Roadha Mihaaru
އޮފިސަރުން ވަކިކުރަން ލަފާ ދީފި، ތަންފީޒެއް ނުކުރޭ

އޮފިސަރުން ވަކިކުރަން ބޯޑުން ލަފާ ދީފި، ތަންފީޒުކުރާނެ އިރެއް ނޭނގެ

10 އޯގަސްޓް 2021

ފުލުހުންގެ އިސް ހަ އޮފިސަރަކު މަގާމުން ވަކި ކުރަން ޕޮލިސް ބޯޑުން އިއްޔެ ލަފާ ދީފައިވާ ނަމަވެސް އަދިވެސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެ ނިންމުން އަދި ތަންފީޒު ނުކުރައްވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފުލުހުންގެ އިސް ހަ އޮފިސަރަކު މަގާމުން ވަކި ކުރަން ޕޮލިސް ބޯޑުން އިއްޔެ ލަފާ ދީފައިވާ ނަމަވެސް އަދިވެސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެ ނިންމުން އަދި ތަންފީޒު ނުކުރައްވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން، ފުލުސް ބޯޑު އައްޔަންކުރާތާ ހަތަރު މަސް ތެރޭގައި، ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓު ކުރެވިފައިވާ އޮފިސަރުން ވަކި ކުރުމާ މެދު ފެންނަ ގޮތެއް ނިންމަންވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންގެ ބޯޑު އެކުލަވައިލެއްވީ މި އަހަރުގެ އޭޕްރިލް ނުވަ ވަނަ ދުވަހު އެވެ. އެ ބޯޑު އުފެއްދިތާ ހަތަރު މަސް ހަމަވީ އިއްޔެ އެވެ. އަދި އިއްޔެ އިސް ހަ އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުން ވަނީ ލަފާ ދީފަ އެވެ.

ގާނޫނުގައިވާ ގޮތުން ބޯޑުގެ ނިންމުން ތަންފީޒުކުރާނީ ސީޕީ އެވެ. އަދި ސީޕީ ބޯޑުގެ ނިންމުން ތަންފީޒު ކުރަންދެން އެ މީހުންނަށް މަގާމުގައި ތިބެވޭނެ އެވެ. އެކަމަށް ވަކި މުއްދަތެއް ދީފައި ނެތެވެ.

ފުލުހުން ބުނީ، ސީޕީ މިހާރު ގެންދަވަނީ ޕޮލިސް ބޯޑުގެ ނިންމުން މުރާޖައާ ކުރައްވަމުން ކަމަށެވެ. އެނގިފައިވާ ގޮތުގައި ބޯޑުގެ ނިންމުން ސީޕީ އަދި ތަންފީޒެއް ނުކުރައްވަ އެވެ. މިކަަމާ ގުޅިގެން ސީޕީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ގާނޫނުގައިވާ ގޮތުން އެ ނިންމުން ތަންފީޒު ކުރުމަށް އެންގުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިގެންވެ އެވެ. ނަމަވެސް، މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ނުލިބުނެވެ.

ބޯޑުން ގޮތެއް ނިންމުމުގައި އެ ފުލުހެއްގެ ތައުލީމީ ފެންވަރާއި އެ ފުލުހެއްގެ ދައުރާއި ކޮށްފައިވާ ހިދުމަތާއި ސުލޫކާއި މަސައްކަތުގެ އަހުލާގާއި ކުރެވިފައިވާ ތުހުމަތުގެ ތަބީއަތާއި އެ މައްސަލައަކާ ގުޅިގެން ލިބެން ހުރި ހެއްކާއި ގަރީނާއަށް ފުލުސް ބޯޑުން ބަލަންޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.

ފުލުހުންގެ ގާނޫނު ބުނާ ގޮތުން ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ.

ބޯޑުގެ ރައީސް އަލީ ފާއިޒު އަދި ނާއިބު ރައީސް އަހުމަދު ފަޔާޒް ހަސަންގެ އިތުރުން ޕޮލިސް ބޯޑުގައި ދެން ތިއްބަވަނީ އާއިޝަތު ނޫރާ މުހައްމަދު، އަހުމަދު ނާޝިދު، އާދަމް އިބްރާހީމް، ހާމިދު އަބްދުލްޣަފޫރު އަދި ސަފާ ޝަރީފެވެ.