Roadha Mihaaru
އަލީ ވަހީދު ފުރީ ތުރުކީއަށް، އިމިގްރޭޝަނަށް ސުވާލެއް!

އަލީ ވަހީދު ފުރުއްވީ ތުރުކީއަށް، އިމިގްރޭޝަނަށް ސުވާލުތަކެއް!

03 މާޗް 2021

ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް މިދިޔަ މަހު 9 ގައި ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އޭނާ ފުރުއްވީ އެރޭ 11:07 ގައި ތުރުކީއަށް ކަމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޕްރޮސެކިއުޓާ ޖެނަރަލް އަންގަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް މިދިޔަ މަހު 9 ގައި ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އޭނާ ފުރުއްވީ އެރޭ 11:07 ގައި ތުރުކީއަށް ކަމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޕްރޮސެކިއުޓާ ޖެނަރަލް އަންގަވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރޭޕްކުރަން އުޅުމާއި ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް، އޭނާގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުގައި އަޑުއެހުން ބާއްވައި އަމުރު އިއުލާން ކުރީ މިދިޔަ މަހު 9 ގައެވެ. ނަމަވެސް ނެރުނު އަމުރުގައި އިދާރީ މައްސަލައަކާ ގުޅިގެން ޖެހިފައި އޮތީ ފެބްރުއަރީ 10 އެވެ. އަދި އެކަމާ ގުޅޭ ލިޔުންތައް ލިބުނު ކަމަށް ޕީޖީން ބުނަނީ 11 ވަނަ ދުވަހު އެވެ. އޭރު ވެސް އަލީ ވަހީދު ފުރައިވަޑައިިގެންނެވި ސީދާ ތާރީހެއް އޮތީ ސާފު ނުވެ އެވެ.

އެ މައުލޫމާތު އިމިގްރޭޝަނުން އޮޅުން ފިލުވުމަށް ފަހު ޖުޑިޝަރީ ކޮމިޓީއަށް ޕީޖީން ފޮނުވި ސިޓީ މިއަދު ވަނީ އެ ކޮމިޓިގައި އާންމުކޮށްފަ އެވެ. އެ ސިޓީގައިވާ ގޮތުން އަލީ ވަހީދު ފުރުއްވީ ފެބްރުއަރީ 9، 2021ގެ ރޭގަނޑު 11:09 ގައި ޓާކިޝް އެއާލައިންސްގެ ޓީކޭ 731 ފްލައިޓުން ތުރުކީގެ އިސްތަންބޫލް އަށެވެ.

އަލީ ވަހީދުގެ މައްސަލާގައި ޖުޑިޝަރީ ކޮމިޓީން މިއަދު ގޮތެއް ނިންމަން އޮތް ނަމަވެސް އެ ސިޓީއާ އެކު މެންބަރުން އިތުރު ސުވާލުތަކެއް އުފެއްދެވި އެވެ. އެގޮތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރުގެ ލިޔުން ނުކުތުމުގެ ކުރިން އަލީ ވަހީދު ފުރުއްވުމަށް އިމިގްރޭޝަނުން ހުއްދަ ލިބުނު ގޮތް ސާފުކުރަން ޖެހޭ ކަމަށެވެ.

"އިމިގްރޭޝަނުން އެ ހުއްދަ ދިނީ ކޮން ލިޔުމެއް ނުވަތަ ކާކު އަންގައިގެން ކަން ބަލަން ޖެހޭ،" ނިހާދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ އަލީ ވަހީދުގެ މައްސަލާގައި ސީދާ އިމިގްރޭޝަނާ ސުވާލުކުރުމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ.

ނަމަވެސް އެ ތުހުމަތުތައް އޭނާ ގެންދަވަނީ ދޮގުކުރައްވަމުންނެވެ.

ޖާމިނުވާނެ ފަރާތެއް ހުށަހެޅުމުން އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލީ، ޕާސްޕޯޓްގެ ބަދަލުގައި ބޭހަށް ބޭރަށް ދިއުމުގެ ވަގުތީ ލިއުމެއްގެ ދަށުން ފުރުއްވުމުގެ ހުއްދަ ދޭން ފެންނަ ކަމަށް ޕީޖީން ކޯޓުގައި އެދިފައި އޮއްވަ އެވެ. އޭނާ ބޭރަށް ވަޑައިގަންނަވާ ސަބަބެއް ކަމަށް އެދިވަޑައިގެންފައި އޮތީ ބަދައިގެ އޮޕަރޭޝަނަކަށެވެ.