Roadha Mihaaru
އަޅުގަނޑަށް ފިޔަވަޅު އަޅަން ރައީސް އެންގެވި: އަފީފު

އަޅުގަނޑަށް ފިޔަވަޅުއަޅަން ރައީސް އެންގެވި: އަފީފް

11 އޯގަސްޓް 2021

ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފަށް އެ ޕާޓީގެ ފަރާތުން ފިޔަވަޅު އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށް އޭނާ ރޭ ތުހުމަތުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފަށް އެ ޕާޓީގެ ފަރާތުން ފިޔަވަޅު އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށް އޭނާ ރޭ ތުހުމަތުކުރައްވައިފި އެވެ.

"ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި އަފީފު ރޭ ވިދާޅުވީ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ރައީސް އެންގެވީ ރައީސް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ފަދަ ވާހަކައެއް ދެއްކެވުމުން ކަމަށެވެ. އެހެން ނަމަވެސްް އެއީ ސީދާ ކޮން ވާހަކައެއް ކަމެއް ވިދާޅު ނުވެ އަފީފް ވިދާޅުވީ "ކުރީރޭ ދެއްކި ވާހަކަ" ކަމަށެވެ.

އަފީފް އެ އިޝާރާތް ކުރައްވަނީ ރައީސް އަކީ އަދާލަތު ޕާޓީގެ މެންބަރެއްތޯ ސުވާލު އުފެދޭ ގޮތަށް ޓީވީ ޗެނަލްއެއްގައި އޭނާ ދެއްކެވި ވާހަކައަށެވެ.

"ދެން އަނެއްކާ ކުރީރޭ ބުނި އެއްޗަކުން މިހިރީ ޕާޓީގެ ފަރާތުން އަޅުގަނޑަށް ފިޔަވަޅު އަޅަން ވެސް އަންގާފައި. އެހެންވީމާ މިރޭ އަނެއްކާ ނޭނގޭ ކޮންކަހަލަ ފިޔަވަޅެއްކަން ވެސް އަޅަން އަންގާނީ،" އަފީފް ވިދާޅުވި އެވެ.

އަފީފަށް ފިޔަވަޅު އަޅަން ރައީސް އެންގެވީ ކޮން އިރަކުތޯ ސުވާލުކުރުމުން އަފީފް ވިދާޅުވީ އެންގެވީ ކޮން އިރަކުކަން އެނގިވަޑައިނުގަަންނަވާ ކަމަށާއި އެހެން ނަމަވެސް އޮތީ އަންގަވާފައި ކަމަށެވެ.

"އަޅުގަނޑަށް އެނގެނީ އަންގަވާފައި އޮތްކަން. އެހެންވެ ކަންނޭނގެ ޕީޖީ ލީޑަރު (އަލީ އާޒިމް) އޮތެއް ނޫންތޯ ޓްވީޓްކުރައްވާފައި، އެމްޑީޕީގެ ޕާލަމެންޓް މެމްބަރަކު، ނުބުނާނޭ އެހެންނެއް،" އަފީފް ވިދާޅުވި އެވެ.

ރައީސް ހުންނެވީ އަދާލަތު ޕާޓީގައި ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އަފީފް ވިދާޅުވި ޚަބަރާ އެކު އާޒިމް މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެއްވެސް އެމްޕީއަކު އެހެން ވިދާޅުނުވާނެ ކަމަށެވެ.

އަފީފަށް ފިޔަވަޅު އަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ރައީސް ހުށަނާޅުއްވާ ކަމަށް ޕީޖީ ލީޑަރު އާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހެން ބޭފުޅަކު ވެސް އެގޮތަށް ހުށަނާޅުއްވާ ކަމަށެވެ.

އަފީފާ ދެކޮޅަށް ފިޔަވަޅު އަޅަން ރައީސް އެންގެވި ކަމަށް ވިދާޅުވުމުން، އެފަދަ ހުށަހެޅުމެއް އޮތްތޯ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއާ ސުވާލުކުރި ނަމަވެސް އޭނާ ވަކި ޖަވާބެއް ނުދެއްވަ އެވެ. ފޯނަށް ޖަވާބުނުދެއްވާތީ ކުރި ޓެކްސްޓް މެސެޖް ބެއްލެވި ނަމަވެސް އެ މެސެޖަށް ވެސް ހަސަން ޖަވާބެއް ނުދެއްވަ އެވެ.