Roadha Mihaaru
"ހީރާމަންޑީ" އަކީ "ޕަކީޒާ" އަކަށް ނުވާނެ: ބަންސާލީ

"ހީރާމަންޑީ" އަކީ "ޕަކީޒާ" އަކަށް ނުވާނެ: ބަންސާލީ

10 ސެޕްޓެމްބަރ 2021

ނެޓްފްލިކްސްއާ ގުޅިގެން ސަންޖޭ ލީލާ ބަންސާލީ ގެނެސްދޭން ނިންމާފައިވާ ވެބް ސީރީޒް "ހީރާމަންޑީ" އަކީ ކުރީގެ މަޝްހޫރު ފިލްމު "ޕަކީޒާ" އަށް ބިނާކޮށް ހަދާ އެއްޗެއް ކަމަށް ބުނާތީ ބަންސާލީ އެކަން ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެޓްފްލިކްސްއާ ގުޅިގެން ސަންޖޭ ލީލާ ބަންސާލީ ގެނެސްދޭން ނިންމާފައިވާ ވެބް ސީރީޒް "ހީރާމަންޑީ" އަކީ ކުރީގެ މަޝްހޫރު ފިލްމު "ޕަކީޒާ" އަށް ބިނާކޮށް ހަދާ އެއްޗެއް ކަމަށް ބުނާތީ ބަންސާލީ އެކަން ދޮގުކޮށްފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ "ޕަކީޒާ" އަކީ ހިންދީ ސިނަމާގެ އައިކޮނިކް ފިލްމެއް ކަމަށާއި އެ އަލުން ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެކަމަކު އެ ފިލްމާއި "ހީރާމަންޑީ" އާ ހުރި އެއްގޮތް ކަމަކީ ދޭއްޗަކީ ވެސް ނުފޫޒު ގަދަ ފިރިހެނުން ޖާރިޔާއިންގެ ގޮތުގައި ގަނޑުވަރުތަކުގައި ގެންގުޅުނު އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ އެއްޗަކަށްވުމެވެ.

"އެ ނޫން އެއްވެސް އެއްގޮތް ކަމެއް ޕަކީޒާ އާއި ހީރާމަންޑީއަކާ ނުހުންނާނެ. އަހަރެން ބުނެލަން އޮތް އެއްޗަކީ ދޭތީ އަޅާކިޔާނެ ކަހަލަ އެއްގޮތް ކަމެއް ނުހުންނޭނެ. ކުރުކޮށް ބުނަންޏާ ހީރާމަންޑީ ބަލާ އިރަކު ޕަކީޒާ މަތިން ހަނދާނެއް ނުވާނެ،" ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ. "ޕަކީޒާ އަކީ އަލުން ހަދަން ޖެހޭ ވަރަށް ވުރެ ޗާލު އެއްޗެއް. އެހެންވީމަކާ ޕަކީޒާ ހަދާކަށް ނުޖެހޭ."

"ޕަކީޒާ" އަކީ 1972 ގައި ރިލީޒްކުރި މިއުޒިކަލް ރޮމޭންޓިކް ޑްރާމާއެކެވެ. ކަމަލް އަމްރޯހީ ލިޔެ، ޑައިރެކްޓްކުރި އެ ފިލްމަކީ މީނާ ކުމާރީ އާއި ރާޖްކުމާރާއި އަޝޯކް ކުމާރު އަދި ނާދިރާ މުހިއްމު ރޯލުތައް ކުޅުނު އެއްޗެކެވެ. ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނު "ޕަކީޒާ" ގެ އެންމެ މަޝްހޫރު ލަވަތަކަކީ "ޗަލްތޭ ޗަލްތޭ" އާއި "ޗަލޮ ދިލްދާރު ޗަލޯ" އެވެ.

"ހީރާމަންޑީ" ގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު މީގެ ކާސްޓުން އަދިވެސް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ސޮނާކްޝީ ސިންހާ އާއި ގުމޭ ގްރޭޝީއާ އެކު، މީގެ ހާއްސަ ފެނިލުންތަކުން ގިނަ ތަރިންތަކެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ރޭކާ، މަދޫރީ ޑިކްސިޓް، މަނީޝާ ކޮއިރަލާ، ޖޫހީ ޗާވްލާ އާލިއާ ބަޓް އަދި ސަންޖީދާ ޝައިހް ހިމެނެ އެވެ.

ދެ ސީޒަނަކަށް ހަދާ "ހީރާމަންޑީ" ގެ ފުރަތަމަ ސީޒަން ހަތް އެޕިސޯޑާ އެކު ހަދާ އިރު، ފުރަތަމަ އެޕިސޯޑް ޑައިރެކްޓްކުރަނީ ބަންސާލީ އެވެ. ބާކީ ހުރި ބައިތައް ޑައިރެކްޓްކުރަނީ ވިބޫ ޕޫރީ އެވެ. ދެވަނަ ސީޒަނުގައި ވެސް ހިމެނޭނީ ހަތް އެޕިސޯޑެވެ.

ރީތި އަދި ކާމިޔާބު ފިލްމުތަކެއް ގެނެސްދިފައިވާ "ހީރާމަންޑީ" އަކީ ބަންސާލީގެ ފުރަތަމަ ވެބް ސީރީޒެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އާލިއާގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.

ބަންސާލީ ދެން ހަދަން އޮތް ފިލްމަކީ "ބައިޖޫ ބަރްވާ" އެވެ. އެ ނަމުގައި 1952 ގައި ވެސް ހިންދީ ސިނަމާ އަށް ފިލްމެއް ގެނެސް ދީފައިވެ އެވެ. ބަންސާލީގެ 2002 ގެ "ދޭވްދާސް" އަކީ ހަމަ އެ ނަމުގައި 1955 ގައި ގެނެސްދިން ފިލްމެއް އަސްލަކަށް ބަލައިގެން ހެދި އެއްޗެކެވެ.