Roadha Mihaaru

2023 އަށް ތައްޔާރު، އުގައިލް ރާއްޖެ ބަދަލުވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަން ރައްޔިތުން ބޭނުން ނަމަ އެ ކަމަށް މިހާރު ވެސް ތައްޔާރު ކަމަށާއި ސިޔާސީ މަސައްކަތްތަކަށް ހުސްވުމަށް ރާއްޖެ ބަދަލުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ދިވެހި ސައިންޓިސްޓް ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެ އެވެ.

2023 އަށް ތައްޔާރު، އުގައިލް ރާއްޖެ ބަދަލުވަނީ
އަހުމަދު ހަމްދޫން
އަހުމަދު ހަމްދޫން

08 އޯގަސްޓް 2021

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަން ރައްޔިތުން ބޭނުން ނަމަ އެ ކަމަށް މިހާރު ވެސް ތައްޔާރު ކަމަށާއި ސިޔާސީ މަސައްކަތްތަކަށް ހުސްވުމަށް ރާއްޖެ ބަދަލުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ދިވެހި ސައިންޓިސްޓް ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގެ އިސް މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ޕްރޮފެސަރު އުގައިލް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށެވެ. ހާއްސަކޮށް، ސިޔާސީ މަސްރަހުގައި ބަދަލުތަކެއް ފެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާއިރު، އެ ބަދަލުތައް ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގެ ސިޔާސީ ދާއިރާ އަށް އެބަޖެހޭ އިލްމީ ގާބިލް ބޭފުޅުން ނުކުންނަން. އެއީ ރާއްޖޭގެ ކަންކަން ހަމަޔަކަށް އެޅޭނީ ސިޔާސީ މަގަކުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ފަސްބައި ސާފު، އިލްމީ ބަޔަކު އެހެންވެ މި ދާއިރާ އަށް ނުކުންނަން ޖެހޭ،" އައްޑޫ ހިތަދު އަށް އުފަން އުގައިލް ވިދާޅުވި އެވެ.

ރާއްޖޭގައި 2023 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އެބަހުރިތޯ އެހުމުން އުގައިލް ވިދާޅުވީ، ރައްޔިތުން ބޭނުން ނަމަ އެކަމަށް ތައްޔާރު ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ގޮތް ބަލައިލީމާ އެނގޭނީ،" އެކި ދާއިރާތަކުން މިހާރު ވެސް ދިވެހިންނާ ގުޅުން ބާއްވަވާ އުގައިލް ވިދާޅުވި އެވެ.

ވެރިކަމަށް ކުރިމަތިލެއްވުމަށާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާއިރު، ސިޔާސީ ޕާޓީއެއް އުފައްދަވާނަންތޯ އެހުމުން ވިދާޅުވީ އެފަދަ ކަމެއް ކުރެއްވުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

އުގައިލަކީ ހިސާބު އިލްމުން ޕީއެޗް.ޑީ ހާސިލް ކުރެއްވި ފުރަތަ ދިވެހި ބޭފުޅާ އެވެ. އޭނާ އަކީ އިނގިރޭސި ވިލާތުގެ ބްރެޑްފަޑް ޔުނިވަސިޓީގެ ވިޝުއަލް ކޮމްޕިއުޓިން ސެންޓަރުގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އުގައިލް ވަނީ އެ ޔުނިވަސިޓީގެ އެންމެ ޝަރަފުވެރި މަގާމު ކަމަށް ވާ އެކްސެލެންސް އިން ނޮލެޖް ޓްރާންސްފާ އެވޯޑް ވެސް ހާސިލް ކުރައްވައިފަ އެވެ.