Roadha Mihaaru
ޖާމިނުކޮށް، އަލީ ވަހީދު ފުރަން ހުއްދަ ދިނީ ރަނގަޅަށް

މީހަކު ޖާމިނު ކުރުމަށްފަހު އަލީ ވަހީދު ފުރަން ހުއްދަ ދިނީ ރަނގަޅަށް: ސުޕްރީމް ކޯޓް

10 މެއި 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި އެހެން މީހަކު ޖާމިނުކޮށް، އޭނާ ފުރަން ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް އަލީ ވަހީދު ފުރަން ހުއްދަ ދިން މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި އެހެން މީހަކު ޖާމިނުކޮށް، އޭނާ ފުރަން ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް އަލީ ވަހީދު ފުރަން ހުއްދަ ދިން މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ބުނެފި އެވެ.

ރޭޕާއި ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލައި، އޭނާ ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ދިނީ އޭނާ ބޭސްފަރުވާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުންނެވެ. އޭނާ ފުރަން ކޯޓުން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނު ކުރުވުމަށް ފަހު އެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މައްސަލަ ބޭރުކޮށްލީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެވެ. ހައި ކޯޓުގެ އެ ނިންމުމަށް ސުޕްރީމް ކޯޓުން ވެސް މިރޭ ތާއީދުކުރި އެވެ.

ހައި ކޯޓުގެ ނިންމުމަށް ތާއީދުކުރުމާ އެކު، ސުޕްރީމް ކޯޓުގެ ނިންމުމުގައިވަނީ އަލީ ވަހީދު ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ ޖާމިނުވި މީހާގެ އިގުރާރުގެ މައްޗަށް ބިނާކޮށް ކަމަށާއި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އެކަން ހުއްދަ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރުގައި އަލީ ވަހީދު އެނބުރި ވަޑައިގަންނަވަންޖެހޭ ތާރީޚެއް ނެތަސް، ޖާމިނުވި މީހާގެ އިގްރާރުގެ މުއްދަތު ހަމަވުމުން އަލީ ވަހީދު ބޭރުގައި ހުރުމުގެ މުއްދަތު ހަމަވާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ ހާލަތުގައި އަލީ ވަހީދު ފުރުމުގެ ހުއްދަ ދިން އަމުރު މުރާޖާ ކުރަން ދައުލަތަށް އަލުން ކޯޓުގައި އެދެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެ ނިންމުމުގައިވެ އެވެ.

އަލީ ވަހީދު ފުރަން ހުއްދަ ދިން މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ ޣައިރު ހާޒިރުގައި މައްސަލަ ބެލޭނެ ޤާނޫނީ ހަމައެއް ނެތުމުންނެވެ.