Roadha Mihaaru
ޗައިނާގެ އަސްކަރީ ތަމްރީންތަކެއް ތައިވާންގެ ވަށައިގެން

ޗައިނާގެ އަސްކަރީ ތަމްރީންތަކެއް ތައިވާންގެ ވަށައިގެން

09 ޖެނުއަރީ 2023

މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާންކުރަން ބޭނުންވާ ތައިވާންގެ ވަށައިގެންވާ ސަރަހައްދުގައި ޗައިނާ ސިފައިން އަސްކަރީ ފަރިތަކުރުންތަކެއް ބާއްވައިފި ކަމަށް ޗައިނާ އިން އިއްޔެ ބުނެފި އެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާންކުރަން ބޭނުންވާ ތައިވާންގެ ވަށައިގެންވާ ސަރަހައްދުގައި ޗައިނާ ސިފައިން އަސްކަރީ ފަރިތަކުރުންތަކެއް ބާއްވައިފި ކަމަށް ޗައިނާ އިން އިއްޔެ ބުނެފި އެވެ.

މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ތައިވާންގެ ވަށައިގެން މި ބޭއްވި އަސްކަރީ ފަރިތަކުރުންތަކާ ބެހޭ ގޮތުން ޗައިނާ އިން ބުނި ގޮތުގައި މި ފަރިތަކުރުންތަކަކީ އެއްގަމު މަގުން ހަމަލާ ދިނުމާއި ހަނގުރާމައިގެ ހާލަތުގައި ކަނޑުމަގުން އެއްގަމަށް އަރާނެ ގޮތުގެ ފަރިތަކުރުންތަކެކެވެ. މި ތަމްރީންތަކުގައި ޗައިނާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ އިތުރުން އެއްގަމު ސިފައިން ވެސް ބައިވެރިވި އެވެ.

ޗައިނާ އަސްކަރިއްޔާގެ އިރުމަތީ ކޮމާންޑްގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ތަމްރީންތައް ބޭއްވުމުގެ ބޭނުމަކީ، ހަނގުރާމައިގެ ހަގީގީ ހާލަތަކަށް ތައްޔާރުވެ ތިބޭ މިންވަރު މަތިކުރުމާއި، ސަލާމަތީ ގޮތުން ބަލަހައްޓަންޖެހޭ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މި ފަރިތަކުރުންތައް ކުރިއަށް ދިޔައީ ތައިވާންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގަޔާއި ވައިގެ ސަރަހައްދުގައި ކަމަށް ވެސް ޗައިނާގެ އަސްކަރިއްޔާ އިން ބުންޏެވެ.

މި ފަރިތަކުރުންތަކާ ގުޅޭ ގޮތުން ތައިވާން ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޗައިނާގެ އަސްކަރިއްޔާގެ އެ އަމަލުތަކަކީ ތައިވާން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަށް ހުރަސްއެޅޭނެ ކަންތައް ކަމަށެވެ. އެ އަމަލުތައް ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ތައިވާން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަކީ ތައިވާންގެ އިތުރުން ޗައިނާގެ ވެސް ޒިންމާއެއް ކަމަށެވެ.

ޗައިނާގެ އަސްކަރިއްޔާ އިން އެފަދަ ތަމްރީންތަކެއް ބޭއްވިޔަސް، ތައިވާނުން އެކަމަށް ރައްދެއް ނުދޭނެ ކަމަށާއި ހަމަނުޖެހުމެއް އުފައްދަން ވެސް މަސައްކަތް ނުކުރާނެ ކަމަށް ތައިވާން ސަރުކާރުން ބުންޏެވެ. އެހެން ނަމަވެސް ލިބި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވިޔަސް، ގައުމުގެ ސިޔާދަތާއި ސަލާމަތީ ރައްކާތެރިކަން ދިފާއުކުރާނެ ކަމަށް ވެސް ތައިވާން ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ތައިވާންގެ އަސްކަރިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ތައިވާންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ޗައިނާގެ ހަތަރު މަނަވަރު ވަނީ ފެނިފަ އެވެ. އަދި ތައިވާންގެ ވަށައިގެންވާ ވައިގެ ސަރަހައްދުން ޗައިނާގެ ވައިގެ ސިފައިންގެ 57 އަސްކަރީ މަތިންދާބޯޓު ފެނުނެވެ.

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކުގެ ތެރެއިން 28 މަތިންދާބޯޓެއް ދަތުރުކުރީ ތައިވާންގެ ހުޅަނގު ދެކުނުގައި އޮންނަ ވައިގެ ދިފާއީ ސަރަހައްދުގެ އެތެރެއިންނެވެ. އަދި ބައެއް ބޯޓުތައް ދަތުރުކުރީ ދެ ގައުމުގެ ދެމެދުގައި އޮންނަ އިން ވަކިކުރާ ރޮނގު ހިމެނޭ ސަރަހައްދުންނެވެ. އޭގެ އިތުރުން، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ، އެޗް-6 މަރުކާގެ ބޮން އަޅާ ދެ ބޯޓު ތައިވާންގެ ދެކުނު ވައިގެ ސަރަހައްދުން ދަތުރުކުރި އެވެ.

ގާތްގަނޑަކަށް 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނަކީ، ޗައިނާގެ އިރުދެކުނު އައްސޭރިފަށުން ފެށިގެން 130 މޭލު ދުރުގައި ވަކިން އޮންނަ ޖަޒީރާއެކެވެ. ތައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނާ އިރު، ޗައިނާގެ ކޮމިޔުނިސްޓް ސިފައިންނާއި، ވަތަނީ ފިކުރުގެ ހަނގުރާމަވެރިންނާ ދެމެދު، މީގެ 72 އަހަރު ކުރިން ހިނގި ދާހިލީ ހަނގުރާމައަށް ފަހު، އިދާރީ ގޮތުން ތައިވާން ހިންގަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ.

މީގެ 73 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.

އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.

ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.