11 އޯގަސްޓް 2021
ޖިންސީ ގޯނާއާއި ރޭޕްގެ ތުހުމަތުގައި ދައުވާކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ޖިންސީ ގޯނާއާއި ރޭޕްގެ ތުހުމަތުގައި ދައުވާކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނަލް ކޯޓަށް ވައްދާފައި އޮއްވާ، އެ ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ އޭނާގެ ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދިނުމަށެވެ.
އެކުވެރިޔާ އަސްއަދު އަލީ ޖާމިނުކޮށްފައި އަލީ ވަހީދު ފުރާވަޑައިގަތް ގޮތަށް އަނބުރާ ރާއްޖެ ވަޑައެއްނުގަންނަވަ އެވެ. އެކަމާ ހެދި ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުންތައް ލަސްވުމުގެ އިތުރުން، ހައި ކޯޓާއި ސުޕްރީމް ކޯޓުގައި އޭނާގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. އަދި އޭނާގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު މަރުހަލާ ވެސް މަޑު ޖެހުނެވެ.
އަލީގެ ޝަރީއަތް އޮންލައިންކޮށް ބާއްވާން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އަލީ އަށް ޗިޓު ފޮނުވައި އެންގީ އަޑުއެހުމަށް ސީދާ ކޯޓަށް ހާޒިރުވާށެވެ. ނަމަވެސް، ޗިޓާ ހަވާލުވެފައި ވެސް އޭނާ އަޑުއެހުމަށް ރާއްޖެވަޑައިގެންފައެއް ނުވެ އެވެ.
މި މަހުގެ ދެވަނަ ދުވަަހަށް އަޑުއެހުން ތާވަލުކުރި ނަމަވެސް އޭނާ ހާޒިރުނުވުމުން މިއަދު އެކެއް ޖެހިއިރަށް ތާވަލު ކުރި އެ މައްސަލައިގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުން ނިންމީ އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކުުމަށެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމުގައި ބުނީ، އަލީ ވަހީދުގެ އަމަލުތަކުން ކޯޓުތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ކަމަށެވެ. އަދި ވަކި މީހަކަށް ވަކި ގޮތެއް ހަމަޖެހޭ ކަމަށް ރައްޔިތުންގެ މެދުގައި އިހުސާސް ކުރެވޭ ނަމަ ކޯޓުތައް ހުރުމުގެ ބޭނުމާ މެދު ސުވާލު އުފެދޭނެ ކަމަށް ހުކުމުގައިވެ އެވެ. އެފަދަ ތަސައްވަރެއް އުފެދޭ ނަމަ ގާނޫނުއަސާސީ ދިފާއު ކުރުމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޓުގެ ހުކުމުގައިވެ އެވެ.
ދައުލަތުގެ އެހެން ބާރުތަކާ ހިލާފަށް ކޯޓުތަކުގެ އަމުރުތައް ތަންފީޒުވުން ބިނާވެފައި ވަނީ، ކޯޓުތަކުން އަދުލު އިންސާފު ލިބޭނެ ކަމަށް އަދި ކޯޓުތަކުގެ އަމުރުތަކާއި ހުކުމްތަކަށް އެންމެން ބޯލަނބާނެ ކަމަށް ކަން ހުކުމުގައި ފާހަގަ ކުރި އެވެ. އެހެންވެ، ކޯޓުތަކުގެ ނިންމުންތައް އަލީ ވަހީދު ތަބާ ނުވުމުން އޭނާގެ މައްޗަށް ފިޔަވަޅު ނޭޅި ދޫކޮށްނުލެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
"އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކުން މިކަމާ މެދު ކަމެއް ނުކުރެވި، މައްސަލަތައް ހިންގޭ ގޮތެއް ނުވެ، އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވަރު އުފެދޭ ކަމެއް. އެހެންކަމުން އަލީ ވަހީދާ މެދު ގާނޫނުގައިވާ ގޮތަށް ކޯޓުތަކުން އަމަލު ކުރަން ޖެހޭނެ،" ހުކުމުގައިވެ އެވެ.
ކޯޓުތަކަކީ ކުޅޭކުޅޭ އަދި ހަރުދަނާ ކަމެއް ނެތް ކަމަށް ދޭހަވާ ގޮތަށް، ކޯޓުތަކުން ގާނޫނީ ބާގަނޑުތައް ބޭނުންކޮށގެން ގާނޫނުގެ ބާރު ބައެއް މީހުންނަށް ނުފޯރާ ކަމަށް ދޭހަވާ ގޮތަށް އެއްވެސް ކޯޓަކުން އަމަލުކޮށްގެން ނުވާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
"އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރާ ކޯޓުތަކަކީ ކުޅޭކުޅޭ އަދި ހަރުދަނާ ކަމެއް ނެތް ކަމަށް ދޭހަވާ ގޮތަށް ގާނޫނުތައް މާނަކޮށް، އިޖުރާއީ ބާގަނޑުތައް ފޭކޮށް، ގާނޫނުގެ ދިގު އަތް ބައެއް މީހުނަށް ނުފޯރާ ކަމުގެ ތަސައްވުރު އުފެދޭ ގޮތަށް އެއްވެސް ކޯޓަކުން ގާނޫނު މާނަކޮށްގެން ނުވާނެ،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އަލީގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ގާޒީ ހަސަން ސައީދު ހުއްދަ ދެއްވީ، އެއްބަސްވި ގޮތާ ހިލާފުވެ އަލީ ރާއްޖެ އަށް ވަޑައިނުގެން ހުއްޓަ އެވެ. އެގޮތަށް ނިންމީ ވެސް އަލީގެ އެދިވަޑައިގަތުމުގެ މަތިންނެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންވެ، ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ އެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރެއްވި އެވެ.
ބޭރުގައި ހުއްޓާ ޝަރީއަތް ނުކުރަން އަންގައިފި
ޔޫކޭއިން އަލީގެ ވިސާ އާކޮށްދިނުމުގެ ފުރުސަތު ކުޑަ
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ބަލަން އަންގައިފިި
ކޯޓުތައް ކުޑަކަކޫ ޖަހާތަން ފެނިގެން ނުވާނެ: ހުކުމް
އަލީ ވަހީދުގެ އިސްތިއުނާފް ޝަރީއަތް ފަސްކޮށްފި
އަލީ ވަހީދު ރާއްޖެ އަންނަން ސުޕްރީމް ކޯޓުން އަންގައިފި
އަލީގެ ޝަރީއަތުގެ މައްސަލަ ސުޕްރީމް ކޯޓަށް
ޖާމިނުކޮށް، އަލީ ވަހީދު ފުރަން ހުއްދަ ދިނީ ރަނގަޅަށް
ޕާސްޕޯޓް ދޫކުރި މައްސަލަ ޣައިރު ހާޒިރުގައި ނުބެލޭނެ
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ މުއްދަތެއް ނެތްގޮތަށް