Roadha Mihaaru
ސޯނަމް އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދަނީ

ސޯނަމް އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދަނީ

10 އޯގަސްޓް 2021

މީގެ ތިން އަހަރު ކުރިން ކައިވެނިކުރި ފަހުން ފިރިމީހާ އާނަންދު އަހޫޖާއާ އެކު އިނގިރޭސިވިލާތުގައި ދިރިއުޅޭ ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރްގެ އެ ގައުމުގެ ރަށްވެހިކަން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ތިން އަހަރު ކުރިން ކައިވެނިކުރި ފަހުން ފިރިމީހާ އާނަންދު އަހޫޖާއާ އެކު އިނގިރޭސިވިލާތުގައި ދިރިއުޅޭ ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރްގެ އެ ގައުމުގެ ރަށްވެހިކަން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދޮށީ ދަރިފުޅު ބުނީ ދާއިމީ ރަށްވެހިކަން ހޯދަން ހަދަން ޖެހޭ "ލައިފް އިން ދަ ޔޫކޭ ޓެސްޓް" އަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ސޯނަމް ބުނި ގޮތުގައި ޓެސްޓަށް ތައްޔާރުވުމުގެ ގޮތުން އޭނާ އަންނަނީ ހަފުތާއެއްހާ ދުވަހަށް ކިޔަވަމުންނެވެ. ޓެސްޓުން ފާސްވާން އެންމެ ދަށްވެގެން ވެސް 75 ޕަސެންޓްގެ ނަތީޖާއެއް ހޯދަން ޖެހޭނެ އެވެ.

ފިރިމީހާއާ އެކު ލަންޑަންގެ ނޮޓިން ހިލްގައި ވަރަށް "ޕޮޝް" ދިރިއުޅެއްގައި އުޅޭސޯނަމް ވޯގް މަޖައްލާގެ އިނގިރޭސި އެޑިޝަނަށް ދިން އިންޓަވިއުއެއްގައި ބުނީ ރަށްވެހިކަން ހޯދަން ހަދާ ޓެސްޓުން އެއްބުރުން ފާސްވާން ބޭނުންވާ ކަމަށެވެ. އެހެންވެ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.

ވަރަށް ކުރިން ފެށިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ އާނަންދާއި ސޯނަމް ކައިވެނިކުރީ 2018 ގަ އެވެ. ނިއު ދިއްލީ އަށް ނިސްބަތްވާ އާނަންދަކީ ފެޝަން ބްރޭންޑް "ބަނީ" ގެ ބާނީ އެވެ.

ސޯނަމް އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2019 ގެ "ދަ ޒޯޔާ ފެކްޓާ" އެވެ.

އިނގިރޭސިވިލާތުގައި އުޅެމުން މި އަހަރުގެ ކުރީކޮޅު އޭނާ އެތަނުގައި ފިލްމެއް ޝޫޓްކޮށް ނިންމާފައިވެ އެވެ. އެއީ ޑައިރެކްޓަރު ސުޖޯއި ގޯޝް ޕްރޮޑިއުސްކޮށް، ޝޯމް މަހީޖާ ޑައިރެކްޓްކޮށްފައިވާ "ބްލައިންޑް" އެވެ. މިއީ ހަމަ އެ ނަމުގައި 2011 ގައި ގެނެސްދިން ދެކުނު ކޮރެއާގެ ފިލްމުގެ ރިމޭކެކެވެ.