Roadha Mihaaru
ސުޕަ މާރިއޯ ތީމްގެ ގަޑިއެއް؛ އަގަކީ 33،000ރ.

ސުޕަ މާރިއޯ ތީމްގެ ގަޑިއެއް؛ އަގަކީ 33،000ރ.

14 ޖުލައި 2021

ޖަޕާންގެ ނިންޓެންޑޯގެ މަޝްހޫރު ވީޑިއޯ ގޭމް "ސުޕަ މާރިއޯ" ކެރެކްޓާ ތީމަށް ސްމާޓް ގަޑިއެއް ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާންގެ ނިންޓެންޑޯގެ މަޝްހޫރު ވީޑިއޯ ގޭމް "ސުޕަ މާރިއޯ" ކެރެކްޓާ ތީމަށް ސްމާޓް ގަޑިއެއް ނެރެފި އެވެ.

ލިމިޓެޑް އެޑިޝަނެއްގައި މީގެ 2،000 ގަޑި ނެރެފައި ވަނީ ލަގްޒަރީ ގަޑި އުފައްފާ ސްވިޓްޒަލެންޑްގެ މަޝްހޫރު ކުންފުނި ޓަގް ހޮޔާ އާއި ނިންޓެންޑޯ ގުޅިގެންނެވެ. ދެ ކުންފުނިން ބުނި ގޮތުގައި "ސުޕަ މާރިއޯ" ތީމަށް ގަޑިއެއް ނެރެން ނިންމީ އެ ކެރެކްޓާ އަކީ ވީޑިއޯ ގޭމް ކުޅޭ މީހުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކެރެކްޓާއަކަށް ވުމެވެ. އަދި އަތުކުރީގައި އޮންނަ ގަޑިއަކުން ގޭމްގެ ތަފާތު ތަޖުރިބާއެއް ގެނެސްދިނުމާ އެކު އާންމު ލައިފްސްޓައިލާ ގުޅުން ހުރި ކަންތައްތަކެއް ގަޑިއަކުން ޝައުގުވެރި ގޮތަކަށް ގެނެސްދިނީ ކަމަށް ބުންޏެވެ.

އަންގާރަ ދުވަހު މި ގަޑި ދައްކާލި ނަމަވެސް ވިއްކަން ފަށާނީ މާދަމާއިން ފެށިގެންނެވެ. އުފައްދާފައި ވަނީ އެންމެ 2،000 ގަޑި ކަމަށް ވާތީ އެންމެ ކުރިން ގަޑި ގަންނަން އޯޑަރުކުރާ މީހުންނަށް އިސްކަން ދޭނެ އެވެ. ގަޑި ވިއްކާނީ ޓަގް ހޮޔާގެ ވެބްސައިޓުންނެވެ. ގަޑި އޮންނާނީ ދެ ކުންފުނީގެ ލޯގޯ ޖަހާފައިވާ ވަރަށް ހިތްގައިމު ފޮއްޓެއްގެ ތެރޭގަ އެވެ. ގަޑީގެ އަކީ 2،150 ޑޮލަރު (33,174ރ.) އެވެ.

އެ ކުންފުނީގެ ސީއީއޯ ފްރެޑްރިކް އާނޯލްޓް ވިދާޅުވީ ފަންކީ ގޮތަކަށް ސްމާޓް ގަޑިއެއް ގެނެސްދޭން ވިސްނައި ނިންޓެންޑާ ގުޅިގެން އެ މަސައްކަތްކުރަން ނިންމި ހިސާބުން އެންމެ ފުރަތަމަ ވެސް ހިޔާލަށް އައި ކެރެކްޓާ އަކީ "ސުޕަ މާރިއޯ" ކަމަށެވެ.

"މިއީ ހަމަ ގައިމު ވެސް ސްމާޓް ގަޑިތަކާއި އަދި ސުޕަ މާރިއޯގެ ފޭނުންނަށް ވަރަށް ވެސް ހާއްސަ އުފެއްދުމަކަށް ވާނެ." އޭނާ ވިދާޅުވި އެވެ.

"ސުޕަ މާރިއޯ" ގޭމް ނިންޓެންޑޯ އިން އެންމެ ފުރަތަމަ ނެރުނީ 1985 ގަ އެވެ. އޭގެ ފަހުން މިހާތަނަށް އެކި އެޑިޝަންތައް ނެރެ، 370 މިލިއަން ގޭމް ވިކިފައިވެ އެވެ.

ގަޑި އުފައްދާ ކުންފުނިތަކުގެ ތެރެއިން އެންމެ ތަޖުރިބާ ހުރި އަދި އެންމެ މަގުބޫލު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޓަގް ހޮޔާ އަކީ 1860 އިން ފެށިގެން ގަޑި އުފައްދާ ކުންފުންޏެކެވެ.