Roadha Mihaaru

ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް ކެމްޕެއިން ކުރަން އީޕީއޭއިން އެދިއްޖެ

ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ގެންދަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

"ތިމާވެއްޓަށް ގެއްލުން ވާގޮތަށް ކެމްޕެއިން ނުކުރޭ"
އާސިމާ ނިޒާރު
އާސިމާ ނިޒާރު

25 އޯގަސްޓް 2023

ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ގެންދަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީން ކުރި އިއުލާނެއްގައި ބުނީ އަންނަ މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ގެންދިއުމުގައި ރާއްޖޭގެ ތިމާވެއްޓާއި ދިރޭތަކެއްޗަށް ގެއްލުން ލިބޭ ގޮތަށް ކެމްޕެއިންގެ އެކި ހަރަކާތްތައް ގެންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެކަންކަމުގެ ތެރޭގައި ރަށްރަށުގައި ހިމާޔަތްކޮށްފައިވާ ގަސްގަހާއި ދުވަސްވީ ބޮޑެތި ގަސްގަހަށް ގެއްލުންވާ ގޮތަށް މޮހޮރު ފަދަ ތަކެތި ޖަހައި ކެމްޕެއިން ބެނާއާ ފޮތި ހަރުކުރާ ކަމަށެވެ. އޭގެ އިތުރުން ޖަނާވާރާއި ރުއްގަހަށް ސްޕްރޭކޮށް ދަވާދުލުމާއި ކެމްޕެއިން ހަރަކާތްތަކަށް ބޭނުންކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރުތަކާއި ކަރުދާސް ވެސް ކުނީގެ ގޮތުގައި މަގުމައްޗަށް އުކާލާފައި ހުންނަ ކަމަށް ބުންޏެވެ.

"އެކި އިވެންޓުތަކުގައި ގިނަ އަދަދަކަށް ސިންގަލް ޔޫޒް ޕްލާސްޓިކް ފެންފުޅި ބޭނުންކުރުމަށްފަހު ކުނީގެ ގޮތުގައި އުކާލުމަށްފަހު އެ ތަކެތި ރަނގަޅަށް މެނޭޖު ނުކުރާކަން ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި ހަމަ އެހެންމެ، ރާއްޖޭ އުފެދިފައިވާ ގޮތުންނާއި ރަށްތަކުގެ ރައްކާތެރިކަމަށް ނުހަނު މުހިއްމު ދައުރެއް އަދާކުރާ ރަށްތަށުގެ ވަށައިގެން ގުދުރަތީ ގޮތުން އުފެދިފައިވާ ފަރުގެ ސަރަހައްދުތަކުގައިވާ މުރަކަތަކަށް ގެއްލުންވާ ގޮތަށް ފަރުތައް ތޮރުފާ ނުވަތަ ހަލާކުކޮށްގެން ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖެހުން ފަދަ ކަންކަން ކުރަމުންދާ ކަން ވެސް ފާހަގަ ކުރެވިފައިވެ އެވެ." ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން، ސިޔާސީ ޕާޓީތަކުންނާއި ކެމްޕެއިން ހަރަކާތްތައް ހިންގާ އެންމެހާ ފަރާތްތަކުން އިސްވެ ދެންނެވު ކަންކަމަށް ސަމާލުކަން ދެއްވާ، އެފަދަ ކަންތައްތައް ތަކުރާރު ނުވާނެ ގޮތުގެ މަތިން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އިލްތިމާސް ކުރަމެވެ."

އީޕީއޭއިން ބުނީ ރާއްޖޭގެ ގުދުރަތީ ތިމާވެއްޓާއި ދިރޭތަކެތި މުއްސަނދި ކަމާއި ގުދުރަތީ ވަސީލަތްތަކާއި ރީތިކަން އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ މީހަކު ވެސް ވަރަށް ބޮޑަށް އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ. އަދި އިގުތިސޯދާއި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ އަދި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.