Roadha Mihaaru
ބަގުދާދުގެ މާރުކޭޓަކަށް ދިން ހަމަލާގައި 35 މަރު

ބަގުދާދުގެ މާރުކޭޓަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާގައި 35 މަރު

20 ޖުލައި 2021

އިރާގުގެ ވެރިރަށް ބަގުދާދުގެ މާރުކޭޓަކަށް ރޭ އިރާކޮޅު ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި، މަދުވެގެން 35 މީހުން މަރުވެ އިތުރު 60 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

އިރާގުގެ ވެރިރަށް ބަގުދާދުގެ މާރުކޭޓަކަށް ރޭ އިރާކޮޅު ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި، މަދުވެގެން 35 މީހުން މަރުވެ އިތުރު 60 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

އީދުގެ އުފާ ފާޅުކުރުންތައް ފެށުމުގެ ގޮތުން، އެންމެ ފަހުގެ ބާޒާރުކުރުމަށް ގިނަ ބަޔަކު ނުކުމެ އުޅުނު ވަގުތެއްގައި ދިން މި ހަމަލާގެ ޒިންމާ، އައިއެސް ޖަމާއަތުން ވަނީ އުފުލައިފަ އެވެ. ބަގުދާދުގެ އިރުމަތީގައި އޮންނަ ސަދްރު ސިޓީގެ މާރުކޭޓެއްގައި ދިން މިހަމަލާއަކީ، ތިން އަހަރުގެ ތެރޭގައި ސަދްރު ސިޓީގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާ އެވެ.

އެ ސަރަހައްދުގައި ހުރި އޭއެފްޕީގެ ފޮޓޯގްރާފަރެއް ބުނި ގޮތުގައި، މާރުކޭޓަށް ވަދެގެން އައި މީހަކު، އޭނާގެ ހަށިގަނޑުގައި ބަނދެފައި ހުރި ގޮވާތަކެތި ގޮއްވައިލީ، މާރުކޭޓުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި އޮތް ތަނަކާ ކައިރިވެފަ އެވެ. އޭރު ގިނަ ބަޔަކު ތިބީ އީދަށް ބޭނުންވާ ކާބޯތަކެތި ގަތުމުގައި މަޝްޣޫލުވެގެންނެވެ.

ބައެއް މީހުން ބުނި ގޮތުގައި ކުއްލިއަކަށް އިވުނު ބާރު ގަދަ އަޑާއެކު ދެން ފެނުނީ މީހުންތައް ރޮމުން ކޮޅުކޮޅު މައްޗަށް ދުވާ މަންޒަރެވެ. އެއާއެކު، އެ ސަރަހައްދުން ފެންނަން ފެށީ، އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކާއި އެކި ބައިތަކެވެ. މާރުކޭޓުގައި ހުރި ވިޔަފާރި މުދާތައް ވެސް މާދުރަށް ބުރައިގެން ދިޔަ އެވެ. މި ހަމަލާ ކުށްވެރި ކުރައްވައި އިރާގުގެ ރައީސް ބަރްހަމް ސޯލިހް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.

"އީދުގެ އުފާ ފާޅުކުރުންތަކަށް ތައްޔާރުވަމުން އަންނަނިކޮށް، އެމީހުން އެ ހަމަލާ ދިނީ ސަދްރު ސިޓީގައި ދިރިއުޅޭ އަހަރެމެންގެ އާންމު ރައްޔިތުންނަށް. އެމީހުން ބޭނުމެއް ނުވޭ، އެންމެ ހިނދުކޮޅަކަށް ވެސް އެހެން މީހުން އުފަލުގައި އުޅޭކަށް،" އިރާގުގެ ރައީސްގެ ބަޔާނުގައި ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން ލިބުނު މައުލޫމާތަށް ބަލާއިރު، ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަށް އަންހެނުންނާއި ހަތް ކުޑަކުދިން ވެސް ހިމެނެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް، ބަގުދާދުގެ މާރުކޭޓެއްގައި، ޖާނުން ފިދާވުމުގެ ދެ ހަމަލާއެއް ދީ، 32 މީހުން މަރައިލި އެވެ. އެއް ވަގުތެއްގައި ދިން އެ ދެ ހަމަލާގެ ޒިންމާވެސް އުފުލީ އައިއެސް ޖަމާއަތުންނެވެ.