Roadha Mihaaru
ޔާމީން ކޮމިޝަނަށް ހާޒިރުކުރީ ހެއްކެއް ނެތި: ވަކީލުން

ޔާމީން ކޮމިޝަނަށް ހާޒިރުކުރީ ހަރުދަނާ ހެއްކެއް ނެތި: ވަކީލުން

04 އޯގަސްޓް 2021

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުރަސް އެޅުއްވި ކަމަށް ތުހުމަތުކޮށް މަރު ކޮމިޝަނަށް އިއްޔެ ހާޒުރުކުރީ ތުހުމަތާ ގުޅޭ ހަރުދަނާ އެއްވެސް ހެއްކެއް ނެތި ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުރަސް އެޅުއްވި ކަމަށް ތުހުމަތުކޮށް މަރު ކޮމިޝަނަށް އިއްޔެ ހާޒުރުކުރީ ތުހުމަތާ ގުޅޭ ހަރުދަނާ އެއްވެސް ހެއްކެއް ނެތި ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް، ޔާމީން ވެރިކަމުގައި ހުންނެވިއިރު ހުރަސްއެޅުއްވި ކަމުގެ ތުހުމަތުތާ ގުޅިގެން ސުވާލު ކުރަން އިއްޔެ ވަނީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީޙުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރުކޮށްފަ އެވެ.

ރިލްވާން ގެއްލުނު މައްސަލަ ބަލަން އެހާވަރަށް ނޫޅުމަށް ވިދާޅުވެ ޔާމީން އެ މަނިކުފާނުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކުރެއްވި މެސެޖެއް ކުރިން ލީކުވެފައިވެ އެވެ.

ކޮމިޝަނަށް ޔާމީން ހާޒިރުކުރުމުން އިހުތިޔާރު ކުރެއްވީ ހަނު ހުރުމުގެ ހައްގު ކަމަށް ކޮމިޝަނުން ބުނާއިރު ޔާމީންގެ ވަކީލުން ވިދާޅުވީ، އެ މަނިކުފާނަށް ކުރި ތުހުމަތު ދޮގު ކުރެއްވި ކަމަށެވެ.

ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާތީ ކަން ހިނގައިދިޔަ ގޮތް ސާފުކުރަން ކަމަށް ބުނެ މިރޭ ޔާމީންގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ، ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވި ކަމަށް ތުހުމަތު ކުރިޔަސް، ޔާމީން އެޅުއްވީ ކޮން ހުރަހެއް ކަމެއް އަދި ހުރަސް އަޅުއްވަން ކުރެއްވީ ކީއްކަމެއް ކޮމިޝަނުން ބުނެދީފައިނުވާތީ މުޅި ތުހުމަތަށް ޖުމްލަކޮށް އެ މަނިކުފާނު އިންކާރު ކުރެއްވި ކަމަށެވެ. އަދި އިތުރަށް ދައްކަން ޖެހޭ ވާހަކައެއް ނެތް ކަމުގައި ކޮމިޝަނުގައި ދަންނަވާފައިވާނެ ކަމަށް ވަކީލުންގެ ބަޔާނުގައިވެ އެވެ.

ވަކީލުން ބުނީ ޔާމީން ކޮމިޝަނަށް ހާޒިރުކުރީ އެއްވެސް ހަރުދަނާ ހެއްކެއް ހުރެގެން ނޫން ކަމަށެވެ. އަދި އެ މަނިކުފާނު ތަހުގީގީ އިދާރާތަކަށް ހާޒިރުކުރަނީ ތަހުގީގު ކުރުމުގެ ނަމުގައި ސިޔާސީ ގޮތުން ގޯނާކުރަން ކަމަށް ބުންޏެވެ.

"ރައީސް ޔާމީންގެ މައްޗަށް ސަރުކާރުގެ ސިޔާސީ ފަރާތްތަކާއި، ސަރުކާރާ ބައިއަތު ހިފާފައިވާ ރައީސް ޔާމީނާ ވާދަވެރި ސިޔާސީ ފަރާތްތައް އަޑީގައި ތިބެގެން އެކިއެކި ތަހުގީގު އިދާރާތައް މެދުވެރިކޮށް، އަސްލެއްނެތް ތުހުމަތުތަކެއް އުފައްދައިގެން ތަހުގީގު ކުރުމުގެ ނަމުގައި ސުވާލު ކުރުމަށް ހާޒިރުކުރަމުންގެންދަނީ ސިޔާސީ ގޮތުން ގޯނާ ކުރުމަށްކަން ހިތާމައާއެކު ފާހަގަ ކުރަމެވެ."

ޔާމީން ރައީސްކަން ކުރެއްވީ ގާނޫނުއާސީސީއާއި ގާނޫނުތަކާ އެއްގޮތަށް ކަމަށާއި، އެ މަނިކުފާނުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް އިރުޝާދު ނުދެއްވާ ކަމަށް ވަކީލުން ބުންޏެވެ.

"ރައީސް ޔާމީން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އަދާކުރެއްވި ފަސް އަހަރުގެ ދައުރުގައި އެ މަނިކުފާނު ވެރިކަން ކުރައްވާފައި ވަނީ ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ކަމާއި، އަދި އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް އިރުޝާދުދީ އެންގުމެއް އަންގާފައި ނުވެ އެވެ." ބަޔާނުގައިވެ އެވެ.

އޮގަސްޓު 8، 2014 ވަނަ ދުވަހުގެ ރޭ ރިލްވާން މާލެ އިން ހުޅުމާލެ އަށް ގޮސް އޭނާ ދިރިއުޅުނު ގެއަށް ދަނިކޮށް، ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ ގޮތަށް އޭނާ ނުފެނެ އެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނި ގޮތުގައި ރިލްވާން ވަނީ މާރާލައި ކަނޑުފައްތައިފަ އެވެ. އޭނާ މަރާލީ ދީނީ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އަލް ގައިދާގެ ގޮތްޕަކުން ކަމަށް ވެސް ބުނެފައިވެ އެވެ.

ރިލްވާންގެ މަރުގެ ތަހުގީގު އަދިވެސް ކޮމިޝަނުން ކުރިއަށް ގެންދާއިރު، އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފެނުނު ވަޅިއަކީ މުހިންމު ހެއްކެއް ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ ވަޅި ބޭރަށް ފޮނުވައިގެން ތަހުލީލުތަކެއް ވެސް ހެދި އެވެ.