Roadha Mihaaru
ވަކި ސަރަހައްދެއްގައި ފޯންކޯލް އަހަން ހުއްދައެއް ނުދޭ

މާލޭގެ ވަކި ސަރަހައްދެއްގައި އުޅޭ އެންމެންގެ ފޯން ކޯލް އަޑުއެހުމުގެ އަމުރު ނެރުނު ވާހަކަ އަކީ ދޮގެއް

26 މެއި 2021

މާލޭގެ ވަކި ސަރަހައްދުގައި އުޅޭ ހުރިހާ އެންމެންގެ ފޯން ކޯލްތައް އަޑުއެހުމުގެ އަމުރެއް ނެރުނު ކަމަށް ދެކެވޭ ވާހަކަތައް ކްރިމިނަލް ކޯޓުން މިއަދު ދޮގުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ވަކި ސަރަހައްދުގައި އުޅޭ ހުރިހާ އެންމެންގެ ފޯން ކޯލްތައް އަޑުއެހުމުގެ އަމުރެއް ނެރުނު ކަމަށް ދެކެވޭ ވާހަކަތައް ކްރިމިނަލް ކޯޓުން މިއަދު ދޮގުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި، މާލޭގެ ވަކި ސަރަހައްދެއްގެ އެންމެންގެ ފޯން ކޯލް އަޑުއެހުމުގެ އަމުރެއް ކޯޓުން ނެރުނު ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ އެފަދަ އަމުރަކަށް އެއްވެސް ފަރާތަކުން އެދިފައިނުވާ ކަމަށާއި އަދި އެފަދަ އަމުރެއް ކޯޓުން ނެރެފައި ވެސް ނުވާނެ ކަމަށެވެ. އަދި އެގޮތަށް އަމުރު ނެރުމަކީ ކޯޓުން އަމަލުކުރާ އުސޫލެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޯޓުން ބުނި ގޮތުގައި އެ ކޯޓު އަމުރުތައް ދޫކުރަމުން އަންނަނީ ޖިނާއީ އިޖްރައާތުގެ ގާނޫނާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދާ އެއްގޮތަށެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ޖިނާއީ ބޮޑެތި ކުށެއްގެ ކުށެއްގެ ތުހުމަތު ކުރެވޭ މީހުންގެ ފޯން ކޯލް އަޑުއަހައި، ސަވައިލް ކުރުމުގެ އަމުރެއް ފުލުހުން އެދިއްޖެ ނަމަ ނެރެވިދާނެ އެވެ. އެހެން ނަމަވެސް އެފަދަ އަމުރު ނެރެދެވެނީ ވަކިވަކި މީހުންގެ ފޯން ކޯލް އަޑުއެހުމަށް އެކަންޏެވެ. އަދި ކޯޓު އަމުރަށް އެދޭއިރު ވެސް އެކަން ފުލުހުން ބުނެދޭން ޖެހެ އެވެ.