Roadha Mihaaru
ޝިހާބު: ސައުދީގެ ދިވެހި ޝެފް

ޝިހާބު: ސައުދީގެ ދިވެހި ޝެފް

22 ޖުލައި 2021

ރާއްޖެ އިން ބޭރުގައި އުޅޭ މަދު ޝެފުންގެ ތެރެއިން އެކަކީ އާދަމް ޝިހާބެވެ. ރިސޯޓެއްގެ ބަދިގޭގެ އާދައިގެ ވަޒީފާއަކުން އުމުރުން 16 އަހަރުގައި ޝިހާބު ފެށި ދަތުރުގެ ތެރެއިން އޭނާ ގެންގޮސް މިހާރު ބަނދަރުކޮށްފައި ހުރީ ސައޫދީ އަރަބިއްޔާގަ އެވެ. އޭގެ ކުރިން އެމެރިކާ އާއި އިޓަލީ އާއި އިންޑޮނީޝިއާ ފަދަ ގައުމުތަކުން ކެއްކުމުގެ ތަމްރީނު ހޯދައި، އެ ދާއިރާ އިން ޝިހާބް ގިނަ ތަޖުރިބާތަކެއް ހޯދާފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖެ އިން ބޭރުގައި އުޅޭ މަދު ޝެފުންގެ ތެރެއިން އެކަކީ އާދަމް ޝިހާބެވެ. ރިސޯޓެއްގެ ބަދިގޭގެ އާދައިގެ ވަޒީފާއަކުން އުމުރުން 16 އަހަރުގައި ޝިހާބު ފެށި ދަތުރުގެ ތެރެއިން އޭނާ ގެންގޮސް މިހާރު ބަނދަރުކޮށްފައި ހުރީ ސައޫދީ އަރަބިއްޔާގަ އެވެ. އޭގެ ކުރިން އެމެރިކާ އާއި އިޓަލީ އާއި އިންޑޮނީޝިއާ ފަދަ ގައުމުތަކުން ކެއްކުމުގެ ތަމްރީނު ހޯދައި، އެ ދާއިރާ އިން ޝިހާބް ގިނަ ތަޖުރިބާތަކެއް ހޯދާފައިވެ އެވެ.

އާއިލާއާ އެކު ސައުދީގައި ދިރިއުޅެމުން އަންނަ ޝިހާބަު ޝެފެއްގެ ވަޒީފާ އަދާކުރަނީ އަލް ޚޯބަރްގައި ހިންގާ ރެސްޓޯރަންޓް "ވެނިލް" ގަ އެވެ.

މިކަމާ ބެހޭ ގޮތުން ޝިހާބް ވަނީ އެސްކްއާ މަޖައްލާގެ މެދުއިރުމަތީ އެޑިޝަނަށް ހާއްސަ އިންޓަވިއުއެއް ވެސް ދީފަ އެވެ. އޭގައި ޝިހާބް ވަނީ އޭނާ ޝެފަކަށް ވާން ކުރި މަސައްކަތުގެ ވަރަށް ގިނަ ވާހަކަތަކާއި ލިބުނު ކުރިއެރުންތަކުގެ ވާހަކަ ވެސް ހިއްސާކޮށްފަ އެވެ.

ކެއްކުމުގެ ދާއިރާ އިން، ވަކިން ބޮޑަށް ބޭކިން އާއި ފޮނިކާ އެއްޗިއްސަށް ޝައުވެރިކަންދޭ ޝިހާބް ބުނި ގޮތުގައި އޭނާ އަކީ އަބަދު ވެސް ކެއްކުމުގެ ތެރެއަށް އަމިއްލަ ފާޑުވެރިކަން ގެންނަން ލޯބިކުރާ މީހެކެވެ. އެހެންވެ މަޝްހޫރު ޝެފުންގެ ކެއުންތައް ނަކަލުކޮށްގެން ކަސްޓަމަރުންގެ ރުހުން ހޯދުމަށް ވުރެ ބޮޑަށް އަބަދު ވެސް އިސްކަން ދެނީ އަމިއްލަވަންތަ ކަމަށެވެ.

"ސައުދީގައި މިހާރު މަސައްކަތްކުރަމުން އަންނަ އިރު އަހަރެން އަބަދު ވެސް ބަލަނީ ތަފާތު އަމިއްލަ ރަހަތަކެއް ފޯރުކޮށްދެވޭތޯ. އެގޮތުން ދިވެހި ރަހަތަކާއި ދުނިޔޭގެ އެހެން ތަންތަނުގެ ކެއުންތައް ވެސް ތައްޔާރުކުރަން. އެކަމަކު އަމިއްލަ ޓަޗް ގެނެސްގެން،" އޭނާ ބުންޏެވެ.

ކުޑައިރު މާމަ އާ އެކު ރަށުގައި އަލުވި ހައްދަން އުޅުނު ވާހަކަ އާއި ރިސޯޓެއްގެ ބަދިގޭގައި އާދައިގެ ބޯއިއަކަށް އުޅުނު ހަނދާންތައް މާޒީގެ ތެރެއަށް ދޫކޮށް، ޝިހާބް މިހާރު ހުރީ، ހިތްހަމަޖެހޭ ހިސާބެއްގަ އެވެ.

މިދިޔަ އަހަރު އޭނާ "އައިލެންޑާ ޝެފް"ގެ ނަމުގައި ފޮނިކާތަކެއްޗަށް ހާއްސަ ފޮތެއް ވެސް ނެރުނުވެ. އެކަމަކު މިހާރު ފޮތުގެ ފެންވަރާ މެދު އަމިއްލަ އަށް ހިތްހަމަނުޖެހޭތީ އޭގެ އިތުރު އެޑިޝަނެއް "އައިލެންޑާ ޝެފް: ގްލޯބަލް އެޑިޝަން"ގެ ނަމުގައި ނެރެން ވަނީ ނިންމައިފަ އެވެ.

"މިއަށް މި ފަހަރު ހޯދާނަން އިންޓަނޭޝަމަލް ޝެފުންގެ ކޮންޓްރިބިއުޝަން ވެސް."

އޭނާ ކިޔައިދިން ގޮތުގައި ކެއްކުމަށް ލޯބި ޖެހުމުގެ ހަގީގީ ސިއްރަކީ އިޓަލީން ތަމްރީނުވާން ފުރުސަތު ލިބުމެވެ. ސްކޫލްގައި އުޅުނު ދުވަސްވަރު ވެސް މަސައްކަތުގެ ތަޖުރިބާ ހޯދަން ޖެހުމުން ރިސޯޓެއްގައި މަސައްކަތްކުރަން ފެށި އެވެ. އެ ފުރުސަތު ހޯދައި ދިނީ ބޭބެއެކެވެ.

"އެތަނުގައި އުޅެނިކޮށް އިޓަލީ އަށް ޓްރޭނިން އަށް ދާން ލިބުނު 19 މީހުންގެ ތެރޭގައި އަހަރެން ވެސް ލައްވާލީ." ރިސޯޓްގައި އުޅެމުން އިޓަލީ ބަސް ވެސް ދަސްކުރި ޝިހާބް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ޕްރޮފެޝަނަލް ޝެފަކަށްވުމުން އަމިއްލަ ދިރިއުޅުމަށް ވަރަށް ގިނަ ބަދަލުތަކެއް ވެސް އަތުވެއްޖެ އެވެ. އެގޮތުން އެންމެ ބޮޑަށް ދަސްވީ ޕްރެޝަރު ބޮޑުކޮށް މަސައްކަތްކުރަން ޖެހޭ ބަދިގެ ކަހަލަ ތަނެއްގައި މީހާގެ އަމިއްލަ ނަފުސު ކޮންޓްރޯލްކޮށް، މަޑުމައިތިރިކަމާއި އިހުތިރާމާ އެކު މަސައްކަތްކުރުމުގެ ރޫހާއި ޖޯޝެވެ.

"ކުރިން ވެއްޖިއްޔާ އަހަންނަކީ ނަމޫނާ ފެނުނު ބައެއް މީހުންނާ އެއްގޮތަށް ބަދިގެ ތެރޭގައި ދުންބޮޑުވެފައި ހުންނަ މީހެއް،" ޝިހާބް ބުންޏެވެ.

"އެކަމަކު މިހާރު އޭގެ އިދިކޮޅު އަހަންނަކީ."

އޭނާ ބުނި ގޮތުގައި ސައުދީގައި މަސައްކަތްކުރަން ލިބުމަކީ ކެެރިއަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި އެ ގައުމުގެ މީހުންނަކީ ތަފާތު ރަހަތަކަށް ލޯބިކުރާ ބަޔަކު އުޅޭ ތަނަކަށް ވުމުން ރާއްޖޭގެ ހޮސްޕިޓަލިޓީ ތެރެއިން ދަސްވި ކަންކަން ސައުދީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.

"ކާމިޔާބު ޝެފެއްގެ ގޮތުގައި އަހަރެން ކުރިއަށް ދާން ބޭނުން ވަނީ ރާއްޖޭގެ ބްރޭންޑެއްކަން ވެސް އަންގައި ދީގެން. އެހެންވެ މިތަނުގައި އުޅޭ އިރު ރާއްޖެއާ ބެހޭ ވަރަށް ގިނަ ވާހަކަތައް ކަސްޓަމަރުންނާ ހިއްސާކުރަން،" ޝިހާބް ބުންޏެވެ.

"އެގޮތަށް ސަޖެސްޓްކޮށްގެން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ރާއްޖެ ވަރަށް ކަމުދާ ކަމަށް ބުނެ ފީޑްބެކް ދިން އެތައް ކަސްޓަމަރުންނެއް ވެސް ތިބޭނެ."

އޭނާ ބުނި ގޮތުގައި ކެރިއަރު އަދި ކުރިއަށް އޮތީ އެވެ. ކެއްކުމުގެ ދާއިރާ އިން ވަކިވުމެއް ނެތެވެ. އަމިއްލަ ރަހަތައް ގެނެސް ދިނުމަކީ އެންމެ ބޮޑު ޝައުގެވެ. މީގެ އިތުރުން ބޭކިންގެ ތެރެއިން ޝިހާބް އެންމެ ގަޔާވަނީ ތަފާތު ރަހަތަކުގެ ޕާނަށެވެ.

"އެއީ އަބަދު ވެސް އެންމެ ގަޔާވެގެން ކުރެވޭ ކަމަކީ. މިހާރު އަހަރެން ޕާން ފިހަނީ ވެސް އަހަރެންގެ އަމިއްލަ ފުށަކުން،" އޭނާ ބުންޏެވެ.

އިންސްޓަގްރާމްގައި ޝިހާބް އޭނާ ސިފަކޮށްދެނީ މިހެންނެވެ؛ އިންޓަނޭޝަލް ޝެފް ފްރޮމް ދަ މޯލްޑިވްސް ލިވިން އިން ސައުދި އަރަބިއްޔާ އެވެ.