Roadha Mihaaru
ޝާހިދުގެ ފުރަތަމަ ކަމަކީ ވެކްސިންގެ ހަމަހަމަކަން ހޯދުން

ޝާހިދުގެ ފުރަތަމަ މަސައްކަތަކީ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގެ ހަމަހަމަކަން ގާއިމުކުރުން

22 ޖުލައި 2021

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ހުވާ އަންނަ ސެޕްޓެމްބަރު މަހު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ކޮވިޑް-19 ގެ ވެކްސިން އުފައްދާ ފަރާތްތަކާއި އެކަމާ ގުޅޭ އިސް ބޭފުޅުންނާއި ހުރިހާ ގައުމުތައް އެއްތަންކޮށް، ވެކްސިން ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އެ މަގާމަށް އިންތިހާބު ކޮށްފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ހުވާ އަންނަ ސެޕްޓެމްބަރު މަހު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ކޮވިޑް-19 ގެ ވެކްސިން އުފައްދާ ފަރާތްތަކާއި އެކަމާ ގުޅޭ އިސް ބޭފުޅުންނާއި ހުރިހާ ގައުމުތައް އެއްތަންކޮށް، ވެކްސިން ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އެ މަގާމަށް އިންތިހާބު ކޮށްފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އދ. 76 ވަނަ އާންމު މަޖިލީހުގެ ސެޝަންތައް ފެށުމަށް ފަހު، އެންމެ ބޮޑު އަމާޒަކީ ކޮވިޑް ވެކްސިނާ ބެހޭ ބޮޑު ބައްދަލުވުމެއް ބޭއްވުން ކަމަށެވެ. އޭނާ ވިދާޅުވީ، އެ ފަދަ ބައްދަލުވުމެއް މުހިންމުވާ މައިގަނޑު ސަބަބަކީ ރާއްޖެއާ ހިލާފަށް ދުނިޔޭގެ އެހެން ގައުމުތަކަށް ކޮވިޑް ވެކްސިން ނުލިބިގެން އުޅެން ޖެހޭ ދަތި ހާލު ފެނިވަޑައިގަންނަވާތީ ކަމަށެވެ

"އަޅުގަނޑު [މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން] ވާހަކަ ދެއްކިން ކޮސޯވޯގެ ފޮރިން މިނިސްޓަރާ. [އެ ގައުމުގައި] 1.8 މިލިއަން މީހުން ތިބީ. މިހާތަނަށް އެ މީހުންނަށް ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖެހުނީ އެންމެ 19،000 މީހުންނަށް. އެފްރިކާގެ ގައުމުތަކުގެ މީހުންނަށް ވެކްސިންގެ 'ވ' ވެސް އަދި ނުފެނޭ. އަޅުގަނޑު ކައިރީގައި އެ މީހުން އައިސް ކިޔައިދިން މިއޭ ތިމަންނަމެންގެ ހާލަތަކީ،" ކަންބޮޑުވުމާއެކު ޝާހިދު ވިދާޅުވި އެވެ.

"މި ހުރީ ވެކްސިންގެ ހަމަހަމަކަން ހުރި ވަރު."

އެންމެން ގެނެސްފައި އަޅުގަނޑު ބުނާނަން މިއީ އެކަކު އަނެކަކަށް އިނގިލި ދިިއްކުރަންޖެހޭ ވަގުތެއް ނޫނޭ. ދެހާސް ބާވީހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމަން ޖެހެއޭ،"---ޝާހިދު

ޝާހިދު ވިދާޅުވިގޮތުގައި ކޮވިޑް-19 ގެ ވަކި ވައްތަރެއް ނުޖަހާ ނަމަ ވަކި ގައުމުތަކަކަށް ނުދެވޭ އުސޫލެއް ޔޫރަޕް ފަދަ ގައުމުތަކުން ކަނޑައަޅަން ފެށުމަކީ ވެސް މައްސަލައެކެވެ. ހުރިހާ އެންމެންނަށް ރައްކާތެރިކަން ނުލިބޭ ނަމަ އެކަކަށް ވެސް ފައިދާ ނުކުރާނެ ކަން އެންމެން ގަބޫލުކުރާއިރު، އެކަން އޮންނަން ޖެހޭނީ އެހެން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ކަމަކީ ދެހާސް ބާވީސް ނިމުމުގެ ކުރިން ދުނިޔޭގެ އެންމެންނަށް [ކޮވިޑް] ވެކްސިން ދިނުން. ޖީ-7 ގެ ގައުމުތަކުން ވެސް އެއްބަސްވޭ،" އޭނާ ވިދާޅުވި އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގައުމުތައް އެއްކުރުމުގެ ބާރު ލިބިވަޑައިގަންނަވާއިރު، ވެކްސިން އުފައްދާ މީހުންނާއި ކުންފުނިތަކާއި ދުނިޔޭގެ ހުރިހާ ގައުމުތައް އެއްފުރާޅެއްގެ ދަށަށް ގެނެސް ހާލަތު ކިޔައި ދެއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެކަން ކިޔައިދިނުމުގެ ބާރާއި އިހުތިޔާރު އޮތް މީހަކީ [މަގާމުގެ ހުވާކުރެއްވުމަށް ފަހު] އަޅުގަނޑު. އެންމެން ގެނެސްފައި އަޅުގަނޑު ބުނާނަން މިއީ އެކަކު އަނެކަކަށް އިނގިލި ދިިއްކުރަންޖެހޭ ވަގުތެއް ނޫނޭ. ދެހާސް ބާވީހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމަން ޖެހެއޭ،" އދ. ގެ އާންމު މަޖިިލީހުގެ ރައީސްގެ މަގާމާ ސެޕްޓެމްބަރު 14 ގައި ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަން ދެއްވާ އަދި އެންމެ ފުރަތަމަ ބޮޑު ބައްދަލުވުމާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވި އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝާހިދު މިހާރު ވަނީ އެކި ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުތަކުގެ ފުރަތަމަ މަންޒިލަކަށް އިއްޔެ އިންޑިއާ އަށް ވަޑައިގެންފަ އެވެ.

ޝާހިދަކީ އދ. ގެ ތާރީހުގައި ވެސް އެ ޖަމާއަތުގެ އެންމެ އިސްބޭފުޅަކަށް އިންތިހާބުކުރި ފުރަތަމަ ދިވެހި ބޭފުޅާ އެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރީ 148 ވޯޓުންނެވެ. ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.