Roadha Mihaaru
ގައިންގަޔަށް ނާރާ ބަލިތައް ގުޅިފައިވަނީ ދުންފަތާ:ރައީސް

ރާއްޖޭގައި ފެތުރޭ ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ގުޅިފައި ވަނީ ދުންފަތާ: ރައީސް

31 މެއި 2023

ރާއްޖޭގައި ފެތުރޭ ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ފެތުރެނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި ފެތުރޭ ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ފެތުރެނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އެ މަނިކުފާނު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުމަކީ، އެކަން ކުރާ މީހާ އަށާއި އެ އަމަލުކުރާއިރު ކައިރީގައި ތިބޭ އެހެން މީހުންނަށް ވެސް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ އިޖުތިމާއީ މައްސަލައެއް ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަން ކުރުން ހުއްޓާލަންވީ ތިމާ އާއި އެހެން މީހުންގެ ރައްކަލަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މި ވަގުތު ފެތުރެމުންދާ، ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ވެސް، އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާ ބަލިތަކެވެ. އެފަދަ ބަލިތަކުގައި ބައެއް ގުނަވަންތައް އެކުގައި ހަލާކުވެ ފުރާނަ ގެއްލިގެން ދިއުމަކީ ވެސް ކުރިމަތިވާ ވަރަށް ނުރައްކާތެރި ކަމެކެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިފަދަ ދުވަސްތައް ފާހަގަކުރުމުގެ މަގުސަދަކީ ވެސް، އެފަދަ ނުރައްކާތަކާ މެދު ހޭލުންތެރިވެ، ނުރައްކާތަކުން ތިމާ އާއި އަނެކުން ވެސް ރައްކާތެރިކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެހެންކަމުން، ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކު ވެސް އަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަންވީ، ތިމާގެ އަމިއްލަ ނަފްސާއި އަނބިދަރިންނާއި އާއިލާ އާއި ރަހުމަތްތެރިންނާއި މުޖްތަމައުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގެ ބާވަތްތައް ބޭނުންކުރެ އެވެ.

އެ ދިރާސާއިން އެނގުނު ގޮތުގައި ރާއްޖޭގެ އާބާދީގެ 25.7 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. އެއީ ކޮންމެ ހަތަރު މީހަކުން އެކެކެވެ. އޭގެ ތެރޭގައި ވެސް ގިނައީ ފިރިހެނުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ 35.6 ޕަސެންޓަކީ ފިރިހެނުންނަށް ވާއިރު، އަންހެނުންގެ އަދަދު ހުރީ 7.6 ޕަސެންޓުގަ އެވެ.

ކަސްޓަމްސް އިން ހިއްސާކުރި މައުލޫމާތުތަކާ ހަވާލާދީ، އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 393,652,853ރ. ގެ ދުންފަތުގެ އެކި ބާވަތްތައް ރާއްޖެއަށް އެތެރެކުރި ކަމަށެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބިޑި އާއި ސިގަ އަދި ސިނގިރޭޓެވެ. އެއީ 328،784،999ރ. ގެ ތަކެއްޗެވެ. ދެ ވަނައަށް އެންމެ ގިނައިން ގިނައީ އިލެކްޓްރޯނިކް ސިނގިރޭޓެވެ.