Roadha Mihaaru
ވާދަވެރިކަމެއް ނެތި އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް

ވާދަކުރާނެ މީހަކު ނެތި އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް

14 ޑިސެމްބަރ 2022

ވަގުތު ހަމަވިއިރު އެމްއެންޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އެކަނި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަގުތު ހަމަވިއިރު އެމްއެންޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އެކަނި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އިންތިހާބެއް ބާއްވާކަށް ނުޖެހޭނެ އެވެ. އެހެންވެ ނާޒިމަށް މިހާރު ވަނީ ރިޔާސީ ޓިކެޓް ކަށަވަރުވެފަ އެވެ.

ޕީއެންސީން ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި އެ ޕާޓީގެ ޓިކެޓަށް ކުރިމަތިލުމަށް މި މަހުގެ 1 ވަނަ ދުވަހު ހުޅުވާލައިފަ އެވެ. އެ މުއްދަތު ހަމަވީ މިއަދު އެވެ.

އެމްއެންޕީގެ ތަރުޖަމާނު، ޝިދާތާ ޝަރީފު "މިހާރު" އަށް ވިދާޅުވީ މެންދުރު 2:00 ގައި މުއްދަތު ހަމަވިއިރު ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ. އެއީ ޕާޓީގެ ވަގުތީ ރައީސްކަމުގައި ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު ނާޒިމެވެ.

ޝިދާތާ ވިދާޅުވީ ރިޔާސީ ޓިކެޓު ހަވާލުކުރާނެ ވަކި ދުވަހެއް އަދި ކަނޑަނާޅާ ކަމަށެވެ. އެކަމަކު، ޓިކެޓު ހަވާލުކުރުމާ އެކު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ މެންބަރުންގެ އަދަދު އިތުރުކޮށް، މުޅި ރާއްޖެއަށް އެ ޕާޓީ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން، އެމްއެންޕީގައި މިހާރު 10،424 މެންބަރުން އެބަތިއްބެވެ.