Roadha Mihaaru
ޖޫރިމަނާކުރަން ވާނީ ޕާކުކުރަން ޖާގަދައްކާފައި: މުއިއްޒު

ޖޫރިމަނާކުރަން ވާނީ ޕާކުކުރަން އެކަށީގެންވާ ޖާގަ ފަހިކޮށްދީފައި: މުއިއްޒު

16 ޖުލައި 2021

ޕާކިންއާ ގުޅިގެން ޖޫރިމަނާކުރަން ވާނީ އެކަށީގެންވާ ވަރަށް ޕާކުކުރާނެ ޖާގަ ފަހިކޮށްދިނުމަށް ފަހު ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕާކިންއާ ގުޅިގެން ޖޫރިމަނާކުރަން ވާނީ އެކަށީގެންވާ ވަރަށް ޕާކުކުރާނެ ޖާގަ ފަހިކޮށްދިނުމަށް ފަހު ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކުކުރުމުން ލައިސަންސް ބާތިލުވާ ގޮތަށް އުސޫލު ތަންފީޒުކުރުމުގެ ކުރިން، މާލޭގެ ޕާކިންގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު ނަތީޖާ ނެރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ އާންމުކޮށް އަމަލު ކުރަން ފެށި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެ އެވެ. ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު ލައިސަންސުން ޕޮއިންޓް އުނި ކުރެވޭނެ ކަމަށާއި އެގޮތުން ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ފަސް ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ލައިސަންސުން ޕޮއިންޓް ހުސްވުމުން އެ ލައިސަންސެއް އޮޓަމެޓިކުން ބާތިލްވާނެ އެވެ. އެގޮތަށް ލައިސަންސް ބާތިލްވެއްޖެ ނަމަ، އެ މީހަކަށް އާ ލައިސަންސެއް ލިބޭނީ 180 ދުވަސް ފަހުން ކަމަށާއި އާ ލައިސަންސް ލިބޭނީ އަލަށް ލައިސަންސް ނަގާ އުސޫލުން އިމްތިހާންތައް ފުރިހަމަ ކުރުމުން ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

މުއިއްޒު ވިދާޅުވީ ވެހިކަލް އެތެރެކުރާ ވަރު ކޮންޓްރޯލްކުރުމަށް ބޭނުންވާ މައުލޫމާތު ފޮނުވައިދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އެ މައުލޫމާތުތައް ލިބުމުން މާލެއަށް ވެހިކަލް އެތެރެކުރެވޭ ވަރާއި ވެހިކަލްތަކުގެ އުމުރު ކަނޑައެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް، އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކުކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އުޅަނދުތައް ޕާކުކުރުމުގައި ވަކި ހިސާބަކުން ހާލަތު ގޯސްވާން ފެށުމުން، ވަކި ހާއްސަ ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކުކުރާ ވެހިކަލުގައި ސްޓިކާ ޖަހަން ފެށި އެވެ.