ޝެހެނާޒް އަދުނާންގެ ސިކުނޑި ވަށާލާފައި ވަނީ ވަގަށް ނަގާފައިވާ އޭނާގެ ކޮއްކޮ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވީ ގޮތަކާ މެދުގަ އެވެ. އޮގަސްޓް 8، 2014 ގައި ވީނުވީއެއް ނޭނގި ރިލްވާން ގެއްލުނު ފަހުން އޭނާއަކަށް ހަމަ ނިންޖެއް ނުލިބެ އެވެ. ގޭގެ ބެލް ޖަހާއިރަށް ހީވަނީ ރިލްވާން އަނބުރާ އައީ ހެންނެވެ.
16 އޯގަސްޓް 2021
ޝެހެނާޒް އަދުނާންގެ ސިކުނޑި ވަށާލާފައި ވަނީ ވަގަށް ނަގާފައިވާ އޭނާގެ ކޮއްކޮ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވީ ގޮތަކާ މެދުގަ އެވެ. އޮގަސްޓް 8، 2014 ގައި ވީނުވީއެއް ނޭނގި ރިލްވާން ގެއްލުނު ފަހުން އޭނާއަކަށް ހަމަ ނިންޖެއް ނުލިބެ އެވެ. ގޭގެ ބެލް ޖަހާއިރަށް ހީވަނީ ރިލްވާން އަނބުރާ އައީ ހެންނެވެ.
"ރިލްވާންގެ ހިނިތުންވުން އަބަދު ވެސް މޫނުމަތިން ފެންނަހެން ހީވަނީ. މީހަކު ގޭގެ ބެލް ޖަހާލިއަސް ހީވަނީ ރިލްވާން އައީއޭ. އެ އިންތިޒާރު އަދިވެސް ކުރެވެނީ. އޭގެ ސަބަބަކީ ރިލްވާންގެ ފުރާނަ ނެތް މަސްގަނޑު ވެސް އަޅުގަނޑުމެން އެއްވެސް މީހަކަށް ފެންނަން ނެތީމަ. އެއީ އެންމެ ހިތްދަތިވާ އެއް ކަންތައް. އެހެންވީމަ ގަބޫލެއް ނުކުރެވޭ މަރުވީ ކަމަކަށް،" ރިލްވާން ކުޑައިރު އޭނާގެ ކަންކަން އެންމެ ކައިރިން ކޮށްދިން ދައްތަ، ޝެހެނާޒް ބުންޏެވެ.
ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ ފްލެޓުން ރަތް ކާރަކަށް އަރުވައިގެން ގެންދިޔަތާ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށް ހަތް އަހަރުވީ އެވެ. ރިލްވާނަށް ވީގޮތް ހޯދައި އެ އާއިލާ އަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށް ވިޔަސް މައްސަލައިގެެ މެދެެއް، ކޮޅެއް ނޭނގި އާއިލާއަށާއި ރައްޓެހިންނަށް ކުރިމަތިވެފައި ވަނީ ހާސް ކަމެވެ.
މި މަހުގެ ކުރީކޮޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުކުރިޔަސް ތަހުގީގަށް އެއްބާރުލުން ނުދީ އެ މަނިކުފާނު ހަނު ހުންނެވުމަކީ އެކަމަށް އެއްބާރުލުން ނުދިން ކަމަށް އާއިލާއިން ބުންޏެވެ. އެއްބާރުލުން ނުދިނުމުގެ މާނައަކީ ޔާމީން ކަންބޮޑުވާ ކަމަކަށް ރިލްވާންގެ މައްސަލަ ނުވުން ކަމަށާއި އަދި އެފަދަ ނުބައި ކަމަކަށް އެއްބާރުލުން ދީ ތާއިދުކުރާ ކަމުގެ ނިޝާނެއް ކަމަށް ވެސް ޝެހެނާޒު ދެކެ އެވެ.
ރިލްވާނަށް ވީ ގޮތެއް ހޯދައިދިނުމަށް އެދި މީގެ ކުރިން ބޭއްވި ހަރަކާތެއްގައި އޭނާގެ މަންމަ (ވ) އަދި ދައްތަ ޝެހެނާޒު ބައިވެރިވަނީ.-- ފޮޓޯ: ދި އެޑިޝަން
"ރިލްވާން ހޯދުމަށް ޔާމީން އެއްބާރުލުން ނުދޭކަން ކަނޑައެޅިގެން އެނގޭ. ހަ އަހަރު ފަހުން އޭނައާ ސުވާލުކުރުމަކުން އޭގައި ވާނެ ފައިދާއެއް ނޯންނާނެ. އޭގެ ބަދަލުގައި ބަލަންވީ ކުރިން ވެސް ރިލްވާންގެ މައްސަލައިގައި ޔާމީން އެހީތެރިކަން ނުދިނީ ކީއްވެގެން ތޯ؟،" ޝެހެނާޒް ބުންޏެވެ.
ވަގަށް ނަގާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ރިލްވާންގެ މައްސަލަ ބަލަމުންނެވެ. އެކަމަކު، އޭނާ ވަގަށް ނެގިތާ އަހަރު ފުރޭ ދުވަސްތަކާ ދިމާކޮށް ނެރޭ ބަޔާންތަކުން އާއިލާ ހިތްދަތިވުން ނޫން ކަމެއް ނުވާ ކަމަށް ޝެހެނާޒު ބުންޏެވެ.
"ރިލްވާން ކޮބާހޭ މި އަހަނީ، އޭނާއަށް ވީ ކިހިނެއްހޭ މި އަހަނީ، ފަންޑުކުރީ ކޮން ބައެއް ހެއްޔޭ. އަދިވެސް މި ސުވާލުތަކަށް އަޅުގަނޑުމެންނަށް ޖަވާބެއް ނުލިބޭ."
"ހީވޭ ގޭތެރެއިން ވެސް ދައްތާއޭ ކިޔާފައި ގޮވާލާ އަޑު. ނިދާފައި އޮންނައިރު ވެސް ފެންނަނީ އެ ހިނިތުންވުމާއެކު ވާހަކަދައްކާލާތަން. ހަތް އަހަރުވެެގެން ދިޔައިރު ވެސް އަޅުގަނޑުމެންނަށް ނުފެނޭ ރިލްވާން ދެރަވެފައި ހުއްޓާ، އެ ސަކަ މިޒާޖުގައި މަޖާކުރާތަން ފެންނަނީ. ވަރަށް ދެރަވޭ، ރިލްވާނަށް އިންތިޒާރުކޮށް މި ހުރެވެނީ،" ޝެހެނާޒު ބުންޏެވެ.
ރިލްވާނާއެކު އެއްކޮށް މަސައްކަތްކުރި އޭނާގެ އެކުވެރިޔާ، ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ތޮލާލް ވިދާޅުވީ އެ މައްސަލަ އަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވަނީ އެ މައްސަލަ އެންމެ ފުރަތަމަ ރިޕޯޓުކުރިއިރު އެއްވެސް ސަމާލުކަމެއް ނުދީ އެކަން ނުބަލަން އެކި ހުއްޖަތްތައް ދައްކާފައި ހުރުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މިހާރު އިސްކަމެއް ދީގެން އެ މައްސަލަ އަނެއްކާ ތަހުގީގުކުރިޔަސް ހަތް އަހަރުވެގެން ދިއުމުން ހެކި ނައްތާލުން ފަދަ ކަންކަމަށް އެކަށީގެންވާ ވަގުތު ލިބިފައިވާތީ މައްސަލައިގެ އަސްލާ ހަމައަށް ވާސިލްވުމަކީ ދަތި ކަމެއް ކަމަށް ތޮލާލް ގަބޫލުކުރައްވަ އެވެ. އެކަމަކު، އޭނާ އަދި ވެސް ހުންނެވީ ރިލްވާނަށް ވީ ގޮތެއް ހޯދުމުގެ އަޒުމުގަ އެވެ.
"ލިބޭ ކޮންމެ ވެސް ވަރެއްގެ އުއްމީދެއް އެއީ މިހާރު ކުރަމުންދާ މަސައްކަތުގައި އެ މައްސަލައިގައި ސީދާ ވީ ގޮތުގެ އިތުރުން ތަހުގީގުތައް ކުރުމުގައި އިހުމާލުވެފައިވާ ފަރާތްތައް ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ އުއްމީދަކީ ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް. އެކަމަކު ވަރަށް މުހިއްމު ކަމެއް ވީހާ ވެސް އަވަހަކަށް އާއިލާ އަށް އެންމެ ކުޑަމިނުން ލިބެންވާ ތަސައްލީ ލިބި އިންސާފުގެ ކޮންމެ ވެސް މިންވަރެއް ލިބޭނެކަމުގެ އުއްމީދު އާލާވެގެން ދިއުމަކީ،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުވާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ޖެހުނު އެއް ސަބަބަކީ ދައުލަތުން ތަހުގީގުގައި އިހުމާލުވެފައި ހުރުމެވެ. އެ ހާލަތަށް ދިޔައީ ބަލަންވާ ވަރަށް ނުބަލައި ވަރަށް ގިނަ ކަންކަން ދޫކޮށްލާފައި ހުރުމުން ކަމަށް ތޮލާލް ވިދާޅުވި އެވެ.
"އަދިވެސް އުއްމީދު ކަނޑައެއް ނުލަން. އުއްމީދަކީ މިކަން ކުރި ފަރާތާއި މިކަން ކުރުވި ފަރާތްތަކަކީ ކޮން ބައެއްކަން އެނގި ހައްގު އަދަބު ދެވިގެން ދިއުން. އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެ އުއްމީދު ކަނޑައެއް ނުލާނަން،" ތޮލާލް ވިދާޅުވި އެވެ.
ރިލްވާން ވަގަށް ނެގިތާ ހަތް އަހަރު ވިޔަސް އެ މައްސަލައިގެ ބޮޑު ބައެއް ހޭދަވީ، ތޮލާލް ވިދާޅުވި ގޮތުގައި، މައްސަލައިގެ ތުހުމަތުކުރެވޭ ދައުލަތުގެ އިސްވެރިންގެ ބާރުވެރިކަމުގަ އެވެ. އެއީ، ކަންތައްތަކެއް ފޮރުވަން ބޭނުންވާނަމަ ނުވަތަ ހެކި ނައްތާލަން ބޭނުންވާ ކަމުގައި ވާނަމަ އެކަން ނިންމުމުގެ ވަގުތެވެ. އެކަމަކު، ރިޔާސީ ކޮމިޝަނުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުން އެންމެ ކުޑަމިނުން ރިލްވާނަށް ވީ ގޮތް އެނގުން ވެސް ބޮޑު ކުރި އެރުމަކަށް ވާނެ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.
ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް އެދި މީގެ ކުރިން ބޭއްވި އެއްވުމުގައި ބަޔަކު އަޑުއުފުލަނީ.-- ފޮޓޯ: ދި އެޑިޝަން
ޝެހެނާޒު ބުނީ މައްސަލަ ކޯޓުގައި ކުރިއަށް ދިޔައިރު މުހިއްމު ހެކިތަކެއް ފުލުހުން ހުށަނާޅާ ކަމަށެވެ. އޭގެ ސަބަބުން ތުހުމަތުކުރެވޭ މީހުން މިނިވަންވެފައިވާތީ، ޕީޖީ އޮފީހާ ގުޅިގެން ފުލުހުން ގަސްތުގައި އިހުމާލުވި މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އޭރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ހުސެއިން ހުސެއިން ވަހީދު ވިދާޅުވީ ރިލްވާންގެ މައްސަލައަކީ ހާއްސަ އިސްކަމެއް ދީގެން އޭރު ފުލުހުން ތަހުގީގު މައްސަލައެއް ކަމަށެވެ. ރިލްވާނާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކަކީ ވެސް ޔާމީންގެ ވެރިކަމުގައި ފުލުހުން ހޯދި މައުލޫމާތުތައް ކަމަށް ހުސެއިން ވަހީދު ވިދާޅުވެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް މަރު ކޮމިޝަނަށް އެންމެ ފަހުން ހާޒިރުވެވަޑައިގަތުމަށްފަހު އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން 2019 ވަނަ އަހަރު އާއްމުކުރި ކުރުން ދޮގުކޮށް އޭނާ ގަދަވެ ހުރިކަން ބުނެފައިވާތީ ވަރަށް އުފާކުރައްވާ ކަމަށެވެ.
"މާތްﷲ އަށް ހަމްދުކުރަން. އަޅުގަނޑުގެ އެދުމަކީ ރިލްވާންގެ މަންމައާ ވީ އެންމެ އަވަހަކަށް ގުޅާލާ އާއިލާއާ ސަލާންގަލާން ކޮށްލެވޭނެ ގޮތެއް ވުން. ރިލްވާންގެ އާއިލާއިން ވަރަށް ހިތާމަކޮށްފި،" މިދިޔަ އޮގަސްޓު 7 ވަނަ ދުވަހު ލިޔުއްވި ޕޯސްޓުގައި ހުސެއިން ވަހީދު ވިދާޅުވި އެވެ.
އޭނާ ދެން ވިދާޅުވީ ކޮމިޝަންގެ އެއްބާރުލުން ކުޑަކަމާއި އެ މެމްބަރުންގެ "ވެރިންގެ" ފަރާތުން އައިސްފައިވާ އޯޑަރުތަކުގެ ސަބަބުން ދެ ފަރާތުން ރަނގަޅަށް ވާހަކަދައްކާ ނުލެވުނު ކަމަށެވެ.
"ހަބަރު ހަދާލުމާއި ރިޕޯޓެއް ނެރެލުމަށްވުރެ ރަނގަޅަށް ކުރެވުނީސް. އެ ބޭފުޅުން ވަރަށް ބޮޑު މަޖުބޫރުކަމެއްގައި ތާށިވެފައިވާކަން ފާހަގަވި. ތަކި ތާރީހަކަށް ވަކި ގޮތަކަށް ރިޕޯޓެއް ނެރެން ޖެހިގެން އުޅުނުކަން ފާހަގަކުރެވުނު. ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރު ތަންކޮޅެއް ލަސްވެއްޖެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރިލްވާނަށް ވީގޮތް ހޯދަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރަތްކުރައްވައި ހުސެއިން ވަހީދު ވިދާޅުވި އެވެ.
ރިލްވާން މައްސަލައިގެ ތަފްސީލީ މައުލޫމާތު ހިއްސާކުރަން 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ އޭރުގެ ރައީސަކަށް ހުންނެވި ސުއޫދު (ވ) އަދި ކޮމިޝަންގެ މެމްބަރު މިސްބާހު ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މިހާރު
ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ވަގަށް ނެގުމަށް ފަހު ބޯ ކަނޑާލައި މަރާލާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.
ރިލްވާންގެ އާއިލާއިން ވަނީ އެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގު އެއްކޮށް ނިމޭނެ ސީދާ ތާރީހެއް ކަނޑައެޅުމަށް އެދިފަ އެވެ.
އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސްއާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި އާއިލާއިން ވަނީ ރިލްވާން ގެއްލުވާލި މައްސަލަ އޮއްބާލަން އުޅުނު މީހުންނާއި ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބި މީހުން ފުރުވާލުމަށް މަސައްކަތް ކުރި އޭރު އަދި މިހާރު ވެސް ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.
ހަމަ އެ ދުވަހު ރިޔާސީ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ލިބެން ޖެހޭ ކަމަށައި އެ ކަމަށް ގޮތްތަކެއް ރާވަމުން އަންނަ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ތަހުގީގު ހިންގުމުގައި ގިނަ ހުރަސްތަކެއް ހުރި ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ މައުލޫމާތު އެނގޭ މީހުން ހެކިބަސް ދިނުމަށް ޖެހިލުންވާ މައްސަލަ އެވެ. އެކަން ހައްލު ކުރުމުގެ ގޮތުން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރިޔާސީ ކޮމިޝަނުން ބުންޏެވެ.
އާއިލާގެ އެދުމުގެ މަތިން ބޭރުގެ މާހިރަކާ އެކު ރިލްވާންގެ މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރުމަކީ އެ އާއިލާ އަށް ލިބޭ ހިތްހަމަޖެހުމެކެވެ. ނަމަވެސް، އެ ކުޑަކުޑަ ސުވާލަށް ޖަވާބު ނުލިބި، ވޭތުވެގެންދާ ކޮންމެ ދުވަހަކީ އާއިލާ އަށް، ރައްޓެހިންނަށް ލިބޭ އިތުރު ހިތްދަތި ކަމެކެވެ. އެހެންވެ، ވީހާ ވެސް އަވަހަކަށް މައްސަލަ ބަލައި ނިންމައިދިނުމަށް އާއިލާއިން އެދެ އެވެ.
ރިލްވާން މައްސަލައިގައި ކުރީގެ ސީޕީ ހުސައިން ކޮމިޝަނަށް
ޔާމީން ތުހުމަތުތަކަށް އިންކާރު ކުރެއްވި: ވަކީލުން
ރިލްވާންގެ މަރު: ވަޅީގެ މައުލޫމާތަށް 500،000ރ
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން
މަޒީދާއި ސާމިތުގެ މައްސަލަ ޕީޖީން އަނބުރާ ފޮނުވައިފި
ރިލްވާނަށް ފާރަލި މީހާ އަދިވެސް ނުފެނޭ
ރިލްވާނަށް ފާރަލި މީހާގެ އެއްވެސް ޚަބަރެއް އަދި ނުވޭ!
ރިލްވާންގެ މައްސަލައާ ގުޅިގެން މީހަކު ހޯދަނީ
ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!
ރިޔާސީ ކޮމިޝަންގެ މަގްސަދާ މެދު ޝައްކެއް ނެތް: ރައީސް