Roadha Mihaaru
އެމްޑީޕީގެ ބޮޑު ނިންމުން މިރޭ ދަރުބާރުގޭގައި

މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ކަނޑައަޅާ ބޭފުޅަކު ހޮވުން މިރޭ ދަރުބާރުގޭގައި

27 މެއި 2019

މާދަމާ ރޭ ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ނަމެއް ކަނޑައެޅުމުގެ ވޯޓު މިރޭ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާދަމާ ރޭ ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ނަމެއް ކަނޑައެޅުމުގެ ވޯޓު މިރޭ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ ޓިކެޓުގައި އާ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި 65 މެމްބަރުންނާ އެކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރަސްމީ ފުރަތަމަ ބައްދަލުވުން އޮންނާނީ މިރޭ 9:30 ގަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވީ މަޖިލިހުގެ ރައީސަކު ކަނޑައެޅުމުގެ ވޯޓު މަޖިލިހުގެ ތަޅުމުގައި ނަގާނީ ހުޅުވާލައިގެންތޯ ނުވަތަ ސިއްރުންތޯ ކަނޑައަޅާނީ ވެސް އެ ބައްދަލުވުމުގައި ކަމަށެވެ. އެ ބައްދަލުވުން ލައިވްކުރުމުގެ ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސްކަމަށް އެމްޑީޕީގެ ފަރާތުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭގެ ތެރެއިން އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ އަސްލަމާއި އަފީފްގެ މެދުގަ އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

މި ވާދަވެރިކަމުގައި، ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ވެސް ވަނީ ރައީސަކު ހޮވުމާ މެދު ހިޔާލުތަފާތުވުން ބޮޑުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު އޮތީ މަޖިލީހުގެ ރައީސަކަށް އަފީފް އިންތިޚާބު ކުރާށެވެ. އެކަމަކު އެމްޑީޕީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ނަޝީދުގެ ތާއީދު އޮތީ އަސްލަމަށެވެ.

އަސްލަމާއި އަފީފް ވެސް ވިދާޅުވަނީ، މަޖިލީސް ރައީސް ކަން ކާމިޔާބު ކުރެއްވޭ ވަރަށް ޕާޓީ ތެރެއިން ވޯޓު ކަށަވަރު ކުރެއްވިފައިވާ ކަމަށެވެ.