Roadha Mihaaru
ސްކޮޓްލެންޑަށް ފަހު "ބެލް ބޮޓަމް" ލަންޑަނަށް

ސްކޮޓްލެންޑަށް ފަހު "ބެލް ބޮޓަމް" ގެ ޓީމް ލަންޑަނަށް

01 އޮކްޓޯބަރ 2020

އޯގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ސްކޮޓްލެންޑްގައި ޝޫޓްކުރަމުން ދިޔަ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ މަންޒަރުތަކެއް ގްލަސްގޯގައި ނިންމައިލުމަށް ފަހު، ކާސްޓާއި ކްރޫ ލަންޑަނަށް މިސްރާބު ޖަހައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޯގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ސްކޮޓްލެންޑްގައި ޝޫޓްކުރަމުން ދިޔަ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ މަންޒަރުތަކެއް ގްލަސްގޯގައި ނިންމައިލުމަށް ފަހު، ކާސްޓާއި ކްރޫ ލަންޑަނަށް މިސްރާބު ޖަހައިފި އެވެ.

ފިލްމުގެ ބާކީ ހުރި މަންޒަރުތައް އިނގިރޭސިވިލާތުގެ ވެރިރަށުގައި ފެށުމަށް ފަހު ނިންމައިލާނީ ޝޫޓިން އެއްކޮށް ފުރިހަމަކުރުމަށް ފަހު އެވެ. "ބެލް ބޮޓަމް" އަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ ސްޕައި ތުރިލާއެކެވެ. މީގައި ދައްކުވައި ދޭނީ 1980 ގެ އަހަރުތަކެވެ.

އަކްޝޭއާ އެކު ފިލްމުގެ މުހިއްމު ރޯލްތަކުން ތިން ބަތަލާއަކު ފެންނާނެ އެވެ. އެއީ އޭނާއާ އެކީ މުޅިން އަލަށް މަސައްކަތްކުރާ ވާނީ ކަޕޫރްގެ އިތުރުން ކުރިން އެކީގައި މަސައްކަތްކޮށްފައިވާ ދެ ބަތަލާއިން ކަމަށްވާ ލާރާ ދައްތާ އާއި ހުމާ ގްރޭޝީ އެވެ.

"ބެލް ބޮޓަމް" ގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އިރު، މި ފިލްމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައިލުމަށްޓަކައި އަކްޝޭ ވަނީ އޭނާ ޒަމާންތަކެއް ވަންދެން މަސައްކަތްކުރަމުން ދިޔަ އުސޫލަށް ވެސް ބަދަލު ގެނެސްދަ އެވެ. އެގޮތުން މީގެ 18 އަހަރު ކުރިން ފެށިގެން ދުވާލަކު އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުން ހުއްޓާލާފައި އޮތުމަށް ފަހު، "ބެލް ބޮޓަމް" އަވަހަށް ނިންމަން އޭނާ ވަނީ ދެ ޝިފްޓަށް މަސައްކަތްކުރަން ފަށައިފަ އެވެ. އެކަމާ ގުޅިގެން ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ޖެކީ ބަގްނާނީ ވަނީ އަކްޝޭ އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ޖެކީގެ ބައްޕަގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ "ބެލް ބޮޓަމް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 2 ގަ އެވެ. މި ފިލްމުގެ ޝޫޓިން ނިންމައިލުމަށް ފަހު އަކްޝޭ ދެން އެންމެ އަވަހަށް ފަށާނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ތާރީހީ ހަނގުރާމަ ފިލްމު "ޕްރިތުވީރާޖް" ގެ ޝޫޓިން އެވެ.

"ބެލް ބޮޓަމް" ގެ ޓީމްގެ މަސައްކަތް ލަންޑަނުގައި މިހާރު ކުރިއަށްދާ އިރު މި މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ނިންމާލައި ކާސްޓާއި ކްރޫ އެނބުރި އިންޑިއާ އަށް ދާނެ އެވެ.

އަކްޝޭ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ބައްޗަން ޕާންޑޭ" އާއި "އަތުރަންގީ ރޭ" އާއި "ރަކްޝާބަންދަން" ހިމެނެ އެވެ.