Roadha Mihaaru
ތަމަޅަ ފިލްމަކަށް ފަހު ސޮނާކްޝީގެ ތެލެގޫ ފިލްމެއް

ތަމަޅަ ފިލްމަކަށް ފަހު ސޮނާކްޝީގެ ތެލެގޫ ފިލްމެއް

14 އޯގަސްޓް 2021

އިންޑިއާގެ މަޝްހޫރު ފަންނާނު ރަޖްނީކާންތާ އެކު މީގެ ހަތް އަހަރު ކުރިން ތަމަޅަ ފިލްމު "ލިންގާ" ކުޅުނު ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ފަންނާނު ރަޖްނީކާންތާ އެކު މީގެ ހަތް އަހަރު ކުރިން ތަމަޅަ ފިލްމު "ލިންގާ" ކުޅުނު ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ މަޝްހޫރު އެކްޓަރު ޗިރަންޖީވީ، 65، ބަތަލުގެ ރޯލު ކުޅޭ ފިލްމެކެވެ. އޭނާ އަކީ މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރާ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ކާސްޓްގައި ހިމެނޭ އެކްޓަރު ރާމް ޗަރަން، 36، ގެ ބައްޕަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ސޮނާކްޝީ އަށް ފިލްމު ހުށަހެޅުމާ އެކު އޭނާ އެއަށް ފެހި ސިގްނަލް ދީފައިވެ އެވެ. އަދި ފިލްމުން އޭނާ އަށް 3.5 ކްރޯޑް ރުޕީސް ލިބޭނެ އެވެ.

ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ މި ފިލްމު ޑައިރެކްޓް ކުރާނީ ކޭއެސް ރަވިންދުރާ އެވެ. އެކަމަކު މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

މިހާތަނަށް ކުޅުނު ފިލްމުތަކުން ސޮނާކްޝީ އަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ އިރު، އޭނާ އަށް މިހާރު ލިބޭ ހުށަހެޅުންތައް ވެސް ވަރަށް މަދެވެ. ސަލްމާންގެ ޚާންގެ 2010 ގެ "ދަބަންގް" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި އަޖޭ ދޭވްގަންގެ ވަތަނީ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.

ސޮނާކްޝީ، 34، މިހާރު އަންނަނީ "ކަކުޑާ" ކިޔާ ހޮރޯ-ކޮމެޑީއެއްގެ މަސައްކަތްކުރަމުންނެވެ. އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ފޯލެން" އާއި ނެޓްފްލިކްސްގެ ސީރީޒް "ބުލްބުލް ތަރަންގް" ހިމެނެ އެވެ.