Roadha Mihaaru
އަމާޒަކީ 5،000 ސޮޔާއެކު އީސީއަށް ހުށަހެޅުން:ރިޔާޒް

އަމާޒަކީ 5،000 ސޮޔާއެކު އީސީއަށް ހުށަހެޅުން، މިހާރު ވެސް 20،000 ފޯމު ގެންގޮސްފި: ރިޔާޒް

15 އޯގަސްޓް 2021

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާނީ 5،000 މީހުންގެ ސޮޔާއެކު ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އެ ޕާޓީގެ ފައުންޑިން މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމާއެކު ސިޔާސީ ކަންކަމުގައި މަސައްކަތް ކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު ރިޔާޒް އެހެން ވިދާޅުވިއިރު، އޭނާ ވަނީ މި މަހުގެ 5-12 އަށް ތ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގައި ކުރެއްވި ކެމްޕެއިންގައި 11 ރަށަކުން 500 އަށް ވުރެ ގިނަ މީހުންގެ ސޮއި އެމްއެންޕީ އަށް ހޯއްދަވައި ދެއްވައިފަ އެވެ. އެ ފޯމުތައް މިއަދު ވަނީ ނާޒިމްއާ ހަވާލުކޮށްފަ އެވެ.

ރިޔާޒް "މިހާރު" އަށް ވިދާޅުވީ، އެމްއެންޕީއާ ގުޅުމަށްޓަކައި މިހާރު ވެސް 20،000 ފޯމު އެކި ފަރާތްތަކުން ގެންގޮސްފައިވާ ކަމަށެވެ. އަދި ޕާޓީ ރަޖިސްޓަރީ ކުރަން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އީސީ އަށް ހުށަހަޅާއިރު 5،000 މީހުންގެ ސޮއި ހަމަކުރުމަކީ އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް އިސްވެ އުފައްދާ ސިޔާސީ ޕާޓީ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި އޭނާ އާއި އެ ޕާޓީގެ ބައެއް އިސްވެރިން މިިދިޔަ ޖުލައި 26 ގައި މީޑިއާއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ނާޒިމް އިސްވެ އުފައްދާ ސިޔާސީ ޕާޓީ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި އޭނާ އާއި އެ ޕާޓީގެ ބައެއް އިސްވެރިން މިިދިޔަ ޖުލައި 26 ގައި މީޑިއާއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

"އެކި ރަށްރަށަށް ފޯކަލް ޕޮއިންޓުން ކަނޑައަޅައި، އެ މީހުންގެ އެހީތެރިކަމާއެކު ޕާޓީ އަށް މެމްބަރުން ހޯދުން ވަރަށް ބާރަށް ކުރިއަށް އެބަގެންދޭ. ހަމައެކަނި ތ. އަތޮޅެއް ނޫން. ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މި ޕާޓީ އަށް ވަންނަން އެބަ ފޯމު ހުށަހަޅާ،" ރިޔާޒް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުން އެމްއެންޕީ އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ޖުލައި މަހުގެ 15 ގަ އެވެ. ގާނޫނު ބުނާ ގޮތުން ހުއްދަ ދޭ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި މަދުވެގެން 3،000 މީހުންގެ ސޮޔާއެކު އެ ޕާޓީއެއް ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅަން ޖެހެ އެވެ.

ރިޔާޒް ވިދާޅުވީ، މިހާތަނަށް ކުރި މަސައްކަތްތަކަށް ބަލާއިރު، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ކާމިޔާބު ޕާޓީއަކަށް ވާނެ. އެ އަޒުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެމްއެންޕީ އުފެއްދުމުގެ މަސައްކަތުގައި އިސްވެ މަސައްކަތް ކުރައްވަނީ ނާޒިމާއި ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އަދި މިހާރު ވެސް މަޖިލީހުގެ ފަސް މެމްބަރަކު އެ ޕާޓީގައި އެބަތިއްބެވި އެވެ.