Roadha Mihaaru
"ލީޑަރުންގެ ތާއީދު ނެތަސް ރައްޔިތުންގެ ތާއީދު ލިބޭނެ"

ލީޑަރުންގެ ތާއީދު ބޭނުމެއް ނޫން، ރައްޔިތުންގެ ތާއީދު ލިބޭނެ: އަބްދުއްރަހީމް

03 އޯގަސްޓް 2021

ގައުމު މިނިވަންކުރުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕެއިނުގައި ބައިވެެރިވާން، ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމް އަށް ފޮނުވި ދައުވަތު ގަބޫލުނުކުރިޔަސް އެ ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އިިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގައުމު މިނިވަންކުރުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕެއިނުގައި ބައިވެެރިވާން، ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމް އަށް ފޮނުވި ދައުވަތު ގަބޫލުނުކުރިޔަސް އެ ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އިިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިފުތިތާހުކުރި "މިނިވަންކަމުގެ ދިފާއުގައި-ދިވެހިން" ކެމްޕެއިންގެ ރަސްމީ ދައުވަތު އެ ޕާޓީތަކަށް ފޮނުވި ނަމަވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"...އެކަމަކު އެމްއާރުއެމުން ދައުވަތު ގަބޫލުނުކުރާ ކަމަށް މެސެޖެއް ކޮށްފަ ވަނީ. އަދި ސިޓީއެއް ވެސް ފޮނުވާނެ ކަމަށް ބުނި. ޝިޔާމް ވެސް ވަކި އެއްޗެއް އަންގާފައެއް ނެތް،" ޕީޕީއެމާއެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިޔަސް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމުން ވެސް ވަނީ އިދިކޮޅު ކޯލިޝަންގެ ދައުވަތާ ދެކޮޅު ހަދައި މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާ ފަދަ ހާލަތެއް މިވަގުތު ނެތް ކަމަށް ބުނެ އިދިކޮޅުގެ ދައުވަތު ގަބޫލުނުކުރަން އަދާލަތު ޕާޓީން ނިންމިއިރު، އެމްއާރުއެމުން ވެސް ބުނެފައި ވަނީ އެ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ކަމަށާއި އެ ކޯލިޝަނުން ވަކިވެ، ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް، އެ ފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ.

"ރައްޔިތުން ގައުމަކަށް ހަރާންކޯރެއް ނުވާނެ. އަމިއްލަ ވަކިވަކި ލީޑަރުން ގައުމަށް ހަރާންކޯރުވި ނަމަވެސް ރައްޔިތުން ތިބޭނީ ދިވެހި ގައުމުގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ކަމަށް ޕީޕީއެމް/ ޕީއެންސީން ގަބޫލުކުރަނީ،" --- އަބްދުއްރަހީމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮވިޑްގެ ހާލަތުން ކިރިޔާ އަރައިގަނެވޭ ހިސާބަށް ދިއުމާއެކު ސިޔާސީ ކަންކަން ފަށަން އަދި މާ އަވަސް ކަމަށެވެ.

އެ ޕާޓީތަކުން ދައުވަތު ގަބޫލު ނުކުރުމުން ކެމްޕެއިން ދެން ކުރިއަށް ގެންދާނީ ކިހިއްނެތޯ ސުވާލުކުރުމުން އަބްދުއްރަހީމް، "މިހާރު" އަށް ވިދާޅުވީ، ކެމްޕެއިން ނުހުއްޓޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕާޓީތަކުގެ ލީޑަރުންގެ ތާއިދު ނުލިބުނު ނަމަވެސް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެ ބޭފުޅުންގެ އަމިއްލަ އެދުމަށްޓަކައި ގައުމުގެ މިނިވަންކަން ނަގާލައި ބަޔަކާ އެކީގަ މަސައްކަތް ކުރިޔަސް އަޅުގަނޑުމެންގެ މަސައްކަތް ހަމަ ބާރަށް ކުރިއަށް ދާނެ. ދިވެހި ރައްޔިތުން ބޭނުންވަނީ މި ގައުމަކީ މިނިވަން، މުސްތަގިއްލު ގައުމަކަށް ވުން. އެ މަސައްކަތް ކުރާ ބަޔަކާ އެކީގައި ރައްޔިތުން ތިބޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އަބަދުވެސް ދެމިއޮންނާނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަ އެވެ. އިތުރު އެއްވެސް ޕާޓީއެއްގެ އެހީތެރިކަން ނުލިބުން ނަމަވެސް އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ގައުމަކަށް ހަރާންކޯރެއް ނުވާނެ. އަމިއްލަ ވަކިވަކި ލީޑަރުން ގައުމަށް ހަރާންކޯރުވި ނަމަވެސް ރައްޔިތުން ތިބޭނީ ދިވެހި ގައުމުގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ކަމަށް ޕީޕީއެމް/ ޕީއެންސީން ގަބޫލުކުރަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތް ރޭވުމުގެ މަސައްކަތް ކުރުމަށް ކޮމިޓީއެއް އެކުލަވާލައިގެން ކުރަމުން އަންނަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، މިހާރު ގައުމުގެ މިނިވަންކަން އޮތީ ނާޒުކު ހާލަތަކަށް ގޮސްފައި ނަމަވެސް މިއަދު ފެންނަނީ ސިޔާސީ ލީޑަރުން އެ ބޭފުޅުންގެ އަމިއްލަ އެދުން އިސްކުރާ މަންޒަރު ކަމަށެވެ. އަދި ސަރުކާރުން ގޮތް ނޭނގޭ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން އަންނަ ކަމަށާއި އެކަމަކު އެ އެއްބަސްވުންތައް ރައްޔިތުންނަށް ހާމަނުކުރާތީ އަބްދުއްރަހީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.