Roadha Mihaaru
ޖަމީލް ވަކިކުރި މައްސަލައިގެ ހުކުމް ބުރާސްފަތި ދުވަހު

ނައިބު ރައީސްކަމުން ޖަމީލް ވަކިކުރި މައްސަލައިގެ ހުކުމް ބުރާސްފަތި ދުވަހު އިއްވަނީ

10 އޯގަސްޓް 2021

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރި މައްސަލާގެ ހުކުމް އަންނަ ބުރާސްފަތި ދުވަހު އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރި މައްސަލާގެ ހުކުމް އަންނަ ބުރާސްފަތި ދުވަހު އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖަމީލް ހުންނަވަނިކޮށް އޭނާ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އޭރު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން އެގޮތަށް ފާސް ކުރީ އޭރުގެ އިދިކޮޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ދައުލަތާ ދެކޮޅަށް ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ 2019 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގެ ނައިބު ރައީސަކު މަގާމުން ދުރުކުރި މައްސަލައެއް ކޯޓަކުން ބަލާ ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން ނިންމާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ނައިބު ރައީސް ކަމުން ވަކި ކުރެއްވުމުން އަމިއްލައަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ހުންނަވައިގެން ޔާމީންގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ޖަމީލް އޭރު ކުރެއްވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނަން ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ. އެކަމަކު މިހާރު އޭނާ ގެންދަވަނީ ޕީޕީއެމްއާ އަލުން ގުޅިވަޑައިގެން، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.