Roadha Mihaaru
ބަންސާލީގެ "ހީރާ މަންޑީ" ގައި ވަރުގަދަ ތަރިން

ބަންސާލީގެ "ހީރާ މަންޑީ" ގައި ވަރުގަދަ ތަރިން

03 ޖެނުއަރީ 2021

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އުންމީދީ ފިލްމު "ހީރާ މަންޑީ" އިން ހުވަފެނީ ކާސްޓެއް ފެނުމުގެ އުންމީދު ބޮޑުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އުންމީދީ ފިލްމު "ހީރާ މަންޑީ" އިން ހުވަފެނީ ކާސްޓެއް ފެނުމުގެ އުންމީދު ބޮޑުވެއްޖެ އެވެ.

ދުވަސްކޮޅެއް ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮޑު ސްކްރީނަށް ހަދާ ފިލްމެއްގެ ބަދަލުގައި ޑިޖިޓަލް ޕްލެޓްފޯމަކަށް "ހީރާ މަންޑީ" ބަންސާލީގެ ބެލުމުގެ ދަށުން ޑައިރެކްޓްކުރާނީ އޭނާއާ އެކު ކުރިން އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ވިޕޫ ޕޫރީ އެވެ. އޭނާ އަކީ ބަންސާލީ 2015 ގައި ޕްރޮޑިއުސްކުރި ފިލްމު "ހަވާއީޒާދާ" ގެ ޑައިރެކްޓަރެވެ.

"ހީރާ މަންޑީ" އާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން މިހާރު ޕާކިސްތާނަށް ނިސްބަތްވާ ވެލެޑް ސިޓީ އޮފް ލާހޯރުގައި ހަށިވިއްކައިގެން އާމްދަނީ ހޯދަން އުޅުނު އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމަށް ސީދާ ބަންސާލީގެ ބެލުމުގެ ދަށުން މިހާރު އަންނަނީ ކާސްޓުން ހަމަޖައްސަމުންނެވެ. އެގޮތުން ފިލްމުގެ ރޯލަކަށް އޭނާ މިހާރު ހަދަމުން އަންނަ ފިލްމު "ގަބްގްބާއީ ކަތިއަވާޅީ" ގެ ބަތަލާ އާލިއާ ބަޓް ވަނީ ނަގައިފަ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އާލިއާގެ އިތުރުން "ހީރާ މަންޑީ" އަށް ނަގަން އުޅޭ ކާސްޓްގައި މަދޫރީ ޑިކްސިޓާއި އައިޝްވާރިއާ ރާއީ އާއި ދީޕިކާ ޕަދްކޯނާއި ޕަރިނީތީ ޗޯޕްޅާ އާއި ވިދިލާ ބަލަންގެ އިތުރުން މަނީޝާ ކޮއިރަލާ ހިމެނެ އެވެ.

ޕަރިނީތީ އާއި ވިދިޔާ ފިޔަވައި މި ހުރިހާ ބަތަލާއިން ވަނީ ކުރިން ބަންސާލީގެ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. ދީޕިކާ އަކީ ބަންސާލީ އެންމެ ފަހުން ގެނެސްދިން "ޕަދުމާވަތު" އާއި "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން "ރާމް-ލީލާ" ގެ ބަތަލާ އެވެ.

އައިޝްވާރިއާ އަކީ ބަންސާލީގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ގެ އިތުރުން "ގުޒާރިޝް" ގެ ބަތަލާ އެވެ. މަދޫރީ އަކީ "ދޭވްދާސް" ގެ އެއް ބަތަލާ އެވެ.

ބަންސާލީއާ އެކު މަނީޝާ މަސައްކަތްކުރީ "ޚާމޯޝީ" ގަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "ހީރާ މަންޑީ" ގެ ކާސްޓުން ބަންސާލީ ހަމަޖައްސަމުން އަންނަ އިރު، މި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ އެވެ. މި ފިލްމަކީ މީގެ 13 އަހަރު ކުރިން ފެށިގެން އޭނާ ހަދަން ވިސްނަމުން އަންނަ ފިލްމެކެވެ. "ހީރާ މަންޑީ" ޑައިރެކްޓްކުރާނީ ވިބޫ ކަމަށް ވިޔަސް، ބަންސާލީގެ ފިލްމީ ގޮތްގަނޑު މި ފިލްމުން ގެނެސްދޭނެ އެވެ.

"ގަންގްބާއީ ކަތިއަވާޅީ" ގެނެސްދިނުމަށް ފަހު ބަންސާލީ ޑައިރެކްޓްކުރަން އޮތީ އަނެއްކާ ވެސް ވަރުގަދަ ބޮޑު ފިލްމެކެވެ. އެއީ "ބައިޖޫ ބަވްރާ" އެވެ.