Roadha Mihaaru
ރައީސާއެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް: ނަޝީދު

ރައީސާއެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް: ނަޝީދު

12 ޖުލައި 2021

އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ފިކުރީ ގޮތުން ހިޔާލު ތަފާތުވެފައިވާތީ، އެ މަނިކުފާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލެއްވިކަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ފިކުރީ ގޮތުން ހިޔާލު ތަފާތުވެފައިވާތީ، އެ މަނިކުފާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލެއްވިކަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރައްވައިފި އެވެ.

ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި އެމްޑީޕީގެ ރައީސް ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހާއި ޕާޓީގެ ލީޑަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްތަކަށް ފޮނުއްވި މެސެޖެއްގަައި ވިދާޅުވީ، "...ދެން ރައީސުލްޖުމްހޫރިއްޔާއާ އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ކަމަށެވެ.

މި މެސެޖުގައި ނަޝީދު ވިދާޅުވި، އެންމެ މުހިންމު އެއް ވާހަކަފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމެވެ.

"ރައީސް ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާ ނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން ނަޝީދު އިއުލާން ކުރެއްވިއިރު، އެ ދެ ބޭފުޅުން އެކި މައްސަލަތަކުގައި ހިޔާލު ތަފާތުވުން އުޅޭތާ ކިތަންމެ ދުވަހެކެވެ. ހާއްސަކޮށް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ނަޝީދު ވަނީ ފަހަކަށް އައިސް ވާހަކަފުޅު ދައްކަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާުލު ތަފާތުވުންތަކުގެ ނަތީޖާއަކީ މިހާރު އެމްޑީޕީ ދެބައިވެ ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމެވެ. ޕާޓީގެ ތެރޭގައި ދެ ފެކްޝަން އޮތްކަން މިހާރު އެންމެ ފަސޭހައިން ފެންނަ އެއް މާލަމަކީ ރައްޔިތުންގެ މަޖިލީހެވެ.

ރައީސް ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާ ނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،"--- ނަޝީދު

ރައީސާއި އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ސިޔާސީ ގޮތުން ރައީސާ ހިޔާލު ތަފާތު ނަމަވެސް ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި ކަމަށެވެ.

"އަޅުގަނޑުގެ ދަރިންގެ އިބޫދޮންބެއޭ އެއީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ އޮތް އާއިލީ ގާތްކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ "މައްސަލައެއް ޖެހިގެން" ނޫޅުއްވާ ކަމަށާއި "ނުވެސް ޖެހޭނެ" ކަމަށެވެ.

"އެކަމަކު އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާއާ މިހާރު ފިކުރީ ގޮތުން ހިޔާލު ތަފާތު،" ނަޝީދު ވިދާޅުވި އެވެ.