Roadha Mihaaru
ހަފުލާ ހުއްޓުވީ އަސްލު ނަންބަރު ފެނިދާނެތީ: އުމަރު

ޕީޕީއެމްގެ ހަފުލާ ހުއްޓުވީ އަސްލު ނަންބަރު ފެނިދާނެތީ: އުމަރު

27 އޮކްޓޯބަރ 2016

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން މިރޭ އެ ޕާޓީ އޮފީހުގައި ބާއްވަން އުޅުނު އަހަރީ ހަފުލާ އަށް ފުލުހުން ހުރަސް އެޅީ، މައުމޫންގެ ފަހަތްޕުޅުގައި ތިބި މެމްބަރުންގެ އަދަދު ފެނިދާނެތީ ރައީސް އަބްދުﷲ ޔާމީން ޖެހިލުންވެވަޑައިގެން ކަމަށް، އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން މިރޭ އެ ޕާޓީ އޮފީހުގައި ބާއްވަން އުޅުނު އަހަރީ ހަފުލާ އަށް ފުލުހުން ހުރަސް އެޅީ، މައުމޫންގެ ފަހަތްޕުޅުގައި ތިބި މެމްބަރުންގެ އަދަދު ފެނިދާނެތީ ރައީސް އަބްދުﷲ ޔާމީން ޖެހިލުންވެވަޑައިގެން ކަމަށް، އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހަފުލާގައި ވާހަކަ ދައްކަވަން ތައްޔާރުވެވަޑައިގެން ހުންނެވި އުމަރު ވިދާޅުވީ މި ފެންވަރަށް ސަރުކާރުގެ އަމަލްތައް ހިނގައިދާނެ ކަމަށް ހީ ވެސް ނުކުރައްވާ ކަމަށެވެ.

"އެމްޑީޕީ ހަރުގޭގައި ވެސް އެ ޕާޓީގެ މެމްބަރުން ޖަލްސާ ބާއްވައި، ވާހަކަ ދައްކާ ހަދާ. އަޅުގަނޑުމެންގެ މި ހަފުލާ އަށް އެ ޖާގަ ނުދިނީ އަސްލު ޖެހިލުންވަނީ މިރޭ އަންނާނެ މީހުންގެ ނަންބަރު ފެންނާނެތީ،" ޕީޕީއެމް އޮފީސް ކައިރިއަށް ކާރުގައި ދެވޭނެ ގޮތެއް ނެތިގެން، ކާރުގައި އިންނަވައި، "މިހާރު"އާ ވާހަކަ ދައްކަވަމުން، ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ "މިއީ ވަރަށް ފިނޑި އަމަލެއް" ކަމަށެވެ. އަދި ސިޔާސީ ގޮތުން ސަރުކާރު "ތަސައްރަފު ނުފުދޭ" ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން މައުމޫން ފެކްޝަންގެ ސަޕޯޓަރުން ދުރަށް ޖައްސަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ފުލުހުން މައުމޫން ފެކްޝަންގެ ސަޕޯޓަރުން ދުރަށް ޖައްސަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"އެކޮޅަށް ގެންދެވޭނީ ޕީޕީއެމްގެ ނަން ބޯޑު. އަޅުގަނޑުމެންނާ އެކު މެމްބަރުން ތިބީ. މެމްބަރުންނަށް ވާނީ މިރޭގެ ހަފުލާ އަށް އަންނަން ދައުވަތު ވެސް ދީފައި،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލްސާއަކަށް ވުރެ ބޮޑަށް މިރޭ ބާއްވަން އުޅުނީ އަހަރީ ހަފުލާއެކެވެ. އޭގެ ތެރޭގައި ޕީޕީއެމަށް ފަސް އަހަރު ވުމުގެ އުފަލުގައި ކޭކު ފެޅުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މައުމޫންގެ ފެކްޝަނުން ފުރަތަމަ ބާއްވަން އުޅުނީ ޖަލްސާއެކެވެ. އެކަމަކު ސަރުކާރުން އެއްވެސް ތަނެއް ނުދިނުމުން އެންދެރިމާގޭގައި ޖަލްސާ ކުރިއަށް ގެންދަން ވެސް ރޭވި އެވެ. އެގޭގައި ޖަލްސާ ނުބޭއްވުނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ހުންނަނީ އެ ސަރަހައްދުގައި ކަމަށް ވާތީ ގްރީން ޒޯނެއް ކަމަށް ކަނޑައަޅާފައި ވުމުންނެވެ.

އުމަރު ވިދާޅުވި ގޮތުގައި މިއަދު ރައްޔިތުންގެ މަޖިލިހުގެ އަށް މެމްބަރަކު މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގަތުމުން ވެސް ސަރުކާރު ޖެހިލުންވާނެ އެވެ.

މުޅި ސަރަހައްދު ބަންދުކޮށް، ފުލުހުން ފޯރިމަރަމުން އަންނަ އިރު ޕީޕީއެމްގެ އޮފީސް ތެރޭގައި މުވައްޒަފުން މިހާރު ވެސް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕީޕީއެމް އޮފީހަށް ފުލުހުން ނުވަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ތަންކޮޅެއް ކުރިން އޮފީހަށް ގޮސް ތިބި މުވައްޒަފުން އަދިވެސް ތިބީ އެތަނުގައި،" އުމަރު ވިދާޅުވި އެވެ.

އެކަމަކު ހަފުލާގައި ބައިވެރިވާން ވަޑައިގެންނެވި މަޖިލިހުގެ މެމްބަރުންނަށް ވެސް އަދި މައުމޫން ފަޅީގެ އިސް އެހެން ބޭފުޅުންނަށް ވެސް އެ ސަރަހައްދަށް ވަންނަވާކަށް ފުލުހުން ހުއްދައެއް ނުދެ އެވެ.