Roadha Mihaaru
ފުލުހުންގެ ހިދުމަތް ހުރީ އިންގިލާބީ ބަދަލަކާ ދިމާއަށް

ފުލުހުންގެ ހިދުމަތް ހުރީ އިންގިލާބީ ބަދަލަކާ ދިމާއަށް: އިމްރާން

08 ނޮވެމްބަރ 2021

ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް، އެ ހިދުމަތަށް ބޮޑު އިންގިލާބީ ބަދަލެއް ގެންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް، އެ ހިދުމަތަށް ބޮޑު އިންގިލާބީ ބަދަލެއް ގެންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އުތުރުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ގެންނަން ރާވާފައިވާ ހެޔޮ ބަދަލުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދިނުން ހިމެނޭ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފުރިހަމަ ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭގެ އެއް މިސާލަކީ ވޭތުވެދިޔަ 88 އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރުގެ ބޯޑަރު ކަމަށްވާ ހއ. ތުރާކުނުގައި ފުލުހުންގެ ހިދުމަތް ނެތް ނަމަވެސް މިއަދު އެ ރަށުގައި ފުލުހުން ތިބެގެން ހިދުމަތް ފެށުން ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގެ ދެކޮޅުގައި ފުލުހުން ތިއްބަވާނެ އަދި ރާއްޖޭގެ ހުރިހާ ރަށްތަކަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ،" އިމްރާން ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ފުލުހުންގެ ހިދުމަތް ދެނީ 106 ރަށެއްގަ އެވެ. މިނިސްޓަރު އެ ވިދާޅުވާ ގޮތުން ނަމަ ދެ އަހަރުގެ ތެރޭގައި އިތުރު 80 ރަށެއްގައި ފުލުހުންގެ ހިދުމަތް ފަށަން ޖެހޭނެ އެވެ.

އެއީ ދެ އަހަރުން ފުއްދޭނެ ވަރުގެ ކަމެއްތޯ "މިހާރު"ން ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތް ހުރީ "އިންގިލާބަކާ ދިމާލަށް ހިފާފައި" ކަމަށެވެ. އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އިތުރު 15 ރަށެއްގައި، އަދި އަންނަ އަހަރު އެކަނި ވެސް 25 އަށް ވުރެ ގިނަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ދެ އަހަރުގެ ތެރޭގައި މި ހިދުމަތަށް ވަރަށް ބޮޑު އިންގިލާބެއް ގެނެވޭނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ އަދަދު އިތުރު ކުރުމަށް ވެސް ކުރިއަށް އޮތްތަނުގައި މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރު ކުރީކޮޅު 200 އަށް ވުރެ ގިނަ ފުލުހުން އަލަށް ރެކްރޫޓް ކުރާނެ ކަމަށާއި އެ ހުރިހާ ފުލުހުން ތަމްރީންކޮށް ނިމުމުން ފުލުހުންގެ ކެޕޭސިޓީ އިތުރުވެ ހިދުމަތް ވަރަށް ފުރިހަމަ ވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ގިނަ ދިރާސާތައް ކުރަމުން އަންނަ ކަމަށާއި އެގޮތުން މި މަހުގެ ތެރޭގައި ފުލުހުންގެ އޮނިގަނޑަށް ބަދަލެއް ގެންނާނެ ކަމަށެވެ.

އޭގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް ހައްލު ވާނެ ކަމަށާއި ހާއްސަކޮށް ކުރީ ސަފުގައި ހަރަކާތްތެރިވާ ފުލުހުން ހިދުމަތް ދޭ ގޮތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ބަދަލަކީ ބޮޑީ ވޯން ކެމެރާ އެޅުން ކަމަށް ހަމީދު ވިދާޅުވި އެވެ. އޭގެ 1400 ކެމެރާ ގަންނަން މަސައްކަތްކޮށް މިހާރު 200 ކެމެރާ ގަންނަ ވަރަށް ޓެންޑަރިން މަރުހަލާ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފުރަތަމަ ބެޗު ނެރޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

"މީގެ ސަބަބުން ފުލުހުން މަގުމަތީގައި ރައްޔިތުންނާ ކޮންޓެކްޓުވާ މިންވަރު އިތުރު ވާނެ. އަދި އާންމު ގޮތެއްގައި ފުލުހުންނާ މެދު ކަންބޮޑުވުން ހުންނަ ކަން ކަމަށް އެޑްރެސް ކުރެވޭނެ،" ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދުފަހަރުގެ ދަތިކަމަކީ ވެސް ދިމާވެފައިވާ ބޮޑު ދައްޗެއް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. އެކަން ހައްލު ކުރުމަށްޓަަކައި ދައުލަތުގެ ހަރަދުގައި އަދި އެކުވެރި ދެ ގައުމެއްގެ އެހީތެރިކަމާ އެކު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.