Roadha Mihaaru
ނަޝީދުގެ ހުށަހެޅުމަށް ޝަރީފްގެ ހޫނު ރައްދުތަކެއް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ދެކޮޅަށް ޝަރީފްގެ ހޫނު ރައްދުތަކެއް

26 ޖުލައި 2021

ޓެރަރިޒަމްގެ މައްސަލަ ހައްލު ކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ގިނަ ބަޔަކު ހައްޔަރު ކުރުމަކީ ޑިމޮކްރަސީއާ ހިލާފު ހުދުމުހުތާރު ދައުލަތެއްގެ ސިފަ ޖެހޭނެ ކަމެއް ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޓެރަރިޒަމްގެ މައްސަލަ ހައްލު ކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ގިނަ ބަޔަކު ހައްޔަރު ކުރުމަކީ ޑިމޮކްރަސީއާ ހިލާފު ހުދުމުހުތާރު ދައުލަތެއްގެ ސިފަ ޖެހޭނެ ކަމެއް ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ގިނަ ބަޔަކު ހައްޔަރު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވައިލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ މަދު ބޭފުޅުންތަކެއްގެ ވޯޓާއެކު ގަރާރެއް ފާސްކޮށްފަ އެވެ.

އެ ގަރާރު ފާސް ކުރީ އެމްޑީޕީގެ ތެރެއިން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 39 މެންބަރުންގެ ވޯޓާއެކު އެވެ. އެމްޑީޕީ ގައުމީ މަޖިލީހުގައި 148 މެންބަރުން ހިމެނޭއިރު، ރައީސަށް ތާއީދު ކުރާ މެންބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓް ކުރައްފައިފަ އެވެ.

ނަޝީދުގެ ބައެއް ސިޔާސަތުތަކަށް މީގެ ކުރިން ވެސް ވަރަށް ފާޅުގައި ފާޑު ވިދާޅުވާ ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރަރިޒަމާއި އެ ނޫން ވެސް ކުށް ކުރާ މީހުން ހައްޔަރު ކުރުމާއި އެ މީހުންނަށް ދައުވާ ކުރުމަށް މިހާރު ވެސް ރަނގަޅު ގާނޫނުތަކެއް ހަދާފައި ހުރި ކަމަށެވެ.

ޑިމޮކްރެޓިކް ދައުލަތަކުން އަމަލު ކުރަން ޖެހޭނީ ހުރިހާ އެންމެންގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކީ ގާނޫނުތައް ތަންފީޒު ކޮށްގެން ކަމަށާއި ކޯޓުގައި ސާބިތު ކުރެވޭނެ ހެއްކެއް އަދި އެއްވެސް އިޖުރާއަތުތަކަށް ބެލުމެއް ނެތި މީހުން ހައްޔަރު ކުރެވިގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެމްޑީޕީއަށް ލިބިފައިވާ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހިތްހަމަ ނުޖެހޭ ކޮންމެ މީހަކާ ދެކޮޅަށް މަސައްކަތެއް ނުކުރެވޭނެ. އެއީ ޑިމޮކްރެޓިކް އުސޫލެއް ނޫން،" ނަޝީދުގެ ބައެއް ސިޔާސަތުތަކާ އަބަދުވެސް ދެކޮޅު ހައްދަވާ ޝަރީފް ވިދާޅުވި އެވެ.

ޓެރަރިސްޓުން ކަމަށް ތުހުމަތު ކުރެވޭ ހުރިހާ އެންމެން ހައްޔަރު ކުރުމަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބާރު އަޅަން އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީން ގޮވާލާ ނަމަ ޝަރީފް ވިދާޅުވިގޮތުގައި ޑިމޮކްރަސީއެއް އޮތް ކަމަަކަށް ދެން ނުބުނެވޭނެ އެވެ. އޭނާ ވިދާޅުވީ، އެފަދަ ކަމެއް ކޮށްފި ނަމަ ހުދުމުހުތާރު ބަޔަކަށް ވާނެ ކަމަށެވެ.

"ޓެރަރިޒަމްގެ ކުށް ހުއްޓުވުމުގެ ނަމުގައި އެއްވެސް ހެއްކެއް، އިޖުރާއަތަކަށް ބެލުމެއް ނެތި މީހުން ހައްޔަރު ކުރުމަށް ސަލާމަތީ ބާރުތައް ބޭނުން ކުރަން ފަށައިފި ނަމަ ރާއްޖެ ވާނީ ހުދުމުހުތާރު ގައުމަކަށް" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުދުމުހުތާރު ފިޔަވަޅުތަކަށް ތާއީދު ކުރާނީ އެއްވެސް ބާރެއް އަދި ތާއީދެއް ވެސް ނެތް ބަޔަކު ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީން އެފަދަ އުކުޅުތަކެއް ބޭނުން ކުރާކަށް ނުޖެހޭނެ ކަަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ޓެގް ކުރައްވައި ޝަރީފް ވިދާޅުވީ ގާނޫނުއަސާސީއަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނަޝީދު ރޭ ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސަށް ގޮވާލައި ގަރާރު ހުށަހެޅުއްވީ އެ މަނިކުފާނަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރަކަށް ހުރަސް އެޅުމުގެ ބޭނުމުގައެއް ނޫނެވެ. އަދި އެ ގަރާރުގެ ސަބަބުން ރައީސަށް އެކަމުގައިި ގޮތް ނިންމެވުމަށް އިތުރު ޖާގައެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ދެކެވަޑައިގަންނަވާ ގޮތެއް އަދި ހާމައެއް ނުކުރައްވަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ، ނަޝީދު ފަހަކަށް އައިސް ކުރައްވާ މިފަދަ ކަންކަމާ ރައީސް އަޅައެއް ނުލައްވަ އެވެ. ނަޝީދުގެ ވާހަކަފުޅުތަކަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.