Roadha Mihaaru
އެނަލޮގް ސިގްނަލް ޑިޖިޓަލްކުރި ޕްރޮފެސަރު އަވަހާރަވެއްޖެ

އެނަލޮގް ސިގްނަލް ޑިޖިޓަލްކޮށްދެއްވި ޕްރޮފެސަރު އަވަހަރާވެއްޖެ

08 އޯގަސްޓް 2021

މޮބައިލް ފޯނާއި ކޮމްޕިއުޓަރު ފަދަ ވަސީލަތްތައް އީޖާދާކުރުމުގެ މަސައްކަތްތަކަށް މަގުފަހިވުމުގައި ވަރަށް މުހިއްމު ހިދުމަތްތަކެއް ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން ކުރައްވާފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު ޕްރޮފެސަރު ކެން ކެޓަމޯލް އަވަހަރާވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޮބައިލް ފޯނާއި ކޮމްޕިއުޓަރު ފަދަ ވަސީލަތްތައް އީޖާދާކުރުމުގެ މަސައްކަތްތަކަށް މަގުފަހިވުމުގައި ވަރަށް މުހިއްމު ހިދުމަތްތަކެއް ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން ކުރައްވާފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު ޕްރޮފެސަރު ކެން ކެޓަމޯލް އަވަހަރާވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ އެސިކްސް ޔުނިވަސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި އެ ޔުނިވަސިޓީގެ ޓެލެކޮމިއުނިކޭޝަން ޕްރޮގްރާމްގެ މޭސްތިރިޔާ އަވަހަރާވީ 98 އަހަރުގައި މިދިޔަ މަހުގެ 21 ގައި ކަމަށް ޔުނިވަސިޓީން ހުކުރު ދުވަހު ބުންޏެވެ.

އެސިކްސް ޔުނިވަސިޓީގެ ސްކޫލް އޮފް ކޮމްޕިއުޓަ ސައިންސް އެންޑް އިންޖިނިއަރިން ސްޓުއަޓް ވޯކާ ވިދާޅުވި ގޮތުގައި ޕްރޮފެސަރު ކެޓަމޯލް އަކީ މިހާރު މި ބޭނުން ކުރާ މޮބައިލް ފޯނާއި ކޮމްޕިއުޓަރާއި ޓީވީ ފަދަ ވަސީލަތްތައް އުފެއްދުމުގެ މަސައްކަތްތަކަށް ބޭނުންވި ވަރަށް މުހިއްމު ދާއިރާއަކުން ގިނަ ހިދުމަތްތަކެއް ކުރެއްވި، ވަރަށް ތައުލީމީ ބޭފުޅެއް ކަމަށެވެ. އެގޮތުން ޕަލްސް ކޯޑް ކޮމިއުނިކޭޝަން ދާއިރާ އިން ހައްދަވާފައިވާ ރިސާޗްތަކާއި ނެރުއްވާފައިވާ ތިއަރީތަކަކީ އެތައް ހިދުމަތެއްގެ ފެށުން ކަމަށް ވިދާޅުވި އެވެ.

"ޒަމާނީ ހިދުމަތްތަކެއް ތައާރަފުވުމުގައި ބިންގަލެއްގެ ގޮތުގައި ކެޓަމޯލް ކުރެއްވި މަސައްކަތްތައް ފާހަގަކުރެވިގެން ދާނެ. އަދި އަބަދު ވެސް އޭނާގެ ހިދުމަތްތަކުގެ އަގުވަޒަން ކުރެވޭނެ." ވޯކާ ވިދާޅުވި އެވެ.

ކެޓަމޯލް 1969 ގައި ނެރުއްވި ފޮތް "ޕްރިންސިޕަލްސް އޮފް ޕަލްސް ކޯޑް މޮޑިއުލޭޝަން" އަކީ އެނަލޮގް ސިގްނަލް ޑިޖިޓަލް އަށް ބަދަލުކޮށްދިނުމުގެ މަރުހަލާ ތިލަކޮށްދިން ފޮތެވެ. އޭގެ ފަހުން އެ ދާއިރާ އިން ކުރެވޭ މަސައްކަތުގެ ރެފަރެންސެއްގެ ގޮތުގައި އަބަދުވެސް އެ ފޮތް ބޭނުން ކުރެވެ އެވެ.

ޕަލްސް ކޯޑް މޮޑިއުލޭޝަން ދާއިރާއަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް އަދި އިނގިރޭސިވިލާތުގައި ޓެލެކޮމިއުނިކޭޝަން ޓްރާންސްމިޝަން ތަރައްގީކުރަން ކުރެއްވި މަސައްކަތް ފާހަގަކޮށް 1996 ގައި ކެޓަމޯލް އަށް ޖޭޖޭ ތޯމަސް އެވޯޑް ވެސް ލިބިވަޑައިގެންފައިވެ އެވެ. އެސިކްސް ޔުނިވަސިޓީ އަށް އޭނާ ކޮށް ދެއްވި ހިދުމަތްތަކާ ގުޅިގެން އެތަނުގެ ލެބޯޓްރީތަކަށް ވެސް ކެޓަމޯލްގެ ނަން ދީފައިވެ އެވެ.

އޭނާ އެސިކްސް ޔުނިވަސިޓީއާ ގުޅިވަޑައިގެންނެވީ 1968 ގަ އެވެ. އެއީ އެތަނުގެ ކޮމިއުނިކޭޝަން ޗެއާގެ ގޮތުގަ އެވެ. ކެޓަމޯލް އެސިކްސް ޔުނިވަސިޓީން ރިޓަޔާކުރެއްވީ 1990 ގަ އެވެ.

އޭނާ އަވަހާރަވި އިރު ދަރިކަލަކާއި ކާފަ ދެ ދަރިންނާއި މުނިކާފަ ދެ ދަރިން ދުނިޔޭގައި އެބަތިއްބެވި އެވެ.