Roadha Mihaaru
އެންމެ ކާމިޔާބު އެއް ތަހުގީގަކީ މޭ 6 ގެ ހަމަލާ

ފުލުހުންގެ އެންމެ ކާމިޔާބު އެއް ތަހުގީގަކީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ: އިމްރާން

25 ޖުލައި 2021

މިހާތަނަށް ފުލުހުން ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައިގެ ތަހުގީގު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިހާތަނަށް ފުލުހުން ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައިގެ ތަހުގީގު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

އެ މީހުުންނަކީ ދައުލަތް ގަބޫލުނުކުރާ، ހަރުކަށި ފިކުރަށް ތާއިދުކުރާ ބައެއް ކަމަށް ރޭ ބޭއްވި މީޑިއާ ބްރީފިންގައި ފުލުހުން ބުންޏެވެ.

އާއިލީ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ދިން ހަމަލާގެ ތަފުސީލީ މައުލޫމާތު ފުލުހުން ރޭ މީޑިއާ އަށް ދޫކޮށްލުމަށް ފަހު، ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ އެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު، އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ. ގިނަ ގޮންޖެހުންތަކާ އެކު ނަމަވެސް އެތައް ފުލުހުންގެ ބައިވެރިވުމާއެކު ތަހުގީގު ކާމިޔާބުކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ، ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި ހަމަލާކަމަށް ވާއިރު، ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކާމިޔާބު ކަމާއެކު މި މައްސަލަ ޕްރޮސެކިއުޓު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޕީޖީ ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ހޯމް މިނިސްޓަރުގެ ޓްވީޓުގައި ވެ އެވެ.

ޕީޖީ ހުސައިން ޝަމީމް ވެސް ބައިވެރިވެވަޑައިގެންނެވި މީޑިއާ ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނީ އެކަމުގެ ބަދަލުގައި ފައިސާ ހުށަހަޅައިގެން ކަމުގެ ހެއްކެއް އަދި ނެތް ކަމަށެވެ. މިހާތަނަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު މިއީ އެ މަނިކުފާނުގެ ފިކުރާއި ކުރައްވާ މަސައްކަތްޕުޅާ ގުޅުވައިގެން ދިން ހަމަލާއެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރި ސައިކަލް 2019 ގައި ގަންނަން 18،000ރ. އާއި ބޮން ގޮއްވުމަށް ބައެއް ކަންކަން ކުރުމަށް ހުޅުމާލޭގެ ގަރާޖަކުން އެ ސައިކަލް މަރާމާތު ކުރުމަށާއި ހަމަލާ ރޭވުމުގެ ކަންކަމަށް އެޕާޓްމަންޓެއް ކުއްޔަށް ހިފައި އެ ތަނަށް ހަރަދު ކޮށްފައިވެ އެވެ.

ރިޔާޒް ވިދާޅުވިގޮތުގައި، 317 އަށް ވުރެ ގިނަ ބޭންކް ސްޓޭޓްމަންޓް ބަލާފައި ވެ އެވެ. އަދި މި ހަމަލަ އަށް ފައިސާ ހޭދަކޮށްފައިވޭތޯ ބަލަން މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް މެދުވެރިކޮށް ވެސް އެނަލައިސިސްތަކެއް ހަދާފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެ ހަމަލާގެ ކުރިން ވެސް ނަޝީދު އަވަހާރަކޮށްލަން ދެ ފަހަރަކު މަސައްކަތްކުރި އެވެ. އެގޮތުން، އެ މަނިކުފާނު އަވަހާރަކޮށްލުމުގެ ތައްޔާރީތައް 2019 ވަނަ އަހަރު ފަށައި މިދިޔަ އަހަރުގެ ފަހުކޮޅު އެކަމުގެ އަމަލީ މަސައްކަތް ފެށިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ހަމަލާ އަކީ ނަޝީދަށް އަމާޒުކުރި ތިން ވަނަ ހަމަލާ ކަމަށް ހަމީދު ވިދާޅުވި އެވެ.