Roadha Mihaaru
ވެބް ސީރީޒް "ހީރާމަންޑީ" ގެ ފަސްޓްލުކް ދައްކާލައިފި

ބޮޑު ވެބް ސީރީޒް "ހީރާމަންޑީ" ގެ ފަސްޓްލުކް ދައްކާލައިފި

12 އޯގަސްޓް 2021

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް، ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ބޮޑު ވެބް ސީރީޒް "ހީރާމަންޑީ" ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް، ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ބޮޑު ވެބް ސީރީޒް "ހީރާމަންޑީ" ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

މިއީ އެ ވެބްސީރީޒާ ބެހޭ ގޮތުން، ބަންސާލީގެ ފިލްމު ކުންފުނިން އާންމުކުރި ރަސްމީކޮށް ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ބަންސާލީ ޕްރޮޑަކްޝަނުން ހަދާ ސީރީޒްގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް ބުނީ ހިތްގައިމު ބޮޑު ތަޖުރިބާއަކަށް އިންތިޒާރުކުރަން ޖެހޭ ކަމަށެވެ.

"ހީރާމަންޑީ" ގެ ފަސްޓްލުކް ޕޯސްޓަރުގައި އޭގެ ޓެގް ލައިނަކަށް ހިމަނާފައި އޮތީ "ވެއާ ކޯޓޭޒަން ވެއާ ކްއީންސް" އެވެ.

މި އިއުލާންކުރި ނަމަވެސް ސީރީޒްއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ސީރީޒްގެ މައިގަނޑު ރޯލުތަކުން ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީގެ އިތުރުން ވެސް ބޮޑު ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ބަތަލާއިންގެ ހާއްސަ ފެނިލުންތައް ވެސް ހިމެނެ އެވެ.

"ހީރާމަންޑީ" ގެ ފުރަތަމަ އެޕިސޯޑް ބަންސާލީ ޑައިރެކްޓްކުރާ އިރު، ބާކީ ހުރި އެޕިސޯޑްތައް ޑައިރެކްޓްކުރާނީ އޭނާ 2015 ގައި ޕްރޮޑިއުސްކުރި ފިލްމު "ހަވާއީޒާދާ" ގެ ޑައިރެކްޓަރު ވިބޫ ޕޫރީ އެވެ. ސީރީޒްގެ މިއުޒިކް ހަވާލުކޮށްފައި ވަނީ ބަންސާލީގެ 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި 2002 ގެ "ދޭވްދާސް" ގެ މިއުޒިކް ޑައިރެކްޓަރު އިސްމާއީލް ދަރުބާރެވެ.

"ހީރާމަންޑީ" އަކީ ޔަގީނުން ވެސް ބަންސާލީގެ ފޭނުން ވަރަށް އިންތިޒާރުކުރާނެ އެއްޗެކެވެ. އެކަމަކު މީތި ނެޓްފްލިކްސް އިން ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ. ނަމަވެސްގެ މީގެ ވާހަކަ ހިއްސާކޮށް ނެޓްފްލިކްސް އިން ބުނީ އެ ޕްލެޓްފޯމުން "ހީރާމަންޑީ" ގެނެސްދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބަންސާލީ މިހާރު "ގަންގޫބާއީ ކަތިއަވާޅީ" ކިޔާ ފިލްމެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އޭނާ ދެން ހަދަން އޮތް ފީޗާ ފިލްމަކީ "ބައިޖޫ ބަވްރާ" އެވެ.

"ހީރާމަންޑީ" އާ އެކު ބަންސާލީ ވެބް ކޮންޓެންޓްގެ ތެރެއަށް ވަންނަ އިރު، އޭނާ ޕްރޮޑިއުސްކޮށް މީގެ ކުރިން ޓީވީ ސިލްސިލާއެއް ވެސް ގެނެސް ދީފައިވެ އެވެ. އެއީ ސްޓާ ޕްލަސް އިން 2013-2014 އަށް ގެނެސްދިން "ސަރަސްވަތީޗަންދުރާ" އެވެ. އޭގެ ލީޑް ރޯލު ކުޅުނީ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ގޯތަމް ރޯޑާއި ޖެނިފާ ވިންގެޓެވެ.