Roadha Mihaaru
ޅ. އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރު ފިލައިފި

ޅ. އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރު ފިލައިގެން އެމެރިކާއަށް!

27 ނޮވެމްބަރ 2022

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރު ފިލައިގެން އެމެރިކާއަށް ހިނގައްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރު ފިލައިގެން އެމެރިކާއަށް ހިނގައްޖެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ "މިހާރު" އަށް ވިދާޅުވީ މިދިޔަ ޖުލައި މަހު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށި ކިއުބާގެ ޑޮކްޓަރު މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ޑިއުޓީއަށް ހާޒިރު ނުވާ ކަމަށެވެ. ސަބަބެއް ވެސް ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުބުނާނަން ފިލައިގެން ދިޔައީ ކަމަކަށް. އޭނަ އުޅެނީ ރަށުގެ އެހެން ޑޮކްޓަރަކާ އެއްކޮށް. އެ ޑޮކްޓަރު ބުނީ އޭނަ ފުރައިގެން ދިޔައީ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް އެ މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. ހއ. އަތޮޅުން އޮޕަރޭޝަން ޑޮކްޓަރެއް ގެނައުމަށް މަޝްވަރާ ކުރަމުން އަންނަ ކަަމަށް ވެސް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ ވިދާޅުވީ އޭނާ ފުރައިގެން ދިޔައީ މިނިސްޓްރީއަށް ވެސް ނާންގާ ކަމަށެވެ.

"މިނިސްޓްރީއަށް ވެސް ނާންގާ ފުރައިގެން ދިޔައީ. މިނިސްޓްރީ އިން މިއަދު ބެލިއިރު އޭނަ ހުރީ އެމެރިކާގައި، އެގޮތަށް ދާ މީހުންނަށް ޖޫރިމަނާއެއް އަންނާނެ،" ޝަތުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލަކަށް ވެފައި ގިނަ ބަޔަކު ހިދުމަތް ހޯދާ ތަނަކަށް ވާތީ ޑޮކްޓަރެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރަށްރަށުގައި މަސައްކަތްކުރާ ޑޮކްޓަރުން، މިނިސްޓްރީއަށް ނޭނގި ފިލައިގެން ދިއުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ.