Roadha Mihaaru
ދޯ ލަފުޒޯން ކީ ހޭގެ ހަނދާން ޒީނަތު އާކުރީ މަޖާކޮށް

"ދޯ ލަފުޒޯން ކީ ހޭ" ގެ ހަނދާންތައް ޒީނަތު އާކުރީ މަޖާ ގޮތަކަށް

08 ޖޫން 2021

ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 12 ގެ މެހުމާނެއްގެ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ބައިވެރިވެ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަންގެ އޭނާގެ ފިލްމުތަކުން އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި ހިމެނޭ "ދޯ ލަފުޒޯން ކީ ހޭ" ގެ ހަނދާންތައް މަޖާ ގޮތަކަށް އާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 12 ގެ މެހުމާނެއްގެ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ބައިވެރިވެ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަންގެ އޭނާގެ ފިލްމުތަކުން އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި ހިމެނޭ "ދޯ ލަފުޒޯން ކީ ހޭ" ގެ ހަނދާންތައް މަޖާ ގޮތަކަށް އާކޮށްފި އެވެ.

އެ ލަވަ ފުރަތަމަ އައިޑޮލްގައި އާދީއްތަ ދުވަހުގެ ރޭ ހުށަހަޅައި ދިނީ އަރޫނިތާ ކަންޖީލާލް އެވެ. އޭގެ ފަހުން މުހައްމަދު ދާނިޝް "ހަމް ކިސޭ ކަމް ނެހީ" ލަވަ ހުށަހަޅައި ދިނުމަށް ފަހު، ޒީނަތުގެ ކިބައިން އެދުނީ "ދޯ ލަފުޒޯން ކީ ހޭ" ހެ ހަނދާންތައް އާކޮށްލަން ބޭނުންވާ ކަމަށާއި އެކަން ވެދާނެތޯ އެވެ. އެއާ އެކު ޒީނަތު ބުނީ ތައްޔާރު ކަމަށާއި އޭގެ ކުރިން އެ ލަވައިގެ ހަނދާނެއް އާކޮށްލަން ބޭނުންވާ ކަމަށެވެ.

އަމީތާބް ބައްޗަނާއި ޒީނަތުގެ 1979 ގެ ފިލްމު "ދަ ގްރޭޓް ގޭމްބްލާ" އިން މަޝްހޫރުވި ލަވަ "ދޯ ލަފްޒޯން ކީ ހޭ" އަކީ އިޓަލީގައި ޝޫޓްކުރި ލަވައެކެވެ. ލަވައިގެ ބޮޑު ބައިގައި ފެންނަނީ އިޓަލީގެ ހާއްސަ ސިފައެއް ކަމަށްވާ ވެނިސްގެ ކެނެލްތަކުގައި ކުޑަ އޮޑިއެއް ދުއްވަމުން ލަވަ ކިޔާ ތަނެވެ.

ޒީނަތު ބުނި ގޮތުގައި އެ ލަވަ އަށް ފަހު އިންޑިއާގެ ވަރަށް ގިނަ ބަޔަކު ކައިވެނިކޮށްގެން ހަނީމޫނަށް ދަނީ އިޓަލީއަށެވެ. ސަބަބަކީ ލަވައިގައި ފެންނަ ރީތި މަންޒަރުތަކުގެ ސަބަބުން ގިނަ ބައެއްގެ ޗުއްޓީ މަންޒިލަކަށް އިޓަލީވުމެވެ.

"އޭގެ ސަބަބުން އަހަރެމެންގެ އާބާދީ ވެސް އިތުރުވާން ފެށީ،" ސަމާސާ މިޒާޖެއްގައި ހިނިގަނޑެއް ޖަހައިލަމުން ޒީނަތު ބުންޏެވެ.

އެއާ އެކު ޝޯގެ ޖަހުންނާއި ބައިވެރިން ވެސް ހިނިފަޅައިގެން ދިޔަ އެވެ.

ޒީނަތު ބުނީ "ދަ ގްރޭޓް ގޭމްބްލާ" ލަވައިގެ ސަބަބުން ދުނިޔޭގެ ކޮންމެ ގައުމަކަށް އޭނާ ދަތުރު ކުރިޔަސް ފޭނުން ދިމާވެގެން އެ ލަވަ ރީތިވެގެން އެ ވާހަކަ ދައްކާ ކަމަށެވެ. އަދި އެކަމާ ވަރަށް އުފާވާ ކަމަށް ބުންޏެވެ.

އައިޑޮލްގެ ދާނިޝްގެ އެދުމަށް ސްޓޭޖް މަތީގައި އޮޑިއެއް ބާއްވައި އޭގެ ތެރޭގައި ޒީނަތާ އެކު އިށީނދެގެން އިނދެ ދާނިޝް ޒީނަތަށް "ދޯ ލަފުޒޯން ކީ ހޭ" ކިޔައި ދިނުމުން އޭނާ އަށް ވަރަށް ތައުރީފު ވެސް ކުރި އެވެ.

"ދޯ ލަފްޒޯން ކީ" އަކީ އާރްޑީ ބަރްމަންގެ މިއުޒިކަށް އާޝާ ބޯސްލޭ ކިޔާފައިވާ ލަވައެކެވެ. އެ ލަވައިގައި އިޓަލީގެ ބަހުގެ ކަޑިތަކެއް ވެސް ހިމަނާފައިވެ އެވެ.

ޒީނަތު، 69، މެހުމާނެއްގެ ގޮތުގައި ބައިވެރިވި އައިޑޮލްގެ އެޕިސޯޑްގައި އޭނާގެ ފިލްމުތަކުގެ ރީތި އެތައް ލަވައެއް ބައިވެރިން ހުށަހަޅައި ދިނެވެ. ކޮންމެ ހުށަހެޅުމާ އެކު ވެސް އޭނާ ބުނީ ގެންގޮސްދިނީ ކުރީގެ އުފާވެރި ހަނދާންތަކުގެ ތެރެއަށް ކަމަށެވެ.