Roadha Mihaaru
"ހަބޭސް" ޖަލްސާއާ ހެދި ޕީއެސްއެމްގައި ހިތްހަމަނުޖެހުން

"ހަބޭސް" ޖަލްސާއަށް ދާން އަންގާތީ ޕީއެސްއެމްގެ ބަައެއް މުވަައްޒަފުން ހިތްހަމަނުޖެހިއްޖެ

27 ނޮވެމްބަރ 2016

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން މާދަމާ ރޭ ބާއްވާ "ހަބޭސް" ޖަލްސާއަށް، ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑުގެ މުވައްޒަފުން ދިއުމަށް އަންގާތީ ބައެއް މުވައްޒަފުން މިއަދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން މާދަމާ ރޭ ބާއްވާ "ހަބޭސް" ޖަލްސާއަށް، ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑުގެ މުވައްޒަފުން ދިއުމަށް އަންގާތީ ބައެއް މުވައްޒަފުން މިއަދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ޕީއެސްއެމްގެ މުވައްޒަފަކު ބުނީ އެތަނުގެ މެނޭޖިން ޑިރެކްޓަރުގެ ބިއުރޯއިން ކަމަށް ބުނެ، ބައެއް މުވައްޒަފުންނަށް ފޯނުން ގުޅައި، ޖަލްސާއަށް ދިއުމަށް އަންގަމުން ދާ ކަމަށެވެ. އަދި ޑިއުޓީގައި ނެތް ހުރިހާ މުވައްޒަފުން ވެސް ޖަލްސާއަށް ހާޒިރުވާން ޖެހޭނެ ކަމަށް އަންގާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެމްޑީގެ އޮފީހުން އަންގަނީ މިއީ ސަރުކާރުގެ ޖަލްސާއެއް ވީމާ ހުރިހާ އެންމެން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް. މާދަމާ ރޭގެ ޑިއުޓީގައި ތިބި މުވައްޒަފުން ވެސް ޑިއުޓީގައި ތިބިކަން އަންގަންޖެހޭ،" އެ މުވައްޒަފު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެގޮތަށް އަންގާތީ ބައެއް މުވައްޒަފުން ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

އެކަމަކު އެކަން ޕީއެސްއެމްގެ މެނޭޖްމެންޓުން ދޮގުކުރެ އެވެ.

މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ސަރުކާރުން ބާއްވާ ޖަލްސާއަށް ދާން އެދި އެއްވެސް މުވައްޒަފަކަށް މަޖުބޫރު ނުކުރާ ކަމަށެވެ. ނަމަވެސް އެއީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވެސް ބައިވެރިވެވޭ ޖަލްސާއަކަށް ވާތީ، ޖަލްސާ އަށް ދާން ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަލްސާއަށް ދިޔުމަށް މަޖުބޫރެއް ނުކުރަން. އެކަމަކު އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މުވައްޒަަފަކަށް ވެސް އޮންނާނެ،" ހަލީލު ވިދާޅުވި އެވެ.

ޕީއެސްއެމްގެ ގާނޫނު ބުނާ ގޮތުން ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބާއްވަން މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ވެސް ގޮތަކުން ބާރެއް ލިބިފައިވާ ފަރާތަކުން، ޕީއެސްއެމްގެ މައްޗަށް ސީދާކޮށް އަދި ނުސީދާކޮށް ވެސް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ.

ޕީއެސްއެމް އަކީ ދައުލަތުގެ މިނިވަން މީޑިއާއެއްގެ ގޮތުގައި ގާނޫނުގައި އޮތަސް އެތަން ހިންގަނީ ސަރުކާރުން 100 ޕަސެންޓް ކޮންޓްރޯލްކޮށްގެން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި ސަރުކާރާ ހިޔާލު ތަފާތު އެއްވެސް ބަޔަކަށް ޕީއެސްއެމް އިން ފުރުސަތު ނުދޭ ކަމުގެ ޝަކުވާ ވެސް ބޮޑެވެ.