Roadha Mihaaru
ޖޭލޯ އާއި އެފްލެކް އަލުން ގުޅުނީ!

ޖޭލޯ އާއި އެފްލެކް އަލުން ގުޅުނީ!

26 ޖުލައި 2021

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި އެމެރިކާގެ ކުރީގެ ބޭސްބޯލް ތަރި އެލެކްސް ރޮޑްރިގޭޒްގެ އެންގޭޖްމަންޓް ދާދި ފަހުން ރޫޅާލުމާ އެކު އެންމެ ގަދައަށް މީޑިއާތަކުގައި ދެކެވުނު ވާހަކީ އަކީ ޖޭލޯ އާއި ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު އެކްޓަރު ބެން އެފްލެކް އަލުން ގުޅުނު ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި އެމެރިކާގެ ކުރީގެ ބޭސްބޯލް ތަރި އެލެކްސް ރޮޑްރިގޭޒްގެ އެންގޭޖްމަންޓް ދާދި ފަހުން ރޫޅާލުމާ އެކު އެންމެ ގަދައަށް މީޑިއާތަކުގައި ދެކެވުނު ވާހަކީ އަކީ ޖޭލޯ އާއި ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު އެކްޓަރު ބެން އެފްލެކް އަލުން ގުޅުނު ވާހަކަ އެވެ.

މި ވާހަކަ ދެކެވެން ފެށީ ދެ މީހުން އެކީގައި ފެންނަން ފެށުމާއި މާ ގައިގޯޅިކޮށް އުޅެނިކޮށް ވެސް ފެނުމާ ގުޅިގެންނެވެ. އެއާ އެކު ދެ ތަރިންގެ ފޭނުން ބުނަމުން ދިޔައީ "ބެނިފާ" އަލުން ގުޅިއްޖެ ކަމަށާއި އެ ދެ މީހުން އަލުން ގުޅޭނެ ކަމަށް ކުރިން ވެސް އުންމީދުކުރެވުނު ކަމަށެވެ.

މި ވާހަކަތައް މިގޮތަށް ދެކެވޭތާ ދުވަސްތަކެއް ފަހުން މިދިޔަ ހޮނިހިރު ދުވަހު ފާހަގަކުރި ޖޭލޯގެ 52 ވަނަ އުފަން ދުވަހާ އެކު އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯތަކެއްގައި ދެ މީހުން ތިބީ ވަރަށް ގައިގޯޅިކޮށެވެ. އެ ފޮޓޯގައި އެފްލެކް ޓެގްކޮށް، އަދި އޭނާގެ ނަން އެއްވެސް ވަރަކަށް ހިމަނައިފައެއް ނުވެ އެވެ. އެކަމަކު މީޑިއާތަކުން ބުނީ ފޮޓޯގައި ފެންނަނީ އެފްލެކް ކަމަށާއި ޖޭލޯގެ އެ ޕޯސްޓަކީ އެ ދެ މީހުންގެ ގުޅުން ކަށަވަރުކޮށް ދިނުން ކަމަށެވެ.

ބަތަލާ ޖެނިފާ ގާނާއާ ކައިވެނިކޮށް ތިން ދަރިން ވެސް ލިބިފައި ވަނިކޮށް 2018 ގައި ރަސްމީކޮށް ކައިވެނި ރޫޅުނު އެފްލެކް، 48، މީގެ ފަސް އަހަރު ކުރިން ދީފައިވާ އިންޓަވިއެއްގައި ވަނީ ކައިވެނީގެ ކުރިން ޖޭލޯއާ ލޯބީގެ ގޮތުން ގުޅެވުމަކީ ވަރަށް "އަންކޫލް" ކަމެއްކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އޭގައި އޭނާ ބުނީ ޖޭލޯއާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު ކެރިއަރު ވަރަށް ބޮޑަށް އަރިއަޅާލި ކަމަށާއި އެ ދުވަސްވަރު އޭނާ ފިލްމުތައް ބޮކްސް އޮފީހުގައި ފުލުފުލުން ފްލޮޕްވަމުން ދިޔަ ކަމަށެވެ. އެފްލެކް ބުނެފައިވާ ގޮތުގައި އެ ދުވަސްވަރު ވަރަށް ގިނަ ބަޔަކު އޭނާ އަކީ އެއްވެސް ހުނަރެއް ނެތް، ވަކި މީހެއްގެ ތައްޕާހުން އުޅޭ މީހެއް ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

އެފްލެކާއި ޖޭލޯ ދެ އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައި ދެ މީހުންގެ ގުޅުން ރަސްމީކޮށް ނިމުމަކަށް ގެނައީ 2004 ގަ އެވެ. އެފްލެކާއި ގާނާ ކައިވެނިކުރީ 2005 ވަނަ އަހަރު އެވެ.

އެފްލެކާ އޮތް ގުޅުން ނިމުމަކަށް އައުމުން ޖޭލޯ 2004 ގައި ކައިވެނިކުރީ ލަވަކިޔުންތެރިޔާ މާކް އެންތަނީއާ އެވެ. އެއީ އޭނާގެ ތިން ވަނަ ކައިވެންޏެވެ. އެ ކައިވެނި ރޫޅުނީ 2014 ގަ އެވެ. އޭރު ދެ ދަރިން ވެސް ލިބިފައިވެ އެވެ. އެންތަނީގެ ކުރިން ޖޭލޯ ކައިވެނިކުރީ އެކްޓަރު ކްރިސް ކަޑްއާ އެވެ. ދެހާސް އެކެއްގައި ކުރި ކައިވެނި ރޫޅުނީ 2003 ގަ އެވެ.

ޖޭލޯ ފުރަތަމަ ކައިވެންޏަކީ 1997 ހައި އެކްޓަރު އޮޖާނީ ނޯއާއާ ކުރި ކައިވެންޏެވެ. އެ ކައިވެނި ދެމިއޮތީ އަހަރެއްހާ ދުވަހަށެވެ.

އެލެކްސްއާ 2017 ގައި ޖޭލޯ ލޯބީގެ ގޮތުން ގުޅި، ދެ މީހުން އެންގޭޖްވީ 2019 ގެ މާޗް މަހުގެ ކުރީކޮޅު އެވެ. އަދި އެންގޭޖްމަންޓް ރޫޅައިލީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ޖޭލޯއާ އަލުން އެފްލެކް ގުޅުނު އިރު ގާނާއާ ވަކިވި ފަހުން އޭނާ ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވީ ބަތަލާ އެނާ ޑި އާމިސް، 32، އާ އެވެ. އެކަމަކު މިދިޔަ އަހަރުގެ ކުރީކޮޅު ދެ މީހުންގެ ގުޅުމުގައި ސިއްކަ ޖެހުނެވެ. މީގެ އަހަރެއް ކުރިން ދިން އިންޓަވިއުއެއްގައި ދަރިންގެ މަންމައާ ވަކިވުމަކީ ހަޔާތުގައި މިހާތަނަށް ހެދުނު އެންމެ ބޮޑު ގޯސް ކަމަށް ވެސް އެފްލެކް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގާނާ، 49، މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކުރިން ސުޕަ މޮޑެލް އައިރީނާ ޝައިކްއާ ގުޅިގެން އުޅުނު މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާ، 46، އާ އެވެ. އެ ދެ މީހުން 2019 ގައި ވަކިވި އިރު ކައިވެނީގެ ބޭރުން ދަރިޔަކު ވެސް ލިބިފައިވެ އެވެ.

ނަމަވެސް ގާނާ އާއި ކޫޕާގެ ގުޅުމާ ބެހޭ ގޮތުން މިހާތަނަށް ދެ ތަރިން އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. އެ ދެ މީހުންގެ ރައްޓެހިވެގެން އުޅޭ ވާހަކަ މީޑިއާތަކަށް ތިލަވީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.