Roadha Mihaaru
ދިއްދު އަށް އަތޮޅުގެ އެކި ރަށްރަށުން ނަރުހުން ގެންދަނީ

ދިއްދޫ ހޮސްޕިޓަލުގެ ނަރުހުން ކަރަންޓީނުވާން ޖެހުމުން އެހެން ރަށްރަށުން ނަރުހުން ގެންދަނީ

29 ޖުލައި 2021

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ، ގިނަ ނަރުހުންތަކެއް ކަރަންޓީނުކުރަން ޖެހުމުން، އަތޮޅުގެ އެކި ރަށްރަށުން އެ ހޮސްޕިޓަލަށް ނަރުހުން ގެންދަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ، ގިނަ ނަރުހުންތަކެއް ކަރަންޓީނުކުރަން ޖެހުމުން، އަތޮޅުގެ އެކި ރަށްރަށުން އެ ހޮސްޕިޓަލަށް ނަރުހުން ގެންދަން ފަށައިފި އެވެ.

ދިއްދޫ ފިޔަވައި އަތޮޅުގެ ހުރިހާ ރަށެއްގައި ހުންނަނީ ހެލްތު ސެންޓަރުތަކެވެ.

އިންޑިއާ އިން އައި ފަހުން ނަރުހެއްގެ ގައިން ބަލީގެ އަލާމާތް ފެނިގެން އޭނާ ފްލޫ ކްލިނިކަށް ދެއްކުމުން ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެ ހޯމަ ދުވަހު ވަނީ ދިއްދޫ މޮނިޓަރިންއަށް ލައިފަ އެވެ.

އަތޮޅު ހޮސްޕިޓަލުގެ ޒިންމާދާރުވެރިޔާ މުހައްމަދު ރަޝީދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ނަރުސް މީހާ ޕޮޒިޓިވްވި ފަހުން އިތުރު ދެ ނަރުހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ.

އެ ހޮސްޕިޓަލުގައި ގާތްގަނޑަކަށް 35 ނަރުހުންނާއި 15 ޑޮކްޓަރުން މަސައްކަތްކުރެ އެވެ.

މިހާތަނަށް ތިން ނަރުހުން ޕޮޒިޓިވްވެ އެ މީހުންނާ ކޮންޓެކްޓްވެގެން 15 ނަރުހަކު މިވަގުތު ވެސް ތިބީ ކަރަންޓީނުގައި ކަމަށް ރަޝީދު ވިދާޅުވެ އެވެ. އެހެންވެ، އަތޮޅުގެ އެކި ރަށްރަށުން ނަރުހުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 12 ނަރުހަކު ގެނެސްފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކި ރަށްރަށުން މިގޮތަށް ނަރުހުން ގެންނަނީ އެ ހޮސްޕިޓަލަކީ އެ އަތޮޅުގެ ގިނަ ބަޔަކާއި ހދ. އަތޮޅުގެ ވެސް ބައެއް މީހުން، ވަރަށް ގިނައިން ހިދުމަތް ހޯދަމުން އަންނަ ތަނަކަށްވެފައި ހިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ބޭނުމުގަ އެވެ. ވަކިން ހާއްސަކޮށް، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތްތައް ހޯދަން ގިނަ ބަޔަކު އެ ހޮސްޕިޓަލަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުގައި ކޮވިޑް އޮތަސް، ރަށްރަށުން ނަރުހުން ގެެނެސްފައިވާތީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ހަ މީހަކާ އެކު އެރަށުން ޕޮޒިޓިވްވި ތިން ނަރުހުން ހިމެނޭ ގޮތަށް ރަށުން ނުވަ މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.

މިދިޔަ ހޯމަ ދުވަހު ދިއްދޫން ކޮވިޑް ފެނިފައި ވަނީ ކޮވިޑާ ހެދި މަހެއްހާ ދުވަހު ރަށް ބަންދުކޮށްފައި ބޭއްވުމަށް ފަހު ހުޅުވާލިތާ ހަފްތާއެއް ވެސް ނުވަނީހެވެ. އެފަހަރު ރަށުން 143 މީހަކަށް ކޮވިޑް ޖެހުނެވެ. އެކަމަކު އެ އެންމެން ބަލިން ރަނގަޅުވެ، އަދި ރަށުން ނެގުނު 500 އެއްހާ ރެންޑަމް ސާމްޕަލް ނެގެޓިވްވެ، ރަށުގައި ބަލި ނެތް ކަމަށް ނިންމާ ހުޅުވާލީ އެވެ.

މިއީ ކޮވިޑާ ހެދި ދިއްދޫ ބަންދުކުރަން ޖެހުނު ތިން ވަނަ ފަހަރެވެ.