Roadha Mihaaru
އިސް އޮފިސަރުންނާ ހަމައިން މައްސަލަ ނިންމާލަނީތަ؟

އިސް އޮފިސަރުންނާ ހަމައިން މައްސަލަ ނިންމާލަނީތަ؟

12 އޯގަސްޓް 2021

ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުތަކުން ވަކި ކުރުމުގެ ވާހަކަ ދައްކާތާ އެތައް އަހަރެކެވެ. ނަމަވެސް ސަރުކާރާއި ފުލުހުންގެ އިސްވެރިން ބަދަލުވުން ފިޔަވައި މާ ބޮޑު ބަދަލެއް ފެންނާކަށް ނެތެވެ. ގާނޫނީ ގޮތުން ފުލުހުންނަކީ މިނިވަންކަމާ އެކު މަސައްކަތް ކުރަންޖެހޭ ބަޔަކަށް ވިޔަސް، ނިޒާމު ރޭވިފައި އޮތީ އެކަމަށް ފުރުސަތު ލިބޭ ގޮތަކަށް ނޫނެވެ. އެހެންވެ، ފުލުހުންގެ މުއައްސަސާއާ މެދު އާންމުންގެ އިތުބާރު އަބަދުވެސް ކުޑަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުތަކުން ވަކި ކުރުމުގެ ވާހަކަ ދައްކާތާ އެތައް އަހަރެކެވެ. ނަމަވެސް ސަރުކާރާއި ފުލުހުންގެ އިސްވެރިން ބަދަލުވުން ފިޔަވައި މާ ބޮޑު ބަދަލެއް ފެންނާކަށް ނެތެވެ. ގާނޫނީ ގޮތުން ފުލުހުންނަކީ މިނިވަންކަމާ އެކު މަސައްކަތް ކުރަންޖެހޭ ބަޔަކަށް ވިޔަސް، ނިޒާމު ރޭވިފައި އޮތީ އެކަމަށް ފުރުސަތު ލިބޭ ގޮތަކަށް ނޫނެވެ. އެހެންވެ، ފުލުހުންގެ މުއައްސަސާއާ މެދު އާންމުންގެ އިތުބާރު އަބަދުވެސް ކުޑަ އެވެ.

އަނެއްކާވެސް މި މައްސަލަ ފެންމަތިވެގެން މިއައީ ފުލުހުންގެ އިސްވެރިންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ލަފާ ދިނުމާ އެކުގަ އެވެ. މިދިޔަ އަހަރު އަމަލުކުރަން ފެށި ފުލުހުންގެ ގާނޫނު ބުނާ ގޮތުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކްގެ އޮފިސަރުންގެ ތެރެއިން ގާނޫނާ ހިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ އޮފިސަރުންނާ މެދު ޕޮލިސް ބޯޑުން ވަކި މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމަން ޖެހެ އެވެ. އެ މުއްދަތު އިއްޔެ ހަމަވިއިރު، ޕޮލިސް ބޯޑުން ވަނީ ވަރަށް އިސް އޮފިސަރުންގެ ތެރެއިން ބައެއް މީހުން ވަކިކުރަން ނިންމައިފަ އެވެ. އެކަން ތަންފީޒު ކުރަން ޕޮލިސް ކޮމިޝަނަރަށް ފޮނުވާފައި ވިޔަސް، އެ ނިންމުން އަދި ތަންފީޒެއް ނުކުރެ އެވެ.

ފުލުހުންގެ ގާނޫނު ބުނާގޮތުން ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒުކުރަން ޖެހޭނީ ޕޮލިސް ކޮމިޝަނަރެވެ. އެ ނިންމުން ތަންފީޒުކުރުމާއި ނުކުރުމުގެ އިހްތިޔާރެއް އެ ގާނޫނުގައި ޕޮލިސް ކޮމިޝަނަރަށް ދީފައެއް ނެތެވެ. މާނައަކީ އެ ނިންމުން ތަންފީޒުކުރަން ލާޒިމެވެ. ނަމަވެސް އެ ނިންމުން ތަންފީޒު ކުރަންޖެހޭ ވަކި މުއްދަތެއް ގާނޫނަކު ނޯވެ އެވެ. އެހެންވުމުން އެ ނިންމުން ތަންފީޒު ނުކޮށް ކިތަންމެ ދުވަހެއް ވަންދެން ވެސް ތިބެވިދާނެ އެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި އެއީ ބަދަލު ހިފުމެކެވެ. އަނެއް ބައެއްގެ ނަޒަރުގައި އެއީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ ފުރަތަމަ ފިޔަވަޅެވެ. ގާނޫނާ ޚިލާފަށް އަމަލުކުރާ ކޮންމެ މީހަކަށް ފިޔަވަޅު އެޅެން ޖެހޭނެ އެވެ. އެއީ ވަޒީފާއިން ވަކިކުރުން ކަމަށް ވިޔަސް ނުވަތަ މަގާމު ދަށްކުރުން ކަމަށް ވިޔަސްމެ އެވެ. ޚާއްސަކޮޮށް، ފުލުހުންގެ މުއައްސަސާ ފަދަ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އެކަން ވަރަށް ހަރުދަނާ ގޮތެއްގައި ކުރެވެން ޖެހޭނެ އެވެ.

ފުލުހުންގެ ތެރޭގައި ގާނޫނާ ޚިލާފަށް ހިންގާފައި ހުރި ކަންކަން ބައިވަރެވެ. ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، މީހުންނަށް އަނިޔާކުރުން އެކަންޏެއް ނޫނެވެ. ސިޔާސީ މަގްސަދުތައް ހާސިލްކުރަން ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމާއި ބަންދު ކުރުމުގައި ބައިވެރިވުމެވެ. ނުހައްގު ދައުވާތައް ކުރަން ހެކި އުފެއްދުމާއި ބޮޑެތި ތުހުމަތުތަކުގެ ހެކި ނައްތާލުމާއި ހެކި ފޮރުވަން މަސައްކަތް ކުރުން ފަދަ ސީރިއަސް އެތައް ކަމެއް ހިމެނެ އެވެ. މިއީ އަބަދުވެސް ފުލުހުންނާ މެދު އަންނަ ޝަކުވާތަކެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ފުލުހުންނަށް ފިޔަވަޅު އެޅުމާ ހިސާބުން ނިންމާލެވޭ ކަމެއްތޯ ސުވާލު އުފެދެ އެވެ.

ފުލުހުން މެދުވެރިކޮށް ހިންގާފައި ހުރި މިފަދަ ގިނަ ކަންކަމަކީ ފުލުހުންގެ ތެރެއިން ބަޔަކު އަމިއްލައަށް ރާވައިގެން ކޮށްފައި އޮތް ކަމެއް ނޫނެވެ. އެއިން ކޮންމެ ކަމެއްގެ ފަހަތުގައި ހުންނަވަނީ ކޮންމެވެސް ސިޔާސީ ބޭފުޅުންތަކެކެވެ. މިސާލަކަށް ސިޔާސީ ބޭފުޅެއްގެ މައްސަލައެއްގައި ގާނޫނާ ޚިލާފަށް އަމަލު ކުރުމުގައި ފުލުހެއްގެ އަމިއްލަ މަސްލަހަތެއް އޮތުމަކީ ވަރަށް ދުރު ކަމެކެވެ. އެފަދަ ކަމެއް އާންމުކޮށް ކުރާނީ ދައުލަތުގެ މަތީ މަގާމެއްގައި ހުރި ބޭފުޅެއްގެ އިރުޝާދުގެ ދަށުން ފުލުހުންގެ ކޮންމެވެސް މަތީ ވެރިއެއްގެ އަމުރަށެވެ.

އެހެންވީއިރު، ވަކިވަކި ފުލުހުންގެ އޮފިސަރުންތަކަކާ މެދު ފިޔަވަޅު އެޅުމަކުން އަދި ނުނިމެ އެވެ. ގާނޫނާ ޚިލާފް އަމުރުތައް ކުރުވައި، ފުލުހުން ލައްވައި އެފަދަ ކަންކަން ހިންގުމުގެ އަޑީގައި ތިބި ސިޔާސީ ފަރާތްތައް ވެެސް ޖަވާބުދާރީ ކުރުވެން ޖެހޭނެ އެވެ. ނަމަވެސް މިފަދަ އެއްވެސް ކަމެއްގައި އަޑީގައި ތިބި ސިޔާސީ ބޭފުޅަކު ޖަވާބުދާރީ ކުރުވިފައެއް ނެތެވެ. ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލުމަށްފަހު ދެ ތިން ފުލުހަކަށް ފިޔަވަޅު އެޅުން ނުވަތަ މަގާމު ބަދަލުކޮށްލުމުން މައްސަލަ ނިމިގެންދަނީ އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު --- ފޮޓޯ/މިހާރު

ޕޮލިސް ކޮމިޝަނަރު ހަމީދު --- ފޮޓޯ/މިހާރު

އަނެއްކާވެސް އެ މަންޒަރެވެ. ފުލުހުންގެ މުއައްސަސާ ތެރޭގައި ކުރިން ހިނގާފައި ހުރި އެ ކަންކަމާ ގުޅުވައިގެން ވަކިކުރަން ނިންމިއިރު، ފުލުހުން ލައްވައި، ގާނޫނާ ޚިލާފް ކަންކަން ކުރުވި ބަޔަކު ތިބި ކަމަކަށް ނުވި އެވެ. ސިޔާސީ ފަރާތްތަކުން ހިންގާ އެފަދަ ކަންކަމަށް ޖަވާބުދާރީ ނުކުރެވޭ ނަމަ، ކުރީގެ ސަގާފަތް އެނބުރި އައުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ. މުއައްސަސާތައް އިސްލާހު ވަނީ އެތަނެއްގެ ހުރިހާ ވެރިން ބަދަލުކޮށްގެން ކަމަށްވާ ނަމަ، އެކަމެއް އޮންނާނީ މިހާރު ވެފަ އެވެ.

ދެން އޮތީ ފުލުހުންގެ ގާނޫނުގެ ދަށުން އަލަށް ގާއިމްކުރި ނިޒާމުގެ ދަށުން ފުލުހުންގެ މުއައްސަސާ އިސްލާހު ކުރެވިދާނެތޯ އޮތް ސުވާލެކެވެ. ފުލުހުންގެ އާ ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިދިޔަ އަހަރު ފެށި ހިސާބުން ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ އާ ގާނޫނާ އެކު އިތުރު ނުފޫޒުތަކެއް ފުލުހުންގެ މައްޗަށް އަތުވެދާނެތީ އެވެ. ފުލުހުންގެ މައްޗަށް އަމުރު ކުރުމުގައި ހޯމް މިނިސްޓަރުގެ ދައުރު ހަނި ކުރިޔަސް، އެހެނިހެން ގޮތްގޮތް ނުފޫޒުތައް ފޯރުވުމުގެ ފުރުސަތު އޮތުމެވެ. އެގޮތުން އެއް މައްސަލައަކީ ޕޮލިސް ބޯޑެވެ.

ގާނޫނު ބުނާގޮތުން ޕޮލިސް ބޯޑަކީ ފުލުހުންގެ ޚިދުމަތް ދެމުންދާ ގޮތާއި ފުލުހުންނާއި ފުލުހުންގެ އިސްވެރިންގެ ވަޒީފާ އާއި އެ ނޫން ވެސް ފުލުހުންނާ ގުޅޭ ކަންކަމުގައި ހޯމް މިނިސްޓަރަށާއި ފުލުހުންގެ އިސްވެރިންނަށް ލަފާ ދޭން އޮންނަ ބޯޑެކެވެ. ފުލުހުންގެ ކަންކަމުގައި ސީދާ ބަސް ކިޔޭނެ ތިން ވަނަ ފަރާތެއް އޮތުމަކީ ރަނގަޅު ބަދަލެކެވެ. އެހެން ނަމަވެސް ޕޮލިސް ބޯޑު އެކުލެވިގެންވާ ގޮތުން އެ މަގްސަދު ހާސިލްވާނެތޯ ސުވާލު އުފެދެ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑުގެ ފަސް މެމްބަރުން އައްޔަން ކުރަނީ ރައީސެވެ. ބާކީ ތިބި ދެ މެމްބަރުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަނެއްކާ ވެސް ސިޔާސީ ނުފޫޒުތަކެއް ވަނުމުގެ ފުރުސަތު އައީ އެވެ. ފުލުހުންގެ ގާނޫނުގެ ދަށުން ފުރަތަމަ އެކުލަވާލި ޕޮލިސް ބޯޑުގައި ވެސް އެމްޑީޕީގެ އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަތެވެ. އެހެންވެ، ބޯޑު އުފެދުނު ހިސާބުން ފެށިގެން ވެސް އެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ފުލުހުންގެ މުއައްސަސާގެ އިތުބާރު ދެމެހެއްޓުމަށް މުހިިންމު ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. ނަމަވެސް އެ ފިޔަވަޅަކީ ފުލުހުންގެ އިސްވެރިން ވަކިކުރުން އެކަނި ކަމުގައި ދެކިގެން ތިބެވޭކަށް ނެތެވެ. ފުލުހުން ލައްވައި، ގާނޫނާ ހިލާފް އަމަލުތައް ހިންގި ސިޔާސީ އަދި ބާރުގަދަ ބޭފުޅުން ވެސް ޖަވާބުދާރީ ކުރުވެން ޖެހޭނެ އެވެ. އެހެން ނޫން ނަމަ، އަނެއްކާ ވެސް ކުރީގެ ތަޖްރިބާތައް އަލުން ކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ.