Roadha Mihaaru
ޗުއްޓީ ނުދޭން ޕޮލިސީ ބަދަލުކުރާ ކަމުގެ ޝަކުވާ!

މުވައްޒަފުންނަށް ޗުއްޓީ ނުދޭން ރިސޯޓުތަކުން ޕޮލިސީ ބަދަލުކުރާ ކަމުގެ ޝަކުވާ!

04 އޯގަސްޓް 2021

ޗުއްޓީ ނުލިބޭ ގޮތް ހަދަން ބައެއް ރިސޯޓުތަކުން ޕޮލިސީތައް ބަދަލުކުރަމުން އަންނަ ކަމަށް އެ ރިސޯޓުތަކުގެ ބައެއް މުވައްޒަފުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޗުއްޓީ ނުލިބޭ ގޮތް ހަދަން ބައެއް ރިސޯޓުތަކުން ޕޮލިސީތައް ބަދަލުކުރަމުން އަންނަ ކަމަށް އެ ރިސޯޓުތަކުގެ ބައެއް މުވައްޒަފުން މިއަދު ބުނެފި އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނީ އެ މީހުން މަސައްކަތް ކުރާ ރިސޯޓުތަކުން ޗުއްޓީ ޕޮލިސީއަށް ބަދަލު ގެންނަނީ ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މުވައްޒަފުންނަށް ލުއި ދޭން ސަރުކާރުން ނިންމުމާ ގުޅިގެން ކަމަށެވެ. އަދި ޕޮލިސީ އަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން މިހާރު ވެސް ރިސޯޓުތަކުން ރަށްރަށަށް ދިއުމުގައި ދަތިތައް ހުރި ކަމަށް އެ މީހުން ބުންޏެވެ.

މިދިޔަ މަހު އެޗްޕީއޭ އިން ދިން ލުއިތަކާއެކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މުވައްޒަފުންނަށް ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކު، ކަރަންޓީން ނުވެ ދަތުރު ކުރެވޭނެ އެވެ.

ރެޑިސަން ބްލޫ މޯލްޑިވްސް ގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް އެދި ބުނީ، ކުރިން އޮފް ދުވަސްތައް އެއްކޮށްގެން ރަށަށް ދެވުނު ނަމަވެސް ޕޮލިސީ އަށް ގެނައި ބަދަލުތަކާއެކު އޮފް ދުވަސްތައް އެއް ނުކުރެވޭ ކަމަށެވެ. އަދި އޮފް ދުވަސް ނަގަން މުވައްޒަފުންނަށް މަޖުބޫރު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކުރިން އޮފް ޑޭތައް އެކިޔުމިލޭޓް ކޮށްގެން މިދަނީ ކުޑަ ދުވަސްކޮޅަކަށް ވިޔަސް ރަށަށް. ވެކްސިން ޖަހާ މީހުންނަށް ލުއި ދިނީމާ ރަށަށް ދާން ވަރަށް އުއްމީދުކޮށްގެން ހުރީ. އެކަމަކު ސަރުކާރުން ލުއި ދިނުމާއެކު އޮފްޑޭ އެކިޔުމިލޭޓް ނުކުރެވޭނެ ކަމަށް އަންގައިފި. ދެން ލިބޭނީ ހަމައެކަނި އަހަރީ ޗުއްޓީ،" އެ މުވައްޒަފު ބުންޏެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފަކަށް ވެކްސިން ޖަހަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފަކަށް ވެކްސިން ޖަހަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގާ، ސޮނެވާގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ އެ ރިސޯޓުން ގެނައި ބަދަލާއެކު، ޗުއްޓީއަށް ދާ ނަމަ އެނބުރި ގޮސް 14 ދުވަސް ވަންދެން ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ކަމަށެވެ. މި ޓެސްޓުތަކަށް ހަރަދު ކުރަން ޖެހެނީ އަމިއްލައަށް ކަމަށް ވުމުން ޗުއްޓީ ނަގަން ދަތިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ޗުއްޓީ ލިބޭ. އެކަމަކު ދާން ޓެސްޓު ހަދަން ޖެހޭ، އައިސް ޓެސްޓު ހަދަން ޖެހޭ. އެވަރުން ނުވެގެން 14 ދުވަސް ވަންދެން ކޮންމެ ދުވަހަކު ހެން ޓެސްޓު ހަދަން ބުނޭ. އެ ހުރިހާ ޓެސްޓަކަށް ލާރި ކަނޑަނީ މުސާރައިން،" އޭނާ ބުންޏެވެ.

"އެހެން ހަދަންޏާ ކާކު ދާން ބޭނުން ވާނީ. އަޅުގަނޑަށް ވެސް ރަށަށް ނުދެވި މިހިރީ އެހެންވެ."

ބައެއް ރިސޯޓުތަކުން މުވައްޒަފުންގެ ޕީސީއާރު ޓެސްޓު ހަދަން 50 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ނަގަ އެވެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަށް ވެސް މިފަދަ ގިނަ ޝަކުވާތަކެއް ވަނީ ލިބިފަ އެވެ.

އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) ވިދާޅުވީ ގިނަ ރިސޯޓުތަކުން މުވައްޒަފުންނަށް ޗުއްޓީ ނުދޭން މަސައްކަތް ކުރަނީ އެ ތަންތަނުގައި މުވައްޒަފުން މަދުވުމުން ކަމަށެވެ. މި ޝަކުވާތައް ޓޫރިޒަމް މިނިސްޓްރީއާ ބައްދަލުކޮށް މިއަދު ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑާ ގުޅިގެން، ވަރަށް ގިނަ މުވައްޒަފުން ވަޒީފާ އިން ވަކި ކުރި. ގިނަ ތަންތަނުން މިހާރު މަދު ސްޓާފުންނާއެކު އޮޕަރޭޝަން ކުރިއަށް ގެންދަނީ. އޮކިއުޕެންސީ ވެސް ރަނގަޅުވުމުން އެއްވެސް މުވައްޒަފަކު ޗުއްޓީ ނަގައިފި ނަމަ އޮޕަރޭޝަނަށް ބުރޫ އެބައަރާ،" މާއްޓޭ ވިދާޅުވި އެވެ.

"އެހެންވެ ޕޮލިސީތައް ބަދަލު ކޮށްގެން ވެސް އެކި ގޮތްގޮތުން ޗުއްޓީ ނުދީ ވޭތޯ އެ ބަލަނީ، މި ކަހަލަ ބައިވަރު ކޮމްޕްލެއިންތައް އަޅުގަނޑުމެންނަށް އެބަހުރި ލިބިފައި."

ކޮވިޑް-19ގެ ސަބަބުން ރިސޯޓުތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވައިލި ފަހުން ގިނަ މުވައްޒަފުން ތިބީ ރިސޯޓުތަކުގައި ތާށިވެފަ އެވެ. އެ މުވައްޒަފުން ތިބީ ވެކްސިންގެ ދެ ޑޯޒު ޖެހުމުން ދޭ ލުއިތަކާއެކު ރަށަށް ދެވޭނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް ރިސޯޓުތަކުގެ ޕޮލިސީތައް ބަދަލު ކުރުމުން އަނެއްކާވެސް ރިސޯޓުގައި ތާށިވީ އެވެ.

ބައެއް ރިސޯޓުތަކުން ޗުއްޓީ ޕޮލިސީއަށް ބަދަލު ގެނައި ނަމަވެސް އަނެއްބައި ރިސޯޓުތަކުން މުވައްޒަފުން ޗުއްޓީއަށް ފޮނުވަ އެވެ. އަދި އެ މުވައްޒަފުންގެ ޕީސީއާރު ޓެސްޓުތަކަށް ވެސް ހަރަދު ކުރަނީ ރިސޯޓުންނެވެ.