Roadha Mihaaru

ރޭޓިން އުސޫލުން މީޑިއާތަކަށް މާލީ އެހީ ދޭން އެމްޑީޕީ މެނިފެސްޓޯގައި ހިމަނައިފި

މީޑިއާތަކުގެ ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސައި، ރޭޓިން ނިޒާމެއްގެ ތެރެއިން އެ ފައިސާ ދޫކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މީޑިއާތަކަށް މާލީ އެހީ ދޭން މެނިފެސްޓޯގައި ހިމަނައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

22 އޯގަސްޓް 2023

މީޑިއާތަކުގެ ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސައި، ރޭޓިން ނިޒާމެއްގެ ތެރެއިން އެ ފައިސާ ދޫކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ރިޔާސީ އިންތިހާބަށް އެ ޕާޓީން ހެދި މެނިފެސްޓޯގައި "ހެޔޮވެރިކަން" މިއަދު ވަނީ ލޯންޗުކޮށްފަ އެވެ.

އެ ސިޔާސަތުގައި ބުނީ، މާލީ ގާބިލްކަން ހޯދުމަށް ވަކި ފަރާތަކަށް ބަރޯސާވުން ހުއްޓާލުމަށް ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުން ފައިސާ ކަނޑައަޅާނެ ކަމަށެވެ. އެ ފައިސާ ދޫކުރާނީ، މެނިފެސްޓޯގައި ވާ ގޮތުން ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅައި އޭގެ ދަށުންނެވެ.

އޭގެ އިތުރުން، މީޑިއާތަކުގެ ސެލްފް ގަވާނަންސް އަދި ރަޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ދިވެހި ސްޓްރީމިން ސާވިސްތަކާއި ޕޮޑްކާސްޓިން އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް އުފައްދާ މީހުންގެ ކުރިއެރުމަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމާއި ފްރީލާންސް ޖާނަލިޒަމާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބޭނުންވާ ތަމްރީނާއި ތައުލީމީ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ހުށަހަޅާފައިވެ އެވެ. އަދި އެ މީހުންނަށް ބޭނުންވާ މާލީ އެހީތެރިކަން އެސްޑީއެފްސީ މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް މެނިފެސްޓޯގައި ވެ އެވެ.

ދައުލަތުގެ މީޑިއާއިން ފޯރުކޮށްދޭ ހަބަރާއި މައުލޫމާތުތަކަކީ ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ފޯރުކޮށްދޭ ކޮންޓެންޓަށް ހެދުމަށް ވެސް، ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުމުގެ ބައިގައި ވަނީ ހިމަނައިފަ އެވެ.