވެ.

އެ އެޕް ހިންގާ ޗައިނާގެ ބައިޓްޑާންސުން ބުނީ މިއީ ޓިކްޓޮކްގެ ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށެވެ.

މިންގަނޑަށް ނުފެތޭ ގޮތަށް ހުންނަ ވީޑިއޯތައް އޮޓޯއިން ޑިލީޓްވާ ގޮތަށް ހަމަޖެހުމުން ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓްތަކާއި ބަރަހަނާ މަންޒަތަކާއި ބޭއަދަބީ ވާހަކަތަކާއި ޖިންސީ ކަންކަމަށް ހިތްވަރު ދިނުމާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުމާއި ހުއްދަ ނޫން މުއާމަލާތް ހިންގުމާއި ސައްހަ ނޫން މައުލޫމާތު ފެތުރުން ފަދަ ކަންކަމާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ކަމަށް ބައިޓްޑާންސުން ބުންޏެވެ.

މިހާރު އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ޓިކްޓޮކަށް އަޕްލޯޑްކުރާ ކޮންޓެންޓްތައް ރިވިއުކުރަނީ އެކަމަށް ހާއްސަ ސޭފްޓީ ޓީމަކުންވެ. އަދި އެކަމަށް ޓެކްނޮލޮޖީގެ ބައެއް ޓޫލްސް ބޭނުންކޮށް، މިންގަނޑަށް ނުފެތޭ ކޮންޓެންޓެއް ނަމަ އެކަމުގެ ނޮޓިފިކޭޝަން އެ އަޕްލޯޑްކުރި މީހަކަށް ފޮނުވަ އެވެ.

އަލަށް ގެންނަން ނިންމި ބަދަލާ އެކު އަޕްލޯޑްކުރާ ކޮންޓެންޓް ރިވިއުކުރުން އަވަސްވެ، މިންގަނޑަށް ނުފެތޭ ކޮންޓެންޓް ހިނދުކޮޅެއްގެ ތެރޭގައި ބޭރުކޮށްލާނެ އެވެ. އެކަމަކު ފުރަތަމަ ފަހަރު އެފަދަ ކޮންޓެންޓެއް ލައިފި ނަމަ އެކަމާ ގުޅޭ އިންޒާޒެއް ލިބޭނެ އެވެ. އަދި އެ އެކަން ތަކުރާރުކޮށްފި ނަމަ ނޮޓިފިކޭޝަނަކުން އަންގައި، އުސޫލުތަކަށް އަމަލުނުކުރާ ނަމަ އެކައުންޓް ދާއިމަށް ޑިލީޓްކޮށްލާނެ އެވެ.

"މި ގެންނަ ބަދަލާ އެކު އަހަރެމެން ގަބޫލުކުރަނީ ބޭއަދަބީ މަންޒަރުތަކާއި ވާހަކަތަކާއި ބުލީ އާއި އެ ނޫން ވެސް ގޮތްގޮތުން ކުރެވޭ ފުރައްސާރަތަކާއި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ކަހަލަ ކޮންޓެންޓްތަކުން ޓިކްޓޮކް ސަލާމަތްވެ، ބޭނުންކުރާ މީހުންނަށް ވަރަށް ރައްކާތެރި އެއްޗަކަށް ވާނެ ކަމަށް،" ބައިޓްޑާންސުން ބުންޏެވެ.

މިފަދަ ބަދަލެއް ގެންނަން ޓިކްޓޮކުން ނިންމި އިރު އެއަށް އަޕްލޯޑްކުރާ ވީޑިއޯގެ ދިގުމިން މިނިޓަކުން ތިން މިނިޓަށް ބަދަލުކުރަން ވެސް ނިންމާފައިވެ އެވެ.

ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 1.1 ބިލިއަނަށް އަރަ އެވެ.