Roadha Mihaaru
ޓްރަމްޕުގެ ތުހުމަތުތަކަށް ވައިޓްހައުސް އިން ރައްދު ދީފި

ޓްރަމްޕުގެ ތުހުމަތުތަކަށް ވައިޓްހައުސް އިން ރައްދު ދީފި

29 ނޮވެމްބަރ 2016

ވޮޝިންޓަން (ނޮވެމްބަރު 29) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޮޅުވާލައިގެން އެތައް ބަޔަކު ވޯޓުލާފައިވާ ކަމަށް އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން ވައިޓް ހައުސް އިން ރައްދު ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 29) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޮޅުވާލައިގެން އެތައް ބަޔަކު ވޯޓުލާފައިވާ ކަމަށް އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން ވައިޓް ހައުސް އިން ރައްދު ދީފި އެވެ.

ޕްރެސް ސެކްރެޓަރީ ޖޯޝް އާނެސްޓް ވިދާޅުވީ އެތައް މިލިއަން ވޯޓުގައި އޮޅުވާލުން ހުރި ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެކަމުގައި އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

"ޓްރަމްޕުގެ ތުހުމަތަށް ބާރު ލިބޭ އެއްވެސް ހެއްކެއް ފެންނާކަށް ނެތް،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާނެސްޓް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާޚިލާފަށް ވޯޓުލާފައިވާ ކަމަށާއި އެ ވޯޓުތައް ބާތިލްކޮށްފި ނަމަ މުޅި ރައްޔިތުންގެ ވޯޓުން ވެސް ކުރި ލިބޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ފަހުން ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވަނީ ގިނަ ސްޓޭޓްތަކުގައި ކެމްޕޭން ކުރުމުގެ ބަދަލުގައި ދެތިން ހަތަރު ސްޓޭޓެއްގައި ކެމްޕޭން ކޮށްލައިގެން އިލެކްޓޯރަލް ވޯޓަށް ވުރެ ޕޮޕިއުލާ ވޯޓު (މުޅި ރައްޔިތުންގެ ގިނަ ވޯޓު) ހޯއްދަވަން މާބޮޑަށް ފަސޭހަވީސް ކަމަށް ވިދާޅުވެފަ އެވެ.

ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ޓްރަމްޕް ތުހުމަތުކޮށްފައި ވަނީ ހިލަރީ ކްލިންޓަން ކާމިޔާބު ހޯއްދެވި ސްޓޭޓްތައް ކަމަށްވާ ވާޖީނިއާ، ނިއު ހެމްޝަޔާ އަދި ކެލިފޯނިއާގަ އެވެ. އަދި އެމެރިކާގެ މީޑިއާތަކުން މިކަން ރިޕޯޓް ނުކުރާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްްރަމްޕް މިހެން ވިދާޅުވެފައި ވަނީ ބައެއް ސްޓޭޓްތަކުގެ ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ގްރީން ޕާޓީގެ ފަރާތުން ވޯޓު ގުނަން ހުށަހަޅާފައިވާ މައްސަލައިގައި ޑިމޮކްރެޓިކް ޕާޓީން ވެސް ބައިވެރިވެފައި ވަނިކޮށެވެ.

ވޯޓު އަލުން ގުނުމަށް ގްރީން ޕާޓީގެ ކެންޑިޑޭޓް ޖިލް ސްޓެއިން މިހާތނަށް ވަނީ 6.3 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އެކަމަކު އިންތިޚާބުގެ މުޅި ކެމްޕޭނަށް ވެސް އެކަމަނާ އަށް އެއްކުރެވުނީ 3.5 މިލިއަން ޑޮލަރެވެ.

ހިލަރީ ކްލިންޓަން ވަނީ ޓްރަމްޕަށް ވުރެ އިތުރަށް ދެ މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މިހާތަނަށް 64.2 މިލިއަން ވޯޓު ވަނީ ހިލަރީ އަށް ލިބިވަޑައިގެންފައިވެ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 62.2 މިލިއަން ވޯޓެވެ. އެކަމަކު ޓްރަމްޕް ހޮވިވަޑައިގެންނެވީ ވެރިކަނަށް ވަޑައިގަންނަވަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓަށް ވުރެ އިތުރަށް ހޯއްދަވައިގެންނެވެ. ވޯޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ވޯޓު އަލުން ގުނަން ހުށަހަޅާފައި ވަނީ ވިސްކޮންސިން އާއި މިޝިގަން އަދި ޕެންސިލްވޭނިއާ އެވެ. ގްރީން ޕާޓީން ބޭނުން ވަނީ މި ސްޓޭޓްތަކުގެ ވޯޓް ޓްރަމްޕަށް ފަހިވާ ގޮތަށް ހެކް ނުކުރާކަން ޔަގީން ކުރުމަށެވެ.