Roadha Mihaaru
ޕްރިލިމިނަރީގައި ވާދަކުރި ހީޓުން ސާއިދަށް ހަތަރު ވަނަ

ޕްރިލިމިނަރީގައި ވާދަކުރި ހީޓުން ސާއިދަށް ހަތަރު ވަނަ

31 ޖުލައި 2021

އޮލިމްޕިކްސްގެ 100 މީޓަރު ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ހަސަން ސާއިދު ވާދަކުރި ހީޓުން ހަތަރު ވަނަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮލިމްޕިކްސްގެ 100 މީޓަރު ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ހަސަން ސާއިދު ވާދަކުރި ހީޓުން ހަތަރު ވަނަ ހޯދައިފި އެވެ.

ސާއިދު ހީޓު ރައުންޑަށް ކޮލިފައިނުވުމުން، ރާއްޖެއަށް ވަނީ މިފަހަރުގެ އޮލިމްޕިކްސް ނިމިފަ އެވެ.

ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގައި 2016 ގައި ބޭއްވި އޮލިމްޕިކުސްގެ ޕްރިލިމިނަރީ ބުރުގައި ވާދަކޮށް، މުޅި ޕްރލިމިނަރީ ބުރުން ސާއިދު އޭރު އެއް ވަނަ ހޯދީ 10.43 ސިކުންތުންނެވެ.

މިފަހަރުގެ އޮލިމްޕިކުސްގައި ސާއިދު ރޭސް ނިންމީ 10.70 ސިކުންތުންނެވެ.

ސާއިދު ވާދަކުރި ހީޓުން އެއް ވަނަ ހޯދީ ޒިމްބާބްވޭގެ މަކްޝާ ނޮގާނީ އެވެ. އޭނާ ރޭސް ނިންމީ 10.32 ސިކުންތުންނެވެ. ދެ ވަނަ ހޯދި ދުވުންތެރިޔާ ރޭސް ނިންމީ 10.57 ސިކުންތުންނެވެ. ތިން ވަނައިގައި ރޭސް ނިންމީ ނިކަރާގްއާގެ އެތުލީޓު، ޔެކިލް އެލިއުތު ރޮމޭރޯ އެވެ. އޭނާ ރޭސް ނިންމީ 10.67 ސިކުންތުންނެވެ.

ސާއިދުގެ ފަހަތުން ފަސް ވަނަ ހޯދީ ބެލީޒުގެ އެތުލީޓް ޝައުން ގިލް ރޭސް ނިންމީ 10.88 ސިކުންތުންނެވެ. ހަ ވަނަ ހޯދީ ކެމްބޯޑިއާގެ ސޯކޮންގް ޕެން އެވެ. އޭނާ ރޭސް ނިންމީ، 11.02 ސިކުންތުންނެވެ. ހަތް ވަނަ ލިބުނު އަފްގާނިސްތާންގެ ނޫރު މުހައްމަދު ޝާހް ޒާހީ ރޭސް ނިންމީ 11.04 ސިކުންތުންނެވެ. އަށް ވަނަ ލިބުނީ ކިރީބާސްގެ އެތުލީޓު ލަޓައިސީ މޮޔެއާ އަށެވެ. އޭނާ ރޭސް ނިންމީ 11.25 ސިކުންތުންނެވެ. ނުވަ ވަނަ ހޯދީ 11.27 ސިކުންތުން ރޭސް ނިންމި އެމެރިކަން ސަމާއޯގެ ނޭތަން ކްރަމްޓަން އެވެ.

ޕްރިލިމިނަރީ ބުރުގެ ހީޓު 2 އިން އެއް ވަނަ ހޯދީ އޮމާންގެ އަލް ބަރަކާތު ޙަރިސް އެވެ. އޭނާ ރޭސް ނިންމީ 10.27 ސިކުންތުންނެވެ. ދެ ވަނަ ހޯދީ ގުޔާނާގެ އެމޭނުއަލް އާޗްބާލްޑް އެވެ. އޭނާ ރޭސް ނިންމީ 10.37 ސިކުންތުންނެވެ. ތިން ވަނަ ހޯދީ ޔޫއޭއީގެ މުހައްމަދު އަލް ހަމްމާދީ ރޭސް ނިންމީ 10.59 ސިކުންތުންނެވެ. ޕްރިލިމިނަރީގެ ތިން ހީޓުގެ ހަތަރު ވަނައިގައި ނިންމި އެތުލީޓުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ފިޖީގެ އެތުލީޓު ބަނޫވް ޓޮބާކޯ އާކޯރޯ ވަނީ، ހީޓު ރައުންޑަށް ކޮލިފައިވެފަ އެވެ. އޭނާ ރޭސް ނިންމީ 10.59 ސިކުންތުންނެވެ.

ހީޓު 3 އިން ތިން ވަނަ ހޯދީ ރެފިއުޖީ އެތުލީޓުންގެ ފަރާތުން ތަމްސީލު ކުރި ޑޯރިއަން ކެލެޓެލާ އެވެ. އޭނާ ރޭސް ނިންމީ 10. 33 ސިކުންނތުންނެވެ. ދެ ވަނަ ހޯދީ ގެބޯންގެ ގޯރާން މަގަންގާ އެވެ. އޭނާ ރޭސް ނިންމީ 10.61 ސިކުންތުންނެވެ. ތިން ވަނަ ހޯދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އެތުލީޓު އޮލިވާ މިވިމްބާ ރޭސް ނިންމީ 10.63 ސިކުންތުންނެވެ.