Roadha Mihaaru
އެތައް މިލިއަން ބަޔަކު ވަނީ ވަގަށް ވޯޓު ދީފައި

އެތައް މިލިއަން ބަޔަކު ވަނީ ގަވާއިދާޚިލާފަށް ވޯޓު ދީފައި: ޓްރަމްޕް

28 ނޮވެމްބަރ 2016

ނިއު ޔޯކް (ނޮވެމްބަރު 28) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާޚިލާފަށް ވޯޓުލާފައިވާ ކަމަށާއި އެ ވޯޓުތައް ބާތިލްކޮށްފި ނަމަ މުޅި ރައްޔިތުންގެ ވޯޓުން ވެސް ކުރި ލިބޭނެ ކަމަށް ވެރިކަމަށް އިންތިޚާބުވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (ނޮވެމްބަރު 28) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާޚިލާފަށް ވޯޓުލާފައިވާ ކަމަށާއި އެ ވޯޓުތައް ބާތިލްކޮށްފި ނަމަ މުޅި ރައްޔިތުންގެ ވޯޓުން ވެސް ކުރި ލިބޭނެ ކަމަށް ވެރިކަމަށް އިންތިޚާބުވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިލެކްޓޯރަލް ކޮލެޖް ވޯޓުން ކުރި ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވި ޓްރަމްޕުގެ ތުހުމަތުގައި އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ބައެއް ސްޓޭޓްތަކުގެ ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ގްރީން ޕާޓީގެ ފަރާތުން ވޯޓު ގުނަން ހުށަހަޅާފައިވާ މައްސަލައިގައި ޑިމޮކްރެޓިކް ޕާޓީން ވެސް ބައިވެރިވެފައި ވަނިކޮށެވެ.

ހިލަރީ ކްލިންޓަން ވަނީ ޓްރަމްޕަށް ވުރެ އިތުރަށް ދެ މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މިހާތަނަށް 64.2 މިލިއަން ވޯޓު ވަނީ ހިލަރީ އަށް ލިބިވަޑައިގެންފައިވެ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 62.2 މިލިއަން ވޯޓެވެ. އެކަމަކު ޓްރަމްޕް ހޮވިވަޑައިގެންނެވީ ވެރިކަނަށް ވަޑައިގަންނަވަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓަށް ވުރެ އިތުރަށް ހޯއްދަވައިގެންނެވެ.

ޓްރަމްޕް ފަހުން ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވަނީ ގިނަ ސްޓޭޓްތަކުގައި ކެމްޕޭން ކުރުމުގެ ބަދަލުގައި ދެތިން ހަތަރު ސްޓޭޓެއްގައި ކެމްޕޭން ކޮށްލައިގެން އިލެކްޓޯރަލް ވޯޓަށް ވުރެ ޕޮޕިއުލާ ވޯޓު (މުޅި ރައްޔިތުންގެ ގިނަ ވޯޓު) ހޯއްދަވަން މާބޮޑަށް ފަސޭހަވީސް ކަމަށެވެ.

ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ޓްރަމްޕް ތުހުމަތުކޮށްފައި ވަނީ ހިލަރީ ކާމިޔާބު ހޯއްދެވި ސްޓޭޓްތައް ކަމަށްވާ ވާޖީނިއާ، ނިއު ހެމްޝަޔާ އަދި ކެލިފޯނިއާގަ އެވެ. އަދި އެމެރިކާގެ މީޑިއާތަކުން މިކަން ރިޕޯޓް ނުކުރާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އިއްޔެ ވަނީ އިންތިޚާބުން ބަލި ގަބޫލްކުރި ކަމަށް ހިލަރީ ވިދާޅުވިކަން ހަނދާން ކޮށްދެއްވައިފަ އެވެ.

ވޯޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ވޯޓު އަލުން ގުނަން ހުށަހަޅާފައި ވަނީ ވިސްކޮންސިން އާއި މިޝިގަން އަދި ޕެންސިލްވޭނިއާ އެވެ. ގްރީން ޕާޓީން ބޭނުން ވަނީ މި ސްޓޭޓްތަކުގެ ވޯޓް ޓްރަމްޕަށް ފަހިވާ ގޮތަށް ހެކް ނުކުރާކަން ޔަގީން ކުރުމަށެވެ.