Roadha Mihaaru
ނައިބު ރައީސް ވަކިކުރާ މައްސަލަ ކޯޓަށް ބެލޭނެތަ؟

ނައިބު ރައީސުން ވަކިކުރާ މައްސަލަތައް ކޯޓަށް ބެލޭނެތަ؟

21 ޖެނުއަރީ 2021

ރާއްޖޭގެ ތާރީޚު އޮތް ގޮތުން ނައިބު ރައީސުންނަކީ އެހާ "މަގުބޫލު" މަގާމެއް ނޫނެވެ. ގާނޫނީ ގޮތުން މާ ބޮޑު ޒިންމާއެއް ނެތުމުގެ އިތުރަށް ފުރަތަމަ ޖުމްހޫރިއްޔާ އިން ފެށިގެން ނައިބު ރައީސުންގެ މައްޗަށް އަމާޒުވަމުން ދިޔަ ތުހުމަތުތައް ކުޑައެއް ނޫނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެއްވެސް ނައިބު ރައީސެއް ނެތި 2008 ވަނަ އަހަރުގެ އާ ގާނޫނުއަސާސީއާ ހަމައަށް ދިޔަ އެވެ. އޭގެ ފަހުން ދެން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނާ މެދު ރައީސުންނާއި އެ ރައީސުންގެ ސަޕޯޓަރުން ދެކޭ ގޮތް އޮތީ ވަރަށް ދަށު ދަރަޖަައަކަށް ވެއްޓިފަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ތާރީޚު އޮތް ގޮތުން ނައިބު ރައީސުންނަކީ އެހާ "މަގުބޫލު" މަގާމެއް ނޫނެވެ. ގާނޫނީ ގޮތުން މާ ބޮޑު ޒިންމާއެއް ނެތުމުގެ އިތުރަށް ފުރަތަމަ ޖުމްހޫރިއްޔާ އިން ފެށިގެން ނައިބު ރައީސުންގެ މައްޗަށް އަމާޒުވަމުން ދިޔަ ތުހުމަތުތައް ކުޑައެއް ނޫނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެއްވެސް ނައިބު ރައީސެއް ނެތި 2008 ވަނަ އަހަރުގެ އާ ގާނޫނުއަސާސީއާ ހަމައަށް ދިޔަ އެވެ. އޭގެ ފަހުން ދެން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނާ މެދު ރައީސުންނާއި އެ ރައީސުންގެ ސަޕޯޓަރުން ދެކޭ ގޮތް އޮތީ ވަރަށް ދަށު ދަރަޖަައަކަށް ވެއްޓިފަ އެވެ.

އާ ގާނޫނުއަސާސީ އައި ފަހުން، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލާއި އެ މަނިކުފާނުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު، ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރީ ރައީސާ ދެކޮޅުވެރި ރޭވުންތައް ރޭއްވިކަމުގެ ބޮޑެތި ތުހުމަތުތަކާ އެކު އެވެ. ނައިބު ރައީސުންނަށް ތުހުމަތުތައް އަމާޒުވެ، ވަކިކުރުމުގެ ސިލްސިލާ ކިތަންމެ ބޮޑަސް، ނައިބު ރައީސަކު މަގާމުން ދުރުކުރި މައްސަލައެއް ސުޕްރީމް ކޯޓާ ހަމައަށް މި ދިޔައީ އަލަށެވެ. ޑރ. ޖަމީލް ހުށައެޅުއްވި މައްސަލައިގެ ތެރެއިން އުފެދި ހިނގަމުން ދަނީ ކުރިން ހިނގާފައި ނެތް ގާނޫނީ އާ ޒުވާބުތަކެކެވެ.

ޑރ. ޖަމީލް މަގާމުން ވަކިކޮށް، އެއްލާލުން

ނައިބު ރައީސް ކަމުން 2015 ގައި ޑރ. ޖަމީލް ވަކިކުރީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމުގެ ތުހުމަތުތަކެއްގަ އެވެ. މެއި 1، 2015 ގައި އޭރުގެ އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މާލޭގައި ބޭއްވި މޭޑޭގެ ބޮޑު މުޒާހަރާއާ ގުޅިގެން ޕީޕީއެމްގެ ތުހުމަތުގެ އިނގިލި ޑރ. ޖަމީލަށް ވެސް އަމާޒުވި އެވެ.

މަޖިލީހުގައި ޕީޕީއެމްއަށް އޮތް މެޖޯރިޓީގެ ބޭނުންކޮށް، ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ މަނިކުފާނަކަށް ނުދިނެވެ. މަޖިލީހުގެ ގަވާއިދު އޯވަނައިޓަކުން ބަދަލުކޮށް، މަޖިލީހުން އެންގީ ތުހުމަތުތަކަށް ޖަވާބުދާރީވެވޭނެ ހަމައެކަނި ގޮތަކީ އޭރު އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ހުންނެވި ޑރ. ޖަމީލް އަމިއްލަފުޅަށް މަޖިލީހަށް ވަޑައިގަތުން ކަމަށެވެ. އެކަމަކު ރާއްޖެ ވަޑައިގެންފި ނަމަ ހައްޔަރުކުރާނެ ކަން އެނގިވަޑައިގަންނަ އެވެ. އެހެންކަމުން ޖަވާބުދާރީވާން ޑރ. ޖަމީލްގެ ފަރާތްޕުޅުން މަޖިލީހަށް ފޮނުއްވި ވަކީލަށް މަޖިލީހުގެ ޗެމްބަރަށް ވަނުމުގެ ފުރުސަތެއް ވެސް ނުދިނެވެ. އިންތިޚާބީ ނައިބު ރައީސަކު މަގާމުން ދުރުކުރުމުގެ ފުރަތަމަ ސިލްސިލާ ހިނގައި ދިޔައީ އެހާ ހުތުރު ގޮތަކަށެވެ.

ޑރ. ޖަމީލް މަގާމުން ދުރުކުރީ އާބިޓްރަރީކޮށް އަދި ވަކި ބޭފުޅަކު މަގާމަށް ގެނައުމަށްޓަކައި ކަން ފެންނަން އެބަ އޮތެވެ. މިހާރު ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް މި ހަގީގަތާ ދެކޮޅެއް ވެސް ނެހެދޭނެ އެވެ. ސުޕްރީމް ކޯޓުގެ ބެންޗު 2019 ގައި ބަދަލުވުމުގެ ކުރިން ބަލައިގެންފައިވާ އެ މައްސަލާގައި ހުރީ ބޮޑެތި ގާނޫނީ ސުވާލުތަކެކެވެ.

ނައިބު ރައީސަކު ވަކިކުރާ މައްސަލައެއް ކޯޓަށް ބެލޭނީ ކިހިނެއް ހެއްޔެވެ؟. ގޯސްކޮށް ވަކިކޮށްފި ނަމަ ސުޕްރީމް ކޯޓުން ދޭނެ ހައްލަކީ ކޮބައި ހެއްޔެވެ؟. އަލުން އެ މަގާމަށް އިއާދަކުރާނީ ނުވަތަ ބަދަލު ދޭނީ ހެއްޔެވެ؟ މިއީ ޑރ. ޖަމީލް ވަކިކުރި މައްސަލާގެ ޝަރީއަތުގައި މިހާތަނަށް އަމާޒުވި ބޮޑެތި ބައެއް ސުވާލުތަކެވެ.

ނައިބު ރައީސަކު ވަކިކޮށްގެން ކޯޓަށް ދެވޭނެތަ؟

ގާނޫނުއަސާސީ އޮތީ މި ސުވާލުތަކަށް ފަސޭހައިން ޖަވާބު ލިބޭ ގޮތަކަށް ނޫނެވެ. ގާނޫނުއަސާސީ އޮތް ގޮތުން ރައީސާއި ނައިބު ރައީސުންގެ މަގާމުގެ ޝަރުތުތައް އެއްގޮތެވެ. އިތުބާރު ނެތްކަމުގެ ވޯޓަކުން ނައިބު ރައީސަކު މަގާމުން ވަކިކުރެވޭނެ ހާލަތްތައް ވެސް ރައީސާ ތަފާތެއް ނެތެވެ. ނަމަވެސް ނައިބު ރައީސަކު މަގާމުން ދުރުކުރުމަށް ފަހު ދެން އޮންނަ އިޖްރާއާތުގައި ރައީސާއި ނައިބު ރައީސް ތަފާތެވެ.

ގާނޫނުއަސާސީގެ 113 ވަނަ މާއްދާ ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓަކުން ރައީސް މަގާމުން ވަކިކުރި ކުރުމާ މެދު ސުވާލެއް އުފެދިއްޖެ ނަމަ، އެކަމެއްގައި ފުރަތަމަ އަދި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ. އެކަމަކު ނައިބު ރައީސުންގެ ވާހަކައެއް މި މާއްދާއަކު ނެތެވެ. ނައިބު ރައީސުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނަނީ ޝަރުތު ހަމަވޭތޯ ބެލުމުގެ މައްސަލަތައް އެކަންޏެވެ. އެ ބޭފުޅުން ވަކިކުރަން މަޖިލީހުން ނިންމާ ނިންމުމެއް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަކަށް ގާނޫނުއަސާސީގެ އެއްވެސް މާއްދާއެއްގައި ބުނެފައެއް ނެތެވެ.

ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ށ. އަކީ މި މައްސަލަ އިތުރަށް އުނދަގޫވެގެން އަންނަ ހިސާބެވެ. އެ މާއްދާގައި ވަނީ "މި ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގައިދިޔަ ގޮތުގެ ސައްހަކަން ބެލުމަށްޓަކައި ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ އެވެ،" މިފަދައިންނެވެ.

މާނައަކީ މަޖިލީހުން ފާސްކުރާ ގާނޫނުތައް ގާނޫނުއަސާސީއާ ޚިލާފްވޭތޯ ނުވަތަ ނޫންތޯ ބެލުމާއި ރައީސަކު ވަކިކުރަން މަޖިލީހުން ނިންމާ ނިންމުންތަކާ މެދު ސުވާލު އުފެދޭ ހާލަތްތައް ފިޔަވައި އެ ނޫން ހުރިހާ ކަމެއްގައި މަޖިލީހުގެ ނިންމުމަކީ ފުރަތަމަ އަދި ފަހުގެ ނިިންމުމެވެ. މިހެންވެ، ނައިބު ރައީސަކު ވަކިކުރި މައްސަލައެއް ސުޕްރީމް ކޯޓަށް ބެލިދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

ރައީސަށް ލިބޭ ހައްގެއް ނައިބު ރައީސަކަށް ނެތް!

ގާނޫނުއަސާސީ ބުނާ ގޮތުން ނައިބު ރައީސަކީ ރައީސަށް ޒިންމާ އުފުލެން ނެތް ހާލަތެއްގައި ނުވަތަ އިސްތިއުފާ ދިނުން ނުވަތަ ނުކުޅެދިއްޖެ ހާލަތެއްގައި ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމާއި ސަރުކާރުގެ އެންމެ އިސް ވެރިޔާ ކަމުގެ އިތުރުން ސިފައިންގެ އެންމެ މަތީ ވެރިިޔާ ކަމާ ހަވާލުވުމަށްޓަކައި "ލައިން އޮފް ސަކްސެޝަން" އަށް ޚާއްސަ ވެގެން ސްޓޭންޑްބައިގައި ހުންނަވާ ހަމައެކަނި ބޭފުޅާ އެވެ. ނައިބު ރައީސުންގެ ތަޖުރިބާ ކިތަންމެ ހިއްޗަސް، ގައުމު ހުސްކަމަށް ނުދިއުމަށްޓަކައި ގާނޫނުއަސާސީ ލިޔުއްވި ބޭފުޅުންނަށް އެ ނޫން ގޮތެއް ފެނިވަޑައެއް ނުގަތެވެ.

ސުޕްރީމް ކޯޓު: ދުސްތޫރީ ހުރިހާ ހައްލަކީ ކޯޓުތައް ނޫން ކަމަށް ހުކުމެއްގައި ކަނޑައެޅި --- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު: ދުސްތޫރީ ހުރިހާ ހައްލަކީ ކޯޓުތައް ނޫން ކަމަށް ހުކުމެއްގައި ކަނޑައެޅި --- ފޮޓޯ/މިހާރު

ދައުރުގެ މެދު ތެރެއިން ނޫން ގޮތަށް ރައީސުން މަގާމާ ހަވާލުވެވަޑައިގަންނަވަނީ ވެސް ނައިބު ރައީސެއްގެ އަތުގައި ހިއްޕަވައިގެން އިންތިޚާބަށް ނުކުމެވަޑައިގެން ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ރައީސަށް ލިބިވަޑައިގަތް ކޮންމެ ވޯޓަކީ އުސޫލެއްގެ ގޮތުން ނައިބު ރައީސަށް ވެސް ލިބިވަޑައިގަތް ވޯޓުތަކެވެ. އެހެންކަމުން މަގާމުން ދުރުކުރުމުން ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ރައީސުންނަށް ލިބިވަޑައިގަންނަވާ ކޯޓަށް ވަޑައިގަތުމުގެ ހައްގު ނައިބު ރައީސުންނަށް ނުލިބެންވީ ސަބަބެއް ވެސް ނެތޭ ބުނެވެން އެބަ އޮތެވެ.

މަޖިލީހަކީ މަގާމުތަކުން މީހުން ވަކިކުރުމުގެ އިތުރުން ގާނޫނުއަސާސީ އިސްލާހު ކުރުން ފަދަ ބޮޑެތި ބާރުތައް ލިބިގެންވާ ތަނަކަށް ވިޔަސް، ގާނޫނުއަސާސީ އޮތް ގޮތުން ނަމަ، މަޖިލީހަށް ވެސް ހިތުހުރި ގޮތަކަށް ކަންކަން ނިންމުމުގެ ބާރެއް ނޯންނާނެ އެވެ. މަޖިލީހުން ހަދާ ކޮންމެ ގާނޫނަކީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާ ޚިލާފް ނޫން ގާނޫނެއް ކަން ކަށަވަރުކުރުމާއި މަޖިލީހުގެ ކޮންމެ ނިންމުމެއް ގާނޫނުއަސާސީގެ އިމުގެ ތެރޭގައި އޮތުން ލާޒިމެވެ. ގާނޫނުއަސާސީއާ ޚިލާފަށް ދައުލަތުގެ ކޮންމެ ބާރަކުން ކަމެއް ނިންމިޔަސް، އެކަމެއް ބާތިލްވާނެ ކަން ގާނޫނުއަސާސީގެ 268 ވަނަ މާއްދާއިން އޮޅުމެއް ނެތި އެނގެ އެވެ.

ގާނޫނުއަސާސީގެ 144 ވަނަ މާއްދާ ބުނާ ގޮތުން ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ ދައުލަަތުގެ އިދާރާއެއްގެ މުވައްޒަފަކު ނިންމާފައިވާ ނިންމުމެއް ވިޔަސް، ގާނޫނުއަސާސީއާ ޚިލާފްވާ ނަމަ، އެކަމެއް ބާތިލް ކަމަށް ކަނޑައެޅުމަކީ ދުސްތޫރީ މައްސަލަތައް ބެލުމުގެ ތެރެއިން ކޯޓުތަކަށް ކުރެވިދާނެ ކަމެކެވެ. އެފަދަ ކަމެއްގެ ސަބަބުން އަދުލުވެރި ބަދަލެއް މީހަކަށް ދޭން ޖެހިއްޖެ ނަމަ، އެކަން ކުރުމުގެ ބާރު ވެސް އެ މާއްދާއިން ކޯޓުތަކަށް ލިބިދެ އެވެ.

ހަމައެހެންމެ، އިދާރީ ފިޔަވަޅެއްގެ ސަބަބުން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ނަމަ، ކޯޓަށް ދިއުމުގެ ހައްގު ގާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް ލިބެ އެވެ. މަގާމުން ވަކިކުރުމުން ރައީސަށް ސުޕްރީމް ކޯޓުގެ ދޮރުގައި ޓަކި ޖެއްސެވޭ ނަމަ، ނައިބު ރައީސަށް ވީތީ ކަމަށް ބުނެ އެ ދޮރު ބަންދުވުން ވެސް ހަމައެއް ނުޖެހެ އެވެ.

ކޯޓުން ހައްލެއް ދީފާނެތަ؟

ނައިބު ރައީސުން މަގާމުން ވަކިކުރުމުން ކޯޓަށް ދެވިދާނެ ކަމުގެ ސުވާލަށް، ގާނޫނުއަސާސީ އޮތް ގޮތުން މުޅިން ޖަވާބު ނުލިބެއޭ ބުނެވިދާނެ އެވެ. މި ހާލަތުގައި ދެން އޮންނާނެ "ނިއުކްލިއާ ހަތިޔާރަކީ" ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން ގާނޫނުއަސާސީގެ 113 ވަނަ މާއްދާ މާނަކޮށްދީ، ދުސްތޫރީ ހައްލެއް ނެރެ ދިނުމެވެ. އެކަމަކު މިކަން ވުމަށް ވުރެ ނުވުން ގާތެވެ. މިކަން ލަފާކުރަން އެނގެނީ ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ ގޮނޑީގެ މައްސަލާގެ ތެރެއިންނެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި ޔައުގޫބްގެ މައްސަލައަކީ ވެސް ގާނޫނުއަސާސީ އޮތް ގޮތުން ނަމަ އޮޅުންތަކެއް ހުރި، ޚިލާފީ މައްސަލައެކެވެ. މެމްބަރުންގެ ކުރުން މަނާ ކަމެއް ކުރުމުގެ ގާނޫނީ ނަތީޖާ އާއި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގައި ހުރި ތަފާތުތަކުގައި ދެކޮޅަށް ވެސް ގާނޫނީ ވަރުގަދަ ނުކުތާތަކެއް ހުއްޓެވެ. ޔައުގޫބްގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމުގައި ޑރ. ޖަމީލްގެ މައްސަލައާ ވެސް ގުޅުވާލެވިދާނެ ދެ ނުކުތާއެއް ބުނެފައިވެ އެވެ.

އެއް ކަމަކީ ގާނޫނުއަސާސީ މާނަކުރުމުގެ ތެރެއިން ގާނޫނުއަސާސީގައި ނުހިމެނޭ ކަމެއް ހިމެނުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނޯންނާނެ ކަމެވެ. ދެވަނަ ކަމަކީ ދުސްތޫރީ ހުރިހާ މައްސަލަތަކެއްގެ ހައްލު ހޯދައިދޭނެ ތަނަކީ ސުޕްރީމް ކޯޓު ނޫން ކަމެވެ. ނުވަތަ ދުސްތޫރީ މައްސަލަތަކާ ބެހޭ ގޮތުން މަޖިލީހަށް ލަފާ ދިނަސް، ގާނޫނު ހަދައިގެން ދުސްތޫރީ ހުރިހާ ބައްޔަކަށް ސުޕްރީމް ކޯޓުން ފަރުވާ ދޭނެ ކަމަށް އުއްމީދު ނުކުރުމަށެވެ.

"ގާނޫނުއަސާސީ މާނަކުރުމުގެ ތުނި ފޭރާމުގައި ގާނޫނުއަސާސީ އޮތް ހަރުފަތުގެ މައްޗަށް އިތުރު ހަރުފަތެއް ހަދައިގެން އެ ހަރުފަތުގައި ޖުޑިޝަރީ އޮތުމަކީ ދުސްތޫރީ ދައުލަތެއްގައި ގަބޫލުކުރެވޭނެ އުސޫލެއް ނޫނެވެ. ދުސްތޫރީ ހުރިހާ މައްސަލައެއްގެ ހައްލު އޮތީ ކޯޓުގައި ކަމަށް ގަބޫލުކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ،" އެ ހުކުމުގައި ބުނެފައިިވެ އެވެ.

ފަހު ބަސް ބުނުމުގައި ހަނު!

ސުޕްރީމް ކޯޓުން 2017 ގައި ނިންމާފައިވަނީ ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި ފަނޑިޔާރުންނާއި ގާނޫނުއަސާސީގައި ބަޔާންކުރާ މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަގާމުން ދުރުކުރަން މަޖިލީހުން ނިންމާ ނިންމުންތައް ތަންފީޒު ވާނީ ސުޕްރީމް ކޯޓުން ފަހު ބަސް ބުނުމުން ކަމަށެވެ. އޭރުގެ 18 ވަނަ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް އަޣުލަބިއްޔަތު ލިބިދާނެ ކަމަށް ބެލެވިފައި އޮއްވާ ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ އެޓާނީ ޖެނެރަލްގެ އޮފީހުން ދުސްތޫރީ މައްސަލައެއް ހުށަހެޅުމުންނެވެ. އެކަމަކު ޑރ. ޖަމީލް މަގާމުން ވަކިކުރީ އެ ހުކުމް އައުމުގެ ކުރިންނެވެ.

މި ހުކުމް އަދިވެސް އެބަ އޮތެވެ. އެ ހުކުމަށް ފަހު ގިނަ ބޭފުޅުންތަކެއްގެ އިތުބާރުު ނެެތްކަމުގެ ވޯޓު ނަގައި، މަގާމުން ދުރުކުރިއިރު ވެސް ސުޕްރީމް ކޯޓު އޮތީ ހަނެވެ. ސުޕްރީމް ކޯޓާއި އެހެން ބައެއް ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ބައެއް ވެރިން މަގާމުން ދުރުކޮށް، އެ މަގާމުތަކަށް އާ ބޭފުޅުން އައްޔަން ކުރިއިރު ވެސް، މަޖިލީހުުގެ އެ ނިންމުންތަކާ މެދު ސުޕްރީމް ކޯޓުން ވަކި އެއްޗެއް ނުބުނެ އެވެ. ޑރ. ޖަމީލްގެ މައްސަލާގައި ދައުލަތުން ވެސް މިހާރު ވަކާލާތު ކުރަނީ އެ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ އެވެ.

ނައިބު ރައީސަކު ގޯސް ގޮތަކަށް މަގާމުން ދުރުކޮށްފި ނަމަ، އޭގެ ހައްލު ގާނޫނުއަސާސީ އިން މުޅިއަކުން ސާފެއް ނޫނެވެ. ނައިބު ރައީސަކު ވަކިކުރި މައްސަލައެއް ފުރަތަމަ ފަހަރަށް ކޯޓެއްގައި ހިނގަމުން ދާއިރު، މި މައްސަލަ ނިމިގެން އަންނަ ގޮތުން މުހިންމު ސުވާލުތަކެއްގެ ޖަވާބު ލިބޭނެ ކަމަށް ބެލެވެ އެވެ. އެއްގޮތަކީ މަޖިލީހުން ކުރި ކުށުގެ ކައްފާރާއެއް ދިނުމެވެ. އަނެއް ގޮތަކީ މަޖިލީހުން ހެދި ގޯހަށް ދޭނެ ފަރުވާއެއް ނެތޭ ބުނެލާފައި ނިންމާލުމެވެ.