Roadha Mihaaru
"މަލްބަރޯ" ކުންފުނިން ޔޫކޭގައި ސިނގިރެޓް ހުއްޓާލަނީ

"މަލްބަރޯ" އުފައްދާ ކުންފުނިން އިނގިރޭސިވިލާތުގައި ސިނގިރޭޓްގެ ވިޔަފާރި ހުއްޓާލަނީ

28 ޖުލައި 2021

ސިނގިރޭޓްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "މަލްބަރޯ" އުފައްދާ ކުންފުނި، ޕިލިޕް މޮރިސް އިންޓަނޭޝަނަލް އިން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ސިނގިރެޓް ވިއްކުން ހުއްޓައިލަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިނގިރޭޓްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "މަލްބަރޯ" އުފައްދާ ކުންފުނި، ޕިލިޕް މޮރިސް އިންޓަނޭޝަނަލް އިން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ސިނގިރެޓް ވިއްކުން ހުއްޓައިލަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

މިކަމަކީ އެ ގައުމުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އިނގިރޭސިވިލާތަކީ މިހާރު ވެސް ދުންފަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް ގެންގުޅޭ އަދި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް މަދުވަމުން އަންނަ ގައުމެކެވެ.

ފިލިޕް މޮރިސް އިން ބުނި ގޮތުގައި 2030 އާ ހަމައަށް އަންނަ އިރު އެ ކުންފުނިން އިނގިރޭސިލާތުގައި ސިނގިރޭޓްގެ ވިޔަފާރި އެއްކޮށް ހުއްޓައިލާނެ އެވެ. ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރާ އުޅަނދު ވިއްކުން މަނާކުރަން އިނގިރޭސި ސަރުކާރުން ޓާގެޓެއް ކަނޑައެޅި ގޮތަށް ސިނގިރެޓް ވިއްކުން ވެސް މަނާކުރަން އަމާޒެއް ކަނޑައަޅަންޖެހޭ ކަމަށް ކަމަށް ފިލިޕް މޮރިސް އިން ބުންޏެވެ. އިނގިރޭސިވިލާތުން 2019 ގައި ވަނީ 2030 ހަމައަށް އަންނަ އިރު އެ ގައުމަކީ ދުންފަތުގެ އިސްތިއުމާލުނުކުރާ ގައުމަކަށް ހަދަން އަމާޒު ހިފައިފަ އެވެ. އަދި އެކަމަށް ހާއްސަކޮށްގެން މިދިޔަ އަހަރު "ރޯޑްމެޕް ޓު އަ ސްމޯކްފްރީ 2030" ގެ ނަމުގައި މަގުޗާޓެއް ވެސް އެކުލަވާލި އެވެ.

ފިލިޕް މޮރިސްގެ ސީއީއޯ ޖެސެކް އޮލްޒާކް އާދީއްތަ ދުވަހު ޓެލެގްރާފަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދުންފަތަކީ ތިމާވެއްޓަށް ގެއްލުންދޭ ހަކަތައާ އެއްފަދަ އެއްޗެއް ކަމަށެވެ.

މޮއިރާ.

މޮއިރާ.

ފިލިޕް މޮރިސް އިން އިނގިރޭސިވިލާތުގައި ސިނގިރޭޓްގެ ވިޔަފާރި ހުއްޓައިލަން ނިންމާފައިވާން ހާމަކޮށް ނެރުނު ބަޔާނުގައި ބުނީ "ދެކެން ބޭނުން ވަނީ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުނިޔެއެއް" ކަމަށެވެ.

"މިކަން އަވަސްކުރި ވަރަކަށް ރަނގަޅީ. އަހަރެމެން މިހާރު ނިންމާފައި މިއޮތީ ހަރުދަނާ ފިޔަވަޅުތަކަކާ އެކު ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ސިނގިރޭޓްގެ ވިޔަފާރި ހުއްޓާލަން." އެ ކުންފުނީގެ ސްޓްރެޓެޖިކް އެންޑް ސައިންޓިފިކް ކޮމިއުނިކޭޝަންސްގެ ވައިސް ޕްރެޒިޑެންޓް މޮއިރާ ގިލްރިސްޓް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދުންފަތުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާކޮށް އަހަރެއްގެ ތެރޭގައި 8 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެ އެވެ.