Roadha Mihaaru
ޑީލަކީ ބަރުލަމާނީ ގެންނަން ޔާމީން ދޫކޮށްލުން؟

ނަޝީދުގެ ބަރުލަމާނީ ހުވަފެނަކީ، ޔާމީން މިނިވަންވުމުގެ ޓިކެޓް؟

06 ޖުލައި 2021

ސިޔާސީ ބޭފުޅުން "ޑީލް"ތަކުގެ ތެރެއިން ކަންކަން ކުރުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މެދުވެރި ކުރައްވައި ކަންކަން ކުރުވުން، އެއީ މާޒީގައި ހިނގާފައިވާ ކަންކަމެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސިޔާސީ ބޭފުޅުން "ޑީލް"ތަކުގެ ތެރެއިން ކަންކަން ކުރުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މެދުވެރި ކުރައްވައި ކަންކަން ކުރުވުން، އެއީ މާޒީގައި ހިނގާފައިވާ ކަންކަމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ޖަލަށް ލުމުން އެކަމުން ސަލާމަތް ވާން ހެއްދެވި "ޑީލް"ތަކުގެ ވާހަކަ ސިޔާސީ ބަހުސްތަކުން އިވޭނެ އެވެ. ރިޔާސީ އިންތިހާބު ގާތްވަމުން އަންނަ ވަރަކަށް އަނެއްކާ ވެސް "ޑީލް" އަކުން ކަންކަން ނިންމޭނެ ޒާތުގެ ވާހަކަތައް ނަޝީދުގެ ފަރާތްޕުޅުން ތިލަވާން ފަށާފައިވާއިރު، މި ފަހަރުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލެއްވުމާއި އެ މަނިކުފާނު އަލުން ވެރިކަމަށް ވަޑައިގަތުމުގެ ހުވަފެން ހަގީގަތަކަށް ހެއްދެވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު، ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި އެ މަނިކުފާނު ޗާޓު ކުރައްސަވާ ގޮތް ކޮންމެވެސް ވަރަކަށް ސާފުވެ އެވެ. އެ "ޗާޓު"ން ދައްކައިދޭ ސާފު އެއް މަންޒަރަކީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ޕީީޕީއެމް/ޕީއެންސީގެ ކޯލިޝަނަކީ ނަޝީދަށް އެހީތެރިކަން ބޭނުންވާނެ އެންމެ މުހިންމު އަމާޒު ކަމެވެ. ޔާމީނާއި ޕީޕީއެމް ކޯލިޝަންގެ ތާއީދު ލިބިއްޖެ ނަމަ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމާއި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ހުވަފެނުގައި ކުލަޖެހުން ގާތްކަން ނަޝީދުގެ ވާހަކަފުޅުތަކުން މިހާރު އެނގެ އެވެ.

ނަޝީދާއި ބޮޑުވަޒީރު ކަމުގެ މަގާމާ ދެމެދު އޮތް އެއް ހުރަހެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެނީ، މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަންގެ އެހެން ޕާޓީއެއްގެ ތާއީދާ ނުލައި، ނަޝީދަށް އެކަނި އެވަރުގެ ބޮޑު ބަދަލެއް ގެންނަން ރައްޔިތުންގެ ތާއީދު ހޯދުމެވެ.

އަނެއް ކަމަކީ ގާނޫނުއަސާސީ ބަދަލު ކުރަން 66 މެންބަރުންގެ ވޯޓް ބޭނުންވާއިރު، އެމްޑީޕީގައި ރިޔާސަތާ ނުލައި ތިބޭނީ 64 މެންބަރުން ކަމެވެ. އަދި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއިން އެ ޕާޓީ ވެސް ވަރަށް ބޮޑަށް ދެ ފަޅިވެ ވޯޓު ބައިބައިވެގެން ދާނެ ކަމަށް ބެލެވޭއިރު، މަޖިލިސް ތެރެއިން ވެސް އެކަން ކުރުމަށް ހުރި ހުރަސްތަކެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު--

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު--

ނަޝީދު ރޭ ވިދާޅުވި ގޮތުގައި "ބަރުލަމާނީ ނިޒާމު ގެންނާކަށް މާ ބޮޑު ހުރަހެއް ނެތެ"ވެ. އަދި އެކަން ކުރައްވަން އެ މަނިކުފާނު ވިސްނަވާ ގޮތުގެ ކުރު ހުލާސާއެއް ދެއްވި އެވެ.

ބަރުލަމާނީ ނިޒާމް ގެންނާނީ އެމްޑީޕީ/ޕީޕީއެމް ގުޅިގެން

މިވަގުތު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލު ކުރުމަށްޓަކައި 2023 ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް އެމަނިކުފާނު ކުރައްވާނެ އެވެ.

އެ ބަދަލަށް އިދިކޮޅު ޕާޓީ، ޕީޕީއެމުން ވެސް ތާއީދު ކުރާނެ ކަމަށް ނަޝީދު ގަބޫލު ކުރައްވަ އެވެ. ޕީޕީއެމް އަކީ ބަރުލަމާނީ ނިޒާމާ ބީރައްޓެހި ޕާޓީއެއް ނޫން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެ ނިޒާމަށް ތާއީދު ކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މީގެ ކުރިން ރައީސް ޔާމީން ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާފައި. އަދި [އެ ނިޒާމަށް] ތާއީދު ނުކުރައްވާ ވާހަކައެއް ވެސް ވިދާޅުވެފައި ނުވޭ. އެމްޑީޕީ އާއި ޕީޕީއެމް ދެ ޕާޓީ މި ނިޒާމަށް ތާއީދު ކުރެވި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޕީޕީއެމް ދެ ޕާޓީ މި ނިޒާމަށް ތާއީދު ކުރެވި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ -- ނަޝީދު

މިސާލަކަށް ނަޝީދު އެ ވިދާޅުވާ ގޮތަށް ޔާމީން ތާއީދު ކުރައްވައިފި ނަމަ، ގާނޫނުއަސާސީ ބަދަލު ކުރުމަށް ޕީޕީއެމްގެ ތިން މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުންގެ ތާއީދު ލިބުމުގެ ފުރުސަތު ފަހިވާނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ އެއް ގަލަކަށް އަރައިފި ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ބޮޑުވެ، އެ ރިސްކު ވެސް ކުޑަ ކުރެވޭނެ އެވެ.

ދެން ސުވާލަކީ މި ވަގުތު ބޮޑު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީން އަދި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުން އަންނަ ޕީޕީއެމް/ޕީއެންސީ އިން ނަޝީދު ބޮޑު ވަޒީރަކަށް ހަދަން ތާއީދު ކުރަންވީ ކީއްވެ ހެއްޔޭ އެވެ؟

"ޔާމީން މިނިވަން ކުރޭ، މަޝްވަރާ އަށް ދާނަން"

ނިޒާމް ބަދަލު ކުރުމުގެ ވާހަކަތަކާ ގުޅިގެން "މިހާރު"ން ސުވާލު ކުރުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ނަޝީދު ރޭ ދެއްވީ ޕީޕީއެމުން މަޝްވަރާ އަށް އައުމުގެ ދައުވަތެކެވެ.

"ޕީޕީއެމްއަކީ ވާހަކަ ދައްކާނެ ޕާޓީއެއް. އަޅުގަނޑުމެން މަޝްވަރާ އަށް ދާނަން. އެ ފުރުސަތު އަބަދުވެސް އޮންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ގައުމުގެ މިފަދަ ބޮޑެތި ނިންމުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ފަރާތުން ވެސް މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ޖެހޭނީ ޔާމީނާ އެކުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެކަން ކުރުމަށް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ "ސިޔާސީ ހުކުމް" ބާތިލްކޮށް މިނިވަން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް-- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް-- ފޮޓޯ: މިހާރު

"ނަޝީދު ވެސް ގަބޫލު ކުރައްވާ ރައީސް ޔާމީން ޖަލުގައި ހުންނަން ނުޖެހޭ ކަން. އެހެންވެ އެމަނިކުފާނު މިނިވަން ކުރަން ޖެހޭނެ،" ޝިޔާމް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަށް ޔާމީން ތާއީދުކުރޭތޯ ސުވާލު ކުރުމުން ޝިޔާމް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ އެކަން ހާމަ ކުރާނީ އިދިކޮޅު ދެ ޕާޓީން ކަމަށެވެ. އަދި ރިޔާސީ ނިޒާމެއް ތެރެއިން ވެސް ރައްޔިތުންނަށް ވަރުގަދަ ހިދުމަތެއް ދެވޭނެ ކަން ޔާމީން ސާބިތު ކޮށްދެއްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ބެކަޕް ޕްލޭނަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓް

ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާ ގިނަ ވާހަކަފުޅެއް ނުދައްކަވަ އެވެ. ނަޝީދު ތަކުރާރުކޮށް އެ ވާހަކަ ދައްކަވައި، ރައީސްގެ އިޝާރާތަކަށް ބައްލަވައިގެން ހުންނެވި ނަމަވެސް އެމަނިކުފާނު އެކަމާ އިންކާރެއް ވެސް އަދި އެއްބަސް ވެސް ވަޑައެއްނުގަންނަވަ އެވެ. ހަމައެކަނި ވިދާޅުވީ "އެކަން ނިންމާނީ ރައްޔިތުން" ކަމަށެވެ.

އެމްޑީޕީގެ ތެރެއިން ނުވަތަ ޕީޕީއެމްގެ ފަރާތުން ތާއީދު ނުލިބިގެން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުގެ މަސައްކަތް ނާކާމިޔާބު ވެއްޖެ ނަމަ އަމާޒު ހުރީ ރިޔާސީ އިންތިހާބަށް ކަން ނަޝީދު ރޭ ހާމަ ކުރެއްވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބެއް ބާއްވަން ޖެހިއްޖެ ނަމަ އެމްޑީޕީގެ ފަރާތުން ނިކުންނަވާ ކެންޑިޑޭޓަކަށް ވާނީ އެމަނިކުފާނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދެއްވުމަށް ތާއީދު ކުރައްވާނެތޯ މީހަކު ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ޕާޓީން އަބަދުވެސް ތާއީދު ކުރަނީ ޕްރައިމަރީއަކުން ކަންކަން ނިންމުމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ވެސް ބުނާ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނުކުންނަވާ ބޭފުޅަކު ހޮވާނީ އެމްޑީޕީގެ އެތެރޭގައި ބާއްވާ އިންތިހާބަކުންނެވެ.

"ރިޔާސީ އިންތިހާބަކަށް ދާން ޖެހިއްޖެ ނަމަ އަޅުގަނޑު އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާ ގޮތަށް މި ހުރީ،" ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ރާއްޖޭގެ ވެރިކަން ހިންގާނެ ނިޒާމަކާ ގުޅޭ ގޮތުން ބަހުސް ކުރިއިރު ވެސް އެމްޑީޕީ އާއި އޭރު ޔާމީން ހިމެނިވަޑައިގަންނަވާ ޑީއާރްޕީ އިން އެއް ގަލަކަށް ނޭރެވުނެވެ. ޖޫން 18، 2006 ގައި ރައްޔިތުންގެ އާންމު ވޯޓަކަށް ދާން ނިންމީ އެހެންވެ އެވެ.

ނަމަވެސް މިފަހަރު މި ފެންނަނީ ނަޝީދަށް ބޮޑުވަޒީރުކަން ހޯދައިދޭން، އަދި ޕީޕީއެމުން ޔާމީން މިނިވަން ކުރަން ބޭނުންވާތީ އެއްގަލަކަށް އަރަން މަސައްކަތް ކުރާ މަންޒަރެވެ. މިއީ މުޅިން އެހެން ހާލަތެކެވެ.