Roadha Mihaaru
އަކްޝޭ އާއި ސޮނާކްޝީ ކޮމެޑީ ފިލްމަކަށް

އަކްޝޭ އާއި ސޮނާކްޝީ ކޮމެޑީ ފިލްމަކަށް

09 ސެޕްޓެމްބަރ 2021

ކުރިން ވެސް އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ ކުމާރާއި ސޮނާކްޝީ ސިންހާ އެކީގައި އަނެއްކާ ވެސް ފިލްމަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ވެސް އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ ކުމާރާއި ސޮނާކްޝީ ސިންހާ އެކީގައި އަނެއްކާ ވެސް ފިލްމަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމަކީ 2019 ގައި "ޕަތީ ޕަތުނޯ އޯރް ވޯ" ގެނެސްދިން ޑައިރެކްޓަރު މުދައްސަރު އަޒީޒާއި ޕްރޮޑިއުސަރު އަޝްވިން ވަރްދޭ ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެވެ. މި ޕްރޮޖެކްޓާ ގުޅުން ހުރި ބަޔަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ މި ކޮމެޑީގެ ނަމަކީ "2އެކްސްއެލް" ކަމަށެވެ.

މުދައްސަރުގެ މި ފިލްމަށް އަކްޝޭ ސޮއިކުރިކަމަށް ބުނެފައި މި ވަނީ އެ ދެ މީހުން ޕްރޮޖެކްޓަކަށް މަޝްވަރާކުރަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. އަކްޝޭ އަދި މިހާތަނަށް މުދައްސަރާ އެކު މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ސޮނާކްޝީ އަކީ މުދައްސަރު 2018 ގައި ގެނެސްދިން ފިލްމު "ހެޕީ ޕިރް ބާގް ޖާއޭގީ" ގެ ބަތަލާ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ވަރަށް ތަފާތު ހެއްވާ ވާހަކައެއް ކިޔައިދޭ "2އެކްސްއެލް" ގައި އަކްޝޭގެ ކެރެކްޓާ އަކީ ހޮލީވުޑްގެ 1996 ގެ ކާމިޔާބު ފިލްމު "ދަ ނަޓީ ޕްރޮފެސާ" ގައި އެޑީ މާފީ ކުޅުނު އާދަޔާހިލާފަށް ފަލަ މީހެއްގެ ކެރެކްޓާ ކަހަލަ ރޯލެކެވެ.

މިކަހަލަ ރޯލެއް އަނިލް ކަޕޫރް 2002 ގެ "ބަދާއީ ހޯ ބަދާއީ" ގައި ކުޅެފައިވެ އެވެ.

އަކްޝޭ އާއި ސޮނާކްޝީގެ އާ ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

މި ދެ ތަރިން އެކީގައި ކުރިން ކުޅުނު ފިލްމުތަކުގެ ތެރޭގައި "ރައުޑީ ރާތޯޑް"، "ޖޯކަރް"، "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދުބާރާ" އާއި "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" އަދި "މިޝަން މަންގަލް" ހިމެނެ އެވެ.